Support Us

ބްރިކްސްގެ ހަފުތާއަކަށް ދެމިގެންދާ ހަނގުރާމަމަތީ ތަމްރީންތަކުގައި ބައިވެރިވުމަށް ރަޝިޔާ، ޗައިނާ އަދި އީރާންގެ އަސްކަރީ މަނަވަރުތައް ހުކުރު ދުވަހު ދެކުނު އެފްރިކާގެ ބަނދަރެއްގައި

އެމެރިކާއާ ގުޅުން ގޯސްވެދާނެތީ ބްރިކްސްގެ ހަނގުރާމަމަތީ ތަމްރީންތަކުގައި އިންޑިއާއިން މި ފަހަރު ބައިވެރިނުވޭ

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ނުފޫޒު ދުނިޔޭގައި ވަރުގަދަ ކުރުމަށް އުފައްދައިފައިވާ ބްރިކްސް ޖަމިއްޔާގެ ހަނގުރާމަމަތީ ތަމްރީންތަކުގައި އިންޑިއާއިން މި ފަހަރު ބައިވެރިނުވާން ނިންމައިފިއެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ މިއީ ބައިނަލްއަގުވާމީ މަސްރަހު މި ވަގުތު ހުރި ގޮތުން އެމެރިކާއާ ގުޅުން ގޯސްވެދާނެތީ އިންޑިއާއިން ނިންމި ގޮތެއް ކަމަށެވެ.

ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަތުމަކީ ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައަށް އިންޑިއާއިން ތާއީދުކުރުން ކަމަށް ބުނެ އެމެރިކާއިން ވަނީ އިންޑިއާގެ މުދަލުގެ ޑިއުޓީ ވެސް ބޮޑުކޮށްފައެވެ.

ބްރިކްސްއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި އިގުތިސާދީ އަދި ސިޔާސީ ގުޅުން ވެސް ރަނގަޅުކުރަން އުފައްދައިފައިވާ ޖަމިއްޔާއެކެވެ. ބްރިކްސްގައި މިހާރު ހިމެނޭ 10 ގައުމަކީ އިންޑިއާގެ އިތުރުން ރަޝިޔާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ދެކުނު އެފްރިކާ، ބްރެޒިލް، މިސްރު، އީރާން، އިތިއޯޕިއާ އަދި އިންޑޮނޭޝިއާއެވެ. ބްރިކްސްގައި މި ގައުމުތައް ހިމެނޭތީ މިއީ ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. ބައިނަލްއަގުވާމީ މުއައްސަސާތަކާއި ދުނިޔޭގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ އަޑު އުފުލުމަކީ ވެސް މި ޖަމިއްޔާގެ މަގުސަދެކެވެ.

ބްރިކްސްގެ މި ފަހަރުގެ ހަނގުރާމަމަތީ ތަމްރީންތައް ފެށުމަށް އިއްޔެ ދެކުނު އެފްރިކާގައި ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ޖޮއިންޓް ޓާސްކް ފޯސް ކޮމާންޑަރު، ކެޕްޓަން އަންޑްވަކްހުލު ޓޯމަސް ތަމަހަ ބުނީ ހަނގުރާމަމަތީ ތަމްރީންތަކަކީ ހަމައެކަނި އެ މާނައިގައި ބާއްވާ އަސްކަރީ ތަމްރީންތަކެއް ނޫން ކަމަށެވެ.

"މިއީ އަހަރެމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރާކަން ދައްކުވައިދޭ ކަމެއް. ކަނޑުމަތީގެ މާހައުލުގެ ކަންތައްތައް ބަދަލުވަމުންދާ އިރެއްގައި މި ގޮތަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ހަމައެކަނި އިހުތިޔާރީ ކަމެއް ކަމަކަށް ނުބެލެވޭނެ. މި ފަދަ ގުޅުންތަކަކީ ކޮންމެހެން މުހިންމު ކަމެއް،" އޭނާ ބުންޏެވެ.

ބްރިކްސްގެ އަސްލު މަގުސަދު ތެރޭގައި އަސްކަރީ ހަރަކާތްތަކެއް ނުހިމެނެއެވެ. މިހެންވެ ހަފުތާއަކަށް ދެމިގެންދާ އަސްކަރީ ތަމްރީން ޕްރޮގްރާމްގައި އިންޑިއާއިން ބައިވެރިނުވި ނަމަވެސް އިގުތިސާދީ ކަންތައްތަކުގައި ބްރިކްސްގައި އިންޑިއާއިން ފުރިހަމައަށް ބައިވެރިވަމުންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *