ބޯޑަރުގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓައިލައިފި ކަމަށް ތައިލެންޑާއި ކެމްބޯޑިއާއިން މިއަދު އިއުލާންކޮށްފިއެވެ.
ތިން ހަފުތާއަށް ދެމިގެން ދިޔަ ހަނގުރާމައިގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން، ބޯޑަރު ކައިރީގައި ހުރި އެ މީހުންގެ ގެދޮރު ދޫކޮށްފައި ދާންޖެހުނެވެ.
އިސްތިއުމާރީ ބާރުތަކުން ބޯޑަރު ކަނޑައެޅިއިރު ސާފު ނުވާ ގޮތަށް ހުރި ސަރަހައްދުތަކާއި ފައްޅިތަކުގެ މިލްކުވެރިކަން އޮޅުންބޮޅުން އަރައިގެން ފެށި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ތައިލެންޑްގެ ދިފާއީ ވަޒީރު ނައްޓަފޮން ނަރްކްފަނިޓް އާއި ކެމްބޯޑިއާގެ ދިފާއީ ވަޒީރު ޓެއާ ސައިހާއެވެ.
މިއަދު މެންދުރު 12 ޖެހިއިރު ތަންފީޒު ކުރަން ފެށި ސުލްހައިގެ މުއާހަދާގައި ހުރިހާ ޒާތެއްގެ ހަތިޔާރު ބޭނުން ކުރުމާއި އެއްވެސް ސަރަހައްދެއްގައި ހަމަނުޖެހުން ނުހިންގާށާއި ސިފައިން ހަރަކާތްތެރިވުން ހުއްޓައިލުމަށް ވެސް އެއްބަސްވިއެވެ.
"އާއްމުންނަށް ހަމަލާ ދިނުމާއި އާއްމުންގެ ތަންތަނާއި އިންފްރާސްޓްރަކްޗަރަށް ހަމަލާ ދިނުން ވެސް ހުއްޓައިލުމަށް އެއްބަސްވަން،" ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މުއާހަދާގައި ބުނާ ގޮތުން މައިން ވަޅުލައިފައި ހުރި ބިންތައް ސާފުކުރާނެއެވެ. އަދި އޮންލައިން ޒަރީއާއިން ދޭ ހަމަލާތައް ވެސް ހުއްޓާލާނެއެވެ.
ކުރިއަށް އޮތް 72 ގަޑިއިރަށް ސުލްހަ ދެމިގެން ހިނގައްޖެ ނަމަ ތައިލެންޑުން ރަހީނުކުރި ކެމްބޯޑިއާގެ 18 ސިފައިން ދޫކޮށްލުމަށް ހަމަޖައްސައިފައިވެއެވެ.
ދެ ގައުމުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ނުބައި މައުލޫމާތު ނުފެތުރުން ވެސް ހިމެނެއެވެ.



advertisment