އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި މާދަމާ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީއާ ބައްދަލުކުރައްވަން ހަމަޖައްސަވައިފައިވަނިކޮށް ރަޝިޔާއިން މިއަދު ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މަދުވެގެން އެކަކު މަރުވެ އެތައް ދޮޅަހެއްގެ މީހުން ޒަހަމްވި ހަމަލާއިން ދައްކައިދެނީ ރަޝިޔާއިން ޑިޕްލޮމެސީގެ ބާރު ކަނޑުވައިލަން އުޅޭކަން ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. އެ ގޮތުން ރަޝިޔާއާއެކު ސުލްހަ ގާއިމުކުރުމަކީ ނާޒުކު ފައްތަރެއްގައި އޮތް ކަމެއް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މިސައިލާއި ޑްރޯނުން ހަމަލާދިނީ ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ސުލްހައިގެ ވާހަކަތައް އިތުރު ހަރުފަތަކަށް ގެންދެވޭތޯ އެމެރިކާއިން މަސައްކަތް ކުރަމުންދަނިކޮށެވެ.
ސުލްހައިގެ މަގު ހިޔާރު ކުރުވުމަށް ރަޝިޔާއަށް މިހާރަށްވުރެ ބޮޑަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޒެލެންސްކީ ގޮވައިލެއްވިއެވެ.

"ލިބޭ ކޮންމެ ފުރުސަތެއްގައި ރަޝިޔާއިން މަސައްކަތް ކުރަނީ ޔޫކްރެއިނަށް އިތުރު ވޭން ދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ވައިގެ މަގުން ދިން ހަމަލާތަކުގައި ހަކަތަ ފޯރުކޮށްދޭ އިންފްރާސްޓްރަކްޗަރުތައް ހަލާކުވެ، މި ހަރީފު މޫސުމުގައި ކިޔެވްގެ ބައެއް ގެދޮރާއި އިމާރާތްތައް ވަނީ ހީޓަރު ޖެއްސެން ނެތުމުން ހޫނުކަމުން މަހްރޫމްވެ، ގަނޑުވާ ފަދަ ފިނިކަމާ ކުރިމަތިލާންޖެހިފައެވެ.



advertisment