Support Us

އީރާންގެ ވެރިރަށް ތެހްރާންގެ މަގުބޫލު ގްރޭންޑް ބާޒާރުގައި މުޒާހަރާތައް ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން އަންގާރަ ދުވަހު ކަރުނަ ގޭސް ބޭނުންކުރަނީ

މުޒާހަރާތަކުގެ މައްސަލައިގައި އެމެރިކާއިން އާ އިންޒާރެއް ދިނުމުން އީރާންގެ އަސްކަރިއްޔާއިން ރައްދު ދީފި

އީރާންގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުން ފެށި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ގަޔަށް ބަޑިޖަހަން ފަށައިފިނަމަ އެމެރިކާއިން އީރާނަށް އަރައި އީރާންގެ ސިފައިންގެ ގަޔަށް ބަޑިޖަހާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އިންޒާރެއް ދެއްވުމުން އީރާންގެ އަސްކަރިއްޔާއިން މިއަދު ރައްދު ދީފިއެވެ.

"ގައުމީ މަސްލަހަތާއި އަސްކަރީ އިންފްރާސްޓްރަކްޗަރާއި އާއްމު ތަންތަން ރައްކާތެރިކުރާނަން،" އީރާންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އީރާންގެ އަސްކަރިއްޔާއިން ބުނީ "އިސްރާއީލާއި ދުޝްމިން ޓެރަރިސްޓް ގްރޫޕްތަކުން ވެސް އީރާންގެ ސަލާމަތްތެރިކަން ނަގައިލަން މަސައްކަތްކުރަމުންދާ" ކަމަށެވެ.

އީރާން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ނޯވޭގައި ގާއިމުކޮށްފައިވާ ޖަމިއްޔާ، އީރާން ހިއުމަން ރައިޓްސްއިން ބުނީ ނުވަ ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 51 މުޒާހަރާކުރުންތެރިން އީރާންގެ ސަލާމަތީ ބާރުތަކުން މަރައިލައިފައިވާ ކަމަށެވެ.

އީރާނުން ވަނީ މުޒާހަރާކުރުންތެރިންނާ ކުރިމަތިލި ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ ތެރެއިން މަރުވި މީހުންގެ ޖަނާޒާތައް ޓީވީން ދައްކައިފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އެކްސްގައި މިއަދު ލިޔުއްވީ "އީރާންގެ ކެރޭ ރައްޔިތުންނަށް އެމެރިކާއިން ތާއީދުކުރާ" ކަމަށެވެ.

މުޒާހަރާތައް ހުއްޓުވަން އީރާންގައި އިންޓަނެޓްގެ ހިދުމަތް ކަނޑައިލުމުން ފާޑުކިޔާ ފަރާތްތަކުން ބުނީ ބޭނުމަކީ މުޒާހަރާކުރުންތެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގާ އަނިޔާވެރިކަން ފޮރުވުން ކަމަށެވެ.

ތަސްނީމް ނިއުސް އެޖެންސީން ބުނީ "ހަތިޔާރު އެޅި" 100 މުޒާހަރާކުރުންތެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އީރާންގެ ބަންޑާރަ ނައިބު މުހައްމަދު މުވަހަދީ އަޒަދު މިއަދު ވިދާޅުވީ މުޒާހަރާގައި ބައިވެރިވާ ކޮންމެ މީހަކާމެދު ބަލާނީ އެއީ "މާތް ކަލާނގޭގެ ދުޝްމިނެއް"ގެ ގޮތުގައި ކަމަށެވެ. މި ދައުވާއަކީ ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު އީރާންގައި ދޭ ދައުވާއެކެވެ.

އީރާންގައި މިހާރު ކުރިއަށްދަނީ 2022 އިން 2023 އަށް ހިނގި މުޒާހަރާތަކަށްފަހު ހިނގަމުންދާ އެންމެ ބޮޑު މުޒާހަރާތަކެވެ. އެ ފަހަރު މުޒާހަރާތައް ފެށީ އީރާންގައި އަންހެނުން ހެދުން އަޅަންޖެހޭ މިންގަނޑުތަކާ ހިލާފަށް މަހްސާ އަމީނީ ހެދުން އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުވުމުން، އެއީ ސަލާމަތީ ބާރުތަކުން އޭނާއަށް އަނިޔާކޮށް މަރައިލީ ކަމަށް ތުހުމަތުކޮށްފައެވެ.

އީރާންގައި 1979 ގައި އިސްލާމީ އިންގިލާބެއް ގެނައުމަށްފަހު މިވީ އަހަރުތަކުގައި ހިނގައިފައިވާ މުޒާހަރާތަކުގައި ގާތްގަނޑަކަށް މުޅިއެކު 3،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *