ކަނާފް ފަރާތުގެ އޮވަރީ، ސިސްޓަކާއެކު ސާޖަރީއަކުން، އުމުރުން 41 އަހަރުގެ އެމެރިކާގެ ނަރުހެއް ކަމަށްވާ ސޫޒް ލޮޕެޒް ވަނީ ނަގައިފައެވެ. އެހެންކަމުން ވައަތު އޮވަރީއާ ދިމާގައި އުފެދުނީ އަނެއްކާވެސް ހަމައެކަނި ސިސްޓެއް ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް ފަހުން އެނގުނީ އެ ސިސްޓުގެ އިތުރުން ރަހިމުން ބޭރުގައި، މެއާ ދިމާގައި، ރަހިމުގައި ދަރިފުޅު ބޮޑުވާ ވަސީލަތްތައް އެކުލެވޭ އެމްނިއޮޓިކް ސެކް ފަދަ "ކޮތަޅެ"އެއްގެ ތެރޭގައި ފިރިހެން ދަރިއެއް އުފެދެމުން ދިޔަ ކަމެވެ.
މި ގޮތަށް ރަހިމުން ބޭރުގައި ދަރިއެއް އުފެދި ބޮޑުވުމުގެ ފުރުސަތަކީ 30،000 އިން އެކެކެވެ.
"އަދި އެ ފަދަ ދަރިއެއް ސަލާމަތްވުމުގެ ނިސްބަތް އެއް މިލިއަނުން އެކަކަށްވުރެ ވެސް ކުޑަ،" ހިލޭސާބަހަށް މަސައްކަތްކޮށްދޭ ކެލިފޯނިއާ ސްޓޭޓްގެ ހޮސްޕިޓަލެއް ކަމަށްވާ ސެޑާސް-ސައިނާއިގެ ޑރ. ޖޯޏް އޮޒިމެކް ބުންޏެވެ.
ސޫޒްގެ ދަރިފުޅުގެ ބަރުދަނަކީ 3.6 ކިލޯއެވެ. ނަމަކަށް ކިއީ ރިޔުއެވެ. އެއީ ބާސްކެޓް ބޯޅަ ކުޅުންތެރިއަކާއި "ސްޓްރީޓް ފައިޓާ" ވީޑިއޯ ގޭމްގައި އުޅޭ ޝަހުސިއްޔަތަކަށް ކިޔާ ނަމެކެވެ.

ރިޔުއާއެކު ސިސްޓް ވެސް ނެގި އޮޕަރޭޝަންގައި ސޫޒްގެ ހަށިގަނޑުން އެއްކޮށްހެން ލޭ ހުސްވުމުން ލޭ އަޅަމުން ދިޔައެވެ.

"ބޭރުފުށުން އަހަރެން މަޑުން ހުރިކަމަށް ދެއްކިޔަސް އެތެރެފުށުން އަހަރެން ހުރީ ދުއާ ކޮށްލަކޮށްލައި. މަރުވާ ވަރަށް ވެސް އަހަރެން ހުރީ ބިރުން. އެއީ އަހަރެންގެ އަންހެނުންނާއި ދަރިފުޅު ގެއްލިދާނެތީ،" ފިރިމީހާ އެންޑްރޫ ކިޔައިދިނެވެ.

"އަހަރެން މުއުޖިޒާތް ގަބޫލުކުރަން. މާތް ކަލާނގެ އަހަރެމެންނަށް މި ހަދިޔާ ދެއްވީ. މިއީ އެންމެ ރަނގަޅު ހަދިޔާ،" ދަރިފުޅާ ދިމާއަށް ބަލަމުން ސޫޒް ބުނެފައިވެއެވެ.
ދެމަފިރިންގެ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅު ކައިލާ، ރިޔުއާއެއްކޮށް ކުޅޭ މަންޒަރު ފެނުމުން ދެމަރިފިން އުފާވާ ކަމަށް ބުންޏެވެ. އެއީ ރިޔުގެ ސަބަބުން "އާއިލާ ފުރިހަމަވެއްޖެ" ކަމުގެ އިހުސާސް ކުރެވޭތީއެވެ.
ނޯޓް: ރިޔު ވިހެއީ މި ދިޔަ އޮގަސްޓްގައެވެ. މިއީ އެސޯސިއޭޓަޑް ޕްރެސް (އޭ.ޕީ) ނޫސް އެޖެންސީން މިއަދު އަދާހަމަ ކުރުމަކާއެކު އަލުން ލިޔެފައިވާ ރިޕޯޓެކެވެ.



advertisment