Support Us

ކޮލަމް: މިޒާޖު

ކޮލަމް: މިޒާޖު: ހާލަތު ބަދަލުކުރުމުގެ ފުރިހަމަ ބާރު އިންސާނާއަށް ލިބިފައިވޭބާ؟

އިންސާނާއަށް އޭނާގެ ހާލަތު ބަދަލުކުރުމުގެ ފުރިހަމަ ބާރު ލިބިފައިވޭބާއެވެ؟ މި ސުވާލަކީ މިޒަމާނުގައި ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ، މީހުންނަށް ވިއްކައިލެވޭ ވިސްނުމެކެވެ. މިއީ ވަރަށް ބާރުވެރިކުރުވާ އަދި ހިތްވަރުދޭ ވިސްނުމެކެވެ. އަމިއްލަ ހާލަތުގެ އަޅަކަށް ނުވެ، އަމިއްލަ މުސްތަގުބަލުގެ ރާސްތާ ކަނޑައަޅައި، ކާމިޔާބީ ހޯދާ މީހަކަށް ވުމުގެ ވިސްނުމަކީ ހަގީގަތުގައި ވެސް އުންމީދު އާލާކޮށްދޭ ކަމެކެވެ. މިފަދަ ކަންކަން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވާ މީހުންގެ ލިސްޓު ދިގެވެ. އިންޓަނެޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ވީޑިއޯތަކުންނާއި، އަދި ކާމިޔާބީގެ އެތައް ވާހަކަތަކަކުން މިކަން ސާބިތުކޮށްދެއެވެ. މިގޮތަށް އަމިއްލަ ހާލަތުގެ މައްޗަށް ބާރު ހިންގުމަށް ބޭނުންނުވާނީ ކާކު ހެއްޔެވެ؟

ނަމަވެސް، މިފަދަ އުންމީދީ ވިސްނުމަށް ތަބާވެގެން، ކާމިޔާބީގެ އެފަދަ ވާހަކަތައް އަޑުއަހައި، އެއަށް އަމަލުކޮށްގެންވެސް، ގިނަ ބަޔަކަށް އެމީހުންގެ ހާލަތުގެ މައްޗަށް ބާރު ނުހިންގެނީ ކިހިނެއްވެގެން ހެއްޔެވެ؟ މިކަމުގެ އަސްލު ސަބަބުތައް ހާމަކޮށްދޭ މާ ގިނަ ވާހަކަތަކެއް ފެންނާކަށް ނެތެވެ. އަދި އެފަދަ ވާހަކަތައް އަޑުއެހުމަށް މީހުންގެ ޝައުގުވެރިކަމެއް ވެސް ނުހުރެއެވެ. ނަމަވެސް، މި ސަބަބުތައް ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ، މި އުޖާލާ ވިސްނުމުގެ ފުރަގަހަށް އެޅިފައިވާ ހިޔަނީގައި ފޮރުވިފައިވާ ސިއްރުތައް ދެނެގަތުމުންނެވެ. މި ސިއްރުތައް ހޯދުމަށް ނަޒަރު ހިންގައިލަން ޖެހެނީ ހަމީދާ ކަހަލަ އާދައިގެ އަންހެނެއްގެ ދިރިއުޅުމަށެވެ.

ހަމީދާއަކީ މިފަދަ އާދައިގެ މީހެކެވެ. އޭނާގެ ވާހަކައަކީ މީޑިއާތަކުން އިންޓަވިއުތަކެއް ކޮށްގެން ލިޔެވޭ ފަދަ ވާހަކައެއް ނޫނެވެ. އެޑިޓަރެއްގެ ބަހުންނަމަ އޭނާގެ ވާހަކައިގައި ’10 ކިލޯ' ވެސް ހަމައެއްނުވެއެވެ. ނަމަވެސް، ހަމީދާ ފަދަ މީހެއްގެ ވާހަކަ ދެނެނުގަނެ، މުޖުތަމައުގައި ކާމިޔާބީއަށް ކުރިމަތިލައިގެން އުޅޭ ގިނަ ބަޔަކަށް ކުރިއެރުމެއް ނުލިބޭ ސަބަބެއް ދެނެގަތުމަކީ ދަތިކަމެކެވެ. އިންސާނީ ޖީލުތައް އެއްގޮތަކަށް އުޅެ، ބައްޓަންވެ ނިމިގެން ދަނީ ކީއްވެގެން ކަމެއް ވެސް އެއްގޮތަކަށް ނުވިސްނޭނެއެވެ.

