އީރާނުން ނިއުކްލިއަ ޕްރޮގްރާމް އަލުން ބިނާކުރަން ފަށައިފިނަމަ ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ އިއްޔެ އެމެރިކާގައި ބައްދަލުކުރެއްވުމަށްފަހުއެވެ.
އެމެރިކާއިންވަނީ އިސްރާއީލާ ގުޅިގެން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތަކަށް މި ދިޔަ ޖޫން މަހު ހަމަލާދީފައެވެ.
"ނިއުކްލިއަ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ގާބިލުކަން އީރާނުން އަލުން ތަރައްގީކުރަން ފަށައިފިނަމަ އެ ދެ މަޝްރޫއު ވެސް ހުއްޓުވައިލައިނަން،" ޓްރަމްޕް ވިދާޅުވިއެވެ.
"ކުރިމަގުގައި އަހަރެމެން އަޅާނެ އަސްކަރީ ފިޔަވަޅު މާ ވަރުގަދަކުރާނަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޖޫން 13 ގައި އިސްރާއީލުންވަނީ އީރާންގައި ޔުރެނިއަމް ފައްކާކުރާ މަރުކަޒެއްކަމަށްވާ ނަތަންޒްއަށް ހަމަލާދީފައެވެ. އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިންގާ ތަންތަނަށް ވެސް ހަމަލާދިނެވެ.
ޖޫން 21 އާއި 22 ގައި އެމެރިކާއިން އީރާންގެ މައިގަނދު ތިން ނިއުކްލިއަ މަރުކަޒަށްވަނީ ހަމަލާދީފައެވެ. އެއީ ނަތަންޒް ވެސް ހިމެނޭ ގޮތަށް ފުރްދޫ އާއި އިސްފަހާންއަށެވެ.
އެމެރިކާއިން ހަމަލާދިނީ ރާޑަރަށް ނާރާ ސްޓެލްތް ބޮމްބާ މަތިންދާބޯޓާއި ކްރޫޒް މިސައިލް ބޭނުންކޮށްގެންނެވެ.
"މި ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއަ އިންފްރާސްޓްރަކްޗަރަށް ބޮޑު ގެއްލުމެއް ދެވުނު،" އެމެރިކާގެ އޮފިޝަލަކު އެއިރު ބުނެފައިވެއެވެ.



advertisment