އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީ އާއިލާއެއް، ފަލަސްތީން ރަށްވެއްސެއްގެ ބިމުން ބޭރުކޮށްލަން އިސްރާއީލު ކޯޓަކުން ނާދިރު ގޮތެއްގައި ނިންމައި އެ ކަން ތަންފީޒު ކުރުމުން ފަލަސްތީން ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކަށް ބާރު ފޯރުވަން އާ އުއްމީދެއް ލިބިއްޖެއެވެ.
އުމުރުން 30 އަހަރުގެ އެލިސް ގީސިޔާ (ފޮޓޯ)ގެ އާއިލާގެ ގެއަށް ވަނުމަށް އިއްޔެ މަގުފަހިވީ މި ދިޔަ ޖޫންގައި ކޯޓުން ޔަހޫދީ އާއިލާ ބޭރުކޮށްލަން ނިންމުމުން، އެންމެ ފަހުން އެތައް މަހެއް ކޮށްފައި ނަމަވެސް އެ ޔަހޫދީ އާއިލާ އޭނާގެ ގެ ދޫކޮށްލަން ޖެހުމުންނެވެ.
މިއީ އަލްމަހްރޫރުގައި ހުރި އެލިސްގެ ގެއަށް ވަނުމަށް 2019 އަށްފަހު އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތެވެ.
"މި ކާމިޔާބުން އަހަރެންނަށް ކަށަވަރުވީ އަހަރެމެންގެ އަމާޒުތަކަށް ވާސިލުވުމަށް ވަރުބަލިކަމެއް ނެތި ކުރިއަށް ދާން ޖެހޭނެކަން،" އެލިސް އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ ބުނީ ކޯޓުގެ ނިންމުމުން ހާމަވީ "ހުޅަނގު އައްސޭރި އިސްރާއީލުން ހިފައިގެން އުޅެނީ ގާނޫނާ ހިލާފަށް" ކަމަށާއި އެ ބިމުގައި ޔަހޫދީ ވަޒަންވެރިން އުޅެނީ "ބިމާ ބެހޭ ލިޔެކިޔުންތައް އޮޅުވައިލައިގެން" ކަމަށެވެ.
އިސްރާއީލު ސަރުކާރުން އަދިވެސް ދަނީ ޔަހޫދީން ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ކުރިއަށްގެންދަމުންނެވެ.
އެލިސްއަށް ކާމިޔާބު ލިބުނަސް ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާއި ބިން އަތުލުމުގެ މަސައްކަތާމެދު ފަލަސްތީންގެ ގިނަ ރަށްވެހިން އަދިވެސް ތިބީ ބިރުންނެވެ.



advertisment