ހަމީދާގެ އުމުރުން 14 އަހަރުގައި، އެހެން މީހުންގެ ގޭގޭގައި ނޯކިރީ ކޮށްދޭން ފަށައިފިއެވެ. އެ މަސައްކަތުގެ ސަބަބުން މަސައްކަތްތެރިކަމުގެ ގޮތުން ގާބިލުކަން ލިބުނެވެ. އަދި ހަނުހުންނަން ވެސް ދަސްވިއެވެ. ސަބަބަކީ އޭނާ މަސައްކަތްކުރީ، އޭނާގެ ހިޔާލާ ވިސްނުން އަޑުއަހަން ބޭނުންވާ މާހައުލެއްގައެއް ނޫނެވެ. އެމީހުން ބޭނުންވާ ކަންކަން އޭނާއަށް އެނގޭ އެންމެ ރަނގަޅުގޮތަކަށް ކުރުމުން، އޭނާގެ ޒިންމާ އެ ހިސާބުން ނިމުނީއެވެ.

މި މަސައްކަތަށް އޭނާ ވެއްދީ އޭނާގެ މަންމައެވެ. ސަބަބަކީ، ހަމީދާ ވަރަށް ކުޑައިރު، އޭނާގެ ބައްޕަ އެމީހުން ދޫކޮށްލައިފައި ދިޔުމުންނެވެ. އޭނާގެ ބޮލުގައި އާއިލާގެ އެހެން ކުދިންގެ ތައުލީމުގެ ޒިންމާ އެޅީ އޭނާގެ އިހްތިޔާރެއްގައެއް ނޫނެވެ؛ އެއީ މަންމަ ނިންމި ނިންމުމެކެވެ. މިއީ އޭނާވި ގުރުބާނީއެއްގެ ގޮތުގައި އޭނާއަށް ނުވިސްނުނު ނަމަވެސް، އެއީ ގުރުބާނީއެއް ނޫން ދެން ކޯއްޗެއް ހެއްޔެވެ؟ މި މުޖުތަމައުގައި ހަމީދާގެ މަންމަ ނިންމި ނިންމުން ނިންމައިފައިވާ ކިތައް މައިން ތިބޭނެ ހެއްޔެވެ؟ ނިމުނުއިރު، އެހެން ކުދިންގެ ތައުލީމުގެ ހައްގުގައި ހަމީދާގެ ތައުލީމީ ފުރުސަތު ގެއްލުނީއެވެ.

ހަމީދާ ޅަފަތުގައި ކައިވެންޏެއްކުރީ، އޭނާގެ ދިރިއުޅުމަށް ބަދަލެއް ގެނައުމުގެ އުންމީދުގައެވެ. މިއީ މި މުޖުތަމައުގެ އެހެން އަންހެނުން ވެސް ކައިވެނިކުރާ މައިގަނޑު ސަބަބެކެވެ. ނަމަވެސް، ކައިވެނީގެ ކުރީކޮޅު އެމީހާގެ ފަރާތުން އަނިޔާވެރިކަން ފާޅުވިއެވެ. ހަމީދާ ތެޅިގެން އެ ކައިވެނިން ދުރަށް ދާކަށް ނުވިސްނިއެވެ. ކެތްތެރިކަމުގެ ދާވަނިން އޭނާ ރައްކާތެރިކަން ހޯދިއެވެ. އޭނާ ދޫކޮށްލައިފައި ވަކި މޮޅުގޮތެއް ހަމީދާއަށް އޮތްކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އޭނާއަށް ލިބިފައިވާ ތަމްރީނުގެ ބައެއް ކަމަށް ވިސްނަމާތޯއެވެ.

އެ ކައިވެންޏަށް ފުލުފުލުގައި ތިން ކުދިން ލިބިއްޖެއެވެ. އެމީހުން ދިރިއުޅެމުން ގެންދިޔައީ ހަމީދާގެ މަންމަމެންގެއިން ހުރި ކުޑަ ކޮޓަރިއެއްގައެވެ. ހަމީދާއާ އޭނާގެ ފިރިމީހާއަށް ލިބޭ އެއްޗަކުން ކިރިޔާ ކިރިޔާ ކުދިންގެ ހަރަދު ބަލައިފައި، ގޭގެ ހަރަދަށް އެއްޗެއް ދެވެނީއެވެ. އެ ކައިވެނީގައި ލިބުނު އަނިޔާއާ ވޭނަށް ކެތްތެރިވެގެން ހަމީދާ ދިހަ އަހަރު އުޅުނެވެ. އޭގެ ފަހުން، އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލައިފައި، އެހެން މީހެއް ހޯދައިގެން ހިނގައްޖެއެވެ.

އޭނާގެ މަންމަގެ އެހީތެރިކަން ނުލިބުނު ނަމަ، ހަމީދާއަށް އޭނާގެ ބޮޑު ދަރިފުޅުގެ ކިޔެވުން ގުރުބާންކޮށްފައި، އޭނާ މަސައްކަތަކަށް ފޮނުވަން މަޖުބޫރުވީހެވެ. ނަމަވެސް، އޭނާއަށް ވީގޮތް އޭނާގެ ދަރިންނަށް ވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާއަށް ވީވަރަކުން ހުރިހާ ދަރިންނަށް ސާނަވީ ތައުލީމު ނިމެންދެން ކިޔަވައިދިނެވެ. ނަމަވެސް، އޭނާގެ ކޮއްކޮމެންގެ ކުދިން ފަދައިން ހަމީދާގެ ދަރިން އިތުރަށް ކިޔަވާކަށް ބޭނުމެއް ނުވިއެވެ. ސުކޫލު ނިމުމާއެކު އެ ހުރިހާ ކުދިން ވެސް މީހަކާ އިނދެގެން އެހެން ގޭގަޔަށް ބަދަލުވެއްޖެއެވެ.

މިއަދު ހަމީދާ ދިރިއުޅެނީ ސަރުކާރުން ލިބިފައިވާ ފްލެޓެއްގައެވެ. އޭނާ އަދިވެސް ފައިސާ ހޯދަނީ މީހުންނަށް މަސައްކަތްކޮށްދީގެންނެވެ. އޭނާ ފްލެޓަށް ދައްކަން ޖެހޭ ކުލި ދައްކައި، ބިލުތައް ދައްކައި ހަދައިފައި ހައްޖަށް ދާން އެއްޗެއް ރައްކާކުރެވޭ ވަރުވެއެވެ. އޭނާގެ ކަންކަމުގައި އެއްވެސް މީހަކަށް ބަރޯސާއެއް ނުވެއެވެ. އެކަމާ އޭނާ ހިތްހަމަޖެހޭ ކަމުގައި އަމިއްލަ ނަފުސަށް ބުނެދިން ނަމަވެސް، ހަގީގަތުގައި އޭނާއަކަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބެއެވެ.

ހަމީދާ މިހާރު ކޮށްގެން އުޅޭ ކައިވެނީގައި އޭނާއަށް ކޮންމެވެސް ވަރެއްގެ ބާރުވެރިކަމެއް ލިބިފައިވާހެން ހީވެއެވެ. އެއީ ލޯބިން ކުރި ކައިވެންޏެއް ނޫނެވެ؛ އެކަނިވެރިކަން ފިލުވުމަށް، އަދި ކައިރީގައި މީހެއް ހުރެޔޭ ބުނަން ކޮށްގެން އުޅޭ ކައިވެންޏެކެވެ. އޭނާގެ ފިރިމީހާއަކީ ހުޅުމާލޭ ވެއަރ ހައުސެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ ރަށުގައި އެހެން އަންބެއް ހުރެއެވެ. އޭނާ ހަމީދާއާ ކައިވެނި ކުރީ ކުލި ނުދައްކައި ދިރިއުޅެންކަން ހަމީދާއަށް ވިސްނެއެވެ.

މިކަން މިހެން އޮތުމުން ހަމީދާއަށް ކަމުދެއެވެ. އޭނާގެ ފިރިމީހާގެ އަތުން ފްލެޓުގެ އެއްވެސް ކަމަކަށް ފައިސާ ނުނަގާތީ، އެ ފްލެޓުގެ ހުރިހާ ކަމެއްގައި ބާރު އޮންނަނީ އޭނާގެ ކަމަށް ވާތީއެވެ. އޭނާގެ ފިރިމީހާގެ ފިރިހެން ދަރިފުޅު ރިސޯޓުން ލިބޭ އޮފްޑޭ ތަކުގައި އެ ގޭގައި މަޑުކުރަން ބުނުމުން، އެކަމަށް ހަމީދާ އިންކާރުކުރަނީ އޭނާ ގޯސްކަމަކުން ނޫނެވެ. ނަމަވެސް، އުމުރު ދުވަހު އެއްވެސް ކަމެއްގެ މައްޗަށް ބާރެއް ލިބިފައި ނެތް މީހަކަށް ލިބިފައިވާ ބާރުގެ މައްޗަށް އެހެން މީހުން ނުފޫޒު ފޯރުވަން ބޭނުން ނުވާތީއެވެ. "ބައްޕައެއް ހުންނަ ތާކު ދަރިޔަކަށް ހުރެވޭނެޔޭ" އޭނާގެ ފިރިމީހާ ބުންޏަސް، އޭނާގެ ފަރުވާލެއް ނެތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ ކައިރިން އެދޭ ކަމަކަށް އިންކާރުކުރުމުގެ ބާރު އޭނާއަށް ލިބިއްޖެއެވެ.

ހަޔާތުގެ ފަހުކޮޅަށް އަޅައިފައިވާ ހަމީދާގެ އުންމީދަކަށްވީ، އޭނާގެ ދަރިންނަށް އޭނާއަށް ވުރެ ފާގަތި މުސްތަގުބަލެއް ލިބުމެވެ. ނަމަވެސް، އޭނާގެ ދަރިންގެ ދިރިއުޅުން ފެނިފައި އޭނާއަށް ހިތްދަތިކަން އިހުސާސުވެއެވެ. ތައުލީމީ ފެންވަރު ދަށްކަމުން އެމީހުންނަށް މާމޮޅު ވަޒީފާތަކެއް ލިބެން ނެތްތާ، އެމީހުން ހިޔާރުކުރި ފިރިންނަކީ އަތުން ފައިން މަސައްކަތެއް ނުކުރާ، ގޭގައި ދެފައި ދަމައިގެން ތިބޭ މީހުންނެވެ. އެކަމާ ބެހޭ ގޮތުން ހަމީދާ އެއްޗެއް ބުނެފިއްޔޭ އެކުދިން ހަމީދާއާ ޒުވާބުކުރެއެވެ. ހަމީދާގެ ފިރިމީހާ އޭނާއަށް އަނިޔާކުރި ގޮތަށް އެމީހުންނަށް އަނިޔާ ނުކުރާ ވާހަކަ ގޮވައިލައެވެ. އެމީހުންގެ ފިރިންނަށް ހަރަދުކޮށްގެން އުޅެން ޖެހުމަކީ ވެސް ޒާތެއްގެ އަނިޔާއެއް ކަމަކަށް އެމީހުންނަކަށް ނުފެނެއެވެ. ނަމަވެސް އެމީހުންގެ ނިންމުމުގެ ފަހަތުގައި ވަނީ ހަމީދާގެ އަމިއްލަ ނިންމުމާ އެއްގޮތް ސަބަބުތަކެއްކަން ހަމީދާއަކަށް ނުވިސްނެއެވެ.

މިހާރު ހަމީދާގެ މަންމަމެންގެއިން ލިބުނު ތަންކޮޅު ކުއްޔަށް ދީގެން ލިބޭ އެއްޗަކުން ހަމީދާ ކޮންމެ ކުއްޖަކަށް މަހަކު ވަކި ވަރެއް ދެއެވެ. އެކުދިންނަށް އެ ހާލަތު މެދުވެރިވެފައިވަނީ އޭނާގެ ކޮންމެވެސް އިހުމާލަކުންނޭ ހިތަށް އަރައެވެ. އެކަމަކު އެއީ ކޮން އިހުމާލަކުން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. ނަމަވެސް ފެންނަ ހަގީގަތަކީ އޭނާގެ ދިރިއުޅުމާއި އޭނާގެ މަންމަގެ ދިރިއުޅުން އެއްގޮތް ކަމެވެ. އަދި އޭނާގެ ދިރިއުޅުމާއި އޭނާގެ ދަރިންގެ ދިރިއުޅުން އެއްގޮތް ކަމެވެ.

ހަމީދާ ގަބޫލުކުރަނީ އޭނާއަކީ ދިރިއުޅުމުގައި މާ ބައިވަރު ކާމިޔާބީތަކެއް ލިބިފައި ނެތް މީހެއްގެ ގޮތުގައެވެ. ނަމަވެސް، މިއީ އޭނާ މީހުންނާ ހިއްސާކުރާ ވިސްނުމެއް ނޫނެވެ. މީހުންނާ އޭނާގެ އަމިއްލަ ވާހަކަ ހިއްސާކުރުމަކީ އޭނާގެ އާދައެއް ނޫނެވެ. އޭނާގެ ހަޔާތުން ލިބިފައިވާ ތަމްރީނަކީ އެއީއެވެ: ދިމާވާ އެއްވެސް ކަމަކާ ޝަކުވާ ނުކުރުމާއި، ކޮންމެ ކަމަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމެވެ.

ކާމިޔާބީގެ ވާހަކަތަކުގައި ފެންނަ ބަތަލުންނެކޭ އެއްފަދައިން، މީހުން އަޖައިބުކޮށްލާފަދަ ބަދަލުތަކެއް އޭނާގެ ހަޔާތަށް ގެނެސްގެން، އޭނާއަކީ ހާލަތުގެ މައްޗަށް ބާރު ފޯރުވޭ މީހެއްކަން އަންގައިދިނުމަކީ ހަމީދާގެ ވިސްނުމުގައި ހިމެނޭ ކަމެއް ނޫނެވެ. އޭނާގެ ހަޔާތުގައި ނިންމާނޭ ކޮންމެ ނިންމުމެއް ވެސް ވަނީ، މާ ކުރިން ކަންކަން ވެފައިވާ ގޮތުން ބައްޓަންވެ ނިމިފައިކަމަށް އޭނާއަށް ވިސްނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް، ކަން ނިމޭއިރު ވަނީ އެއްގޮތަކަށް ކަމަށް އޭނާއަށް އެނގެއެވެ.

އޭގެ ސަބަބަކީ، ކިތަންމެ ވިސްނައިގެން ނަގާ ނިންމުންތައް ވެސް ނިންމަނީ ވަކި ގޮތަކަށް 'ޕްރޮގްރާމު' ވެފައިވާ އޭނާގެ ސިކުނޑިން ކަމެވެ. އޭނާގެ ސިކުނޑި ހޭނިފައިވަނީ ފަގީރުކަމާއި މަޖުބޫރުކަމުގެ ފިއްތުންތަކާއެވެ. އޭނާގެ ސިކުނޑީގެ ވިސްނުމުގެ ބިންގަލަކީ، އޭނާއަށް އެއްވެސް ބާރެއް ނުހިނގާ އިރުގައި، އޭނާގެ ދިރިއުޅުމުގައި އެހެން މީހުން ނިންމައިދިން ނިންމުންތަކުގެ މައްޗަށެވެ. އޭނާގެ ސިކުނޑިއަށް ލިބިފައިވާ ތަމްރީނަކީ، ކުޑައިރުގައި ނަގަން ޖެހުނު ޒިންމާތަކުގެ މައްޗަށެވެ. އެ ތަމްރީނުތައް ފިޔަވައި، އޭނާއަށް ތައުލީމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ.

ހަމީދާއަށް ވިސްނޭ އެންމެ ބޮޑު އެއްޗަކީ އޭނާއަކަށް މީހުންނަށް ބަރޯސާވާކަށް ދަސްވެފައެއް ނެތްކަމެވެ. މިހާތަނަށް އޭނާގެ ކަންކަމުގައި ޒިންމާ ނެގި މީހުން ޒިންމާ ނަގައިފައިވަނީ، އޭނާ ގަބޫލުކުރާ ގޮތުގައި، އެންމެ ރަނގަޅަކަށް ނޫނެވެ. އެކި ގޮތްގޮތުން ކުރިމަތިވެފައިވާ އަނިޔާތަކާ މެދު ވިސްނުމުން އޭނާގެ ހިތަށް ގިލަންވެރިކަން އާދެއެވެ. ރޭގަނޑު ނުނިދާ އެނދުގައި އޮވެގެން، އޭނާގެ ހާލަތުގެ މައްޗަށް އޭނާއަށް ބާރުފޯރުވުނީސްތޯ ކުރާ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.

މުޖުތަމައުތައް ކުރިއަރައިގެން ނުގޮސް އެއްގޮތަކަށް ދެމިގެން ދަނީ ކީއްވެގެންތޯއާއި، އެ މުޖުތަމައުއެއްގެ އަފުރާދުން އެމީހުންގެ ދިރިއުޅުން ބަދަލުކުރުމަށް ބާރު ނުފޯރުވަނީ ކީއްވެގެންތޯ ކުރާ ސުވާލުގެ ޖަވާބު ލިބެނީ ހަމީދާ ކަހަލަ އެތައް ވާހަކައަކަށް ނަޒަރު ހިންގައިގެންނެވެ. މިފަދަ ވާހަކަތަކުން ފެނިގެން ދަނީ މުޖުތަމައުގައި ކަންކަން ހިނގަމުންދާ ތަކުރާރުވަމުންދާ ގޮތެވެ. ހަމީދާގެ މަންމަގެ ދިރިއުޅުމާއި، އޭނާގެ ދިރިއުޅުމާއި، އަދި އޭނާގެ ދަރިންގެ ދިރިއުޅުމުގައި ތަފާތުތަކެއް ފެނެއެވެ. ނަމަވެސް، ބަލާ މީހަކަށް އެއީ އެއް ތަތްގަނޑަކުން ނުކުމެފައިވާ ވާހަކަތަކެއްކަން އެނގެއެވެ.