ޔޫރަޕްގެ ގައުމެއް ކަމަށްވާ ޑެންމާކްގެ، އުތުރު އެމެރިކާގައި އޮންނަ، އަމިއްލަ ވެރިކަމެއްކުރާ ގްރީންލޭންޑް ޖަޒީރާއަށް އެމެރިކާއިން ހާއްސަ މަންދޫބެއް ކަނޑައެޅުމުން ޑެންމާކާއި ގްރީންލޭންޑުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ މިއީ އެމެރިކާގެ ސްޓޭޓަކަށް ގްރީންލޭންޑް ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތަށް ބާރު ހޯއްދެވުމަށް ކުރެއްވި ކަމެއް ކަމަށެވެ.
ގްރީންލޭންޑަށް ހޯމަ ދުވަހު ހާއްސަ މަންދޫބެއްގެ ގޮތުގައި ޓްރަމްޕް ހަމަޖެއްސެވީ ލުއިސިއާނާ ސްޓޭޓްގެ ގަވަރުނަރު ޖެފް ލޭންޑްރީ (ފޮޓޯ)އެވެ.
"އަހަރެމެންގެ ގައުމީ ސަލާމަތަށް ގްރީންލޭންޑް ބޭނުން. އެ ތާނގައި ހުރި މައުދަންތައް ބޭނުންވެގެނެއް ނޫން. (ޖެފް) ލޭންޑްރީ މި ކަމުގައި އިސްކޮށް އުޅޭނީ،" ޓްރަމްޕް ވިދާޅުވިއެވެ.
ޑެންމާކާއި ގްރީންލޭންޑުން ވަނީ މި ކަމާ ނުރުހުން ފާޅުކޮށްފައެވެ.
"އެހެން ގައުމެއް އަމިއްލަ ބިމަކަށް ނުހެއްދެވޭނެ. ގްރީންލޭންޑަކީ ގްރީންލޭންޑްގެ ރައްޔިތުންގެ ތަނެއް،" ޑެންމާކާއި ގްރީންލޭންޑުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބަޔާނާ ގުޅިގެން ލޭންޑްރީ ފަހުން ބުނީ އެމެރިކާއިން އުޅެނީ ގްރީންލޭންޑް "ހިފާކަށް ނޫން" ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ގްރީންލޭންޑްގެ ރައްޔިތުންނާއެކު ވާހަކަތައް ބާއްވަން،" އޭނާ ބުންޏެވެ.
ޑެންމާކްގެ ބާރުގެ ދަށުގައި އޮތަސް އަމިއްލަ ވެރިކަމެއް ކުރަމުންދާ، ގުދުރަތީ އެތައް ބާވަތެއްގެ މައުދަންތަކުން މުއްސަނދި ގްރީންލޭންޑަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރައިމައިގެ ދުވަސްވަރު ޖަރުމަނުގައި ވެރިކަން ކުރި އެޑޮލްފް ހިޓްލަރާއި ރަޝިއާގެ އެއިރުގެ ހިލާފަތް ކަމަށްވާ ސޯވިއެޓް ޔުނިއަންގެ ކިބައިން ދިފާއު ވާން އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުން ކުރި އުތުރު އެމެރިކާ ބައްރުގައި އެމެރިކާގެ އުތުރުން އޮންނަ ޖަޒީރާ ރަށެކެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްއަށް ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާއަށް ގްރީންލޭންޑް ބޭނުން ކަމަށެވެ.
ކަންތައްތައް މިހާރު ހުރި ގޮތުން އެނގެނީ ގްރީންލޭންޑްގެ ކުރިމަގު ކަނޑައަޅަން ގްރީންލޭންޑްގެ ރައްޔިތުންނަށް ޑެންމާކުން ދޫކޮށްލައިފައިވާ ކަމެވެ. އަދި މިހެންވެ، ގްރީންލޭންޑް ވިއްކުމުގެ ހިޔާލާ ޑެންމާކުން މުޅިން ދެކޮޅުކަމެވެ. އެހެންކަމުން އެމެރިކާގެ ސްޓޭޓަކަށް ގްރީންލޭންޑް ހަދަން ޓްރަމްޕް ދެކެވަޑައިގަންނަވާ ހުވަފެނަށް ވާނެ ގޮތެއް އަދި ނޭނގެއެވެ.
ގްރީންލޭންޑަކީ މައުދަންތަކުން އެންމެ މުއްސަނދި ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ރަށެވެ. އާބާދީއަކީ 56،000 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އިނުއިޓު ނަސްލަށް ނިސްބަތްވާ ބައެކެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހޫނުވަމުންދާ ދުނިޔޭގެ އުތުރު ބިތް ނުވަތަ ނޯތު ޕޯލުގެ އާކްޓިކް ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުން ފައިދާ ހޯދުމަށް ވާދަ ކުރަމުންދާ ގައުމުތަކުގެ ސަބަބުން ގްރީންލޭންޑަށް މިހާރު ވަނީ އިގުތިސާދީ ހެޔޮ ބަދަލުތަކެއްގެ ކޮޅުމަތި ފެންނަން ފަށައިފައެވެ.
މިއަދު ގްރީންލޭންޑަށް ބައިނަލްއަގުވާމީ މަސްރަހުގައި ކުއްލި ސަމާލުކަމެއް ލިބިގެން އުޅެނީ އެމެރިކާގެ ރައީސް ކަމަށް ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ޓްރަމްޕް އަލުން އިންތިހާބުވެ ވަޑައިގަތުމުންނެވެ. އެ ގޮތުން ދުނިޔޭގެ މަސްރަހު ހަލަބޮލި ކޮށްލައްވަމުން ވަޑައިގަންނަވާ ދަތުރުގައި ގްރީންލޭންޑް އެމެރިކާގެ ސްޓޭޓަކަށް ހައްދަވަން ކޮންމެހެން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ނަމަވެސް އެ ރަށް އެމެރިކާގެ ތަނެއް ގޮތަށް ހަދާނެ ކަމަށް ޓްރަމްޕް ވަނީ ވައުދުވެ ވަޑައިގަންފައެވެ.
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޓްރަމްޕް ބޭނުން ކުރައްވަމުން ވަޑައިގަންނަވާ އުކުޅުތަކުގެ ޝިކާރައަކަށްވެފައިވާ މި ޖަޒީރާ ގިނަ ބަޔަކަށް މިހާތަނަށް އެނގިފައިވަނީ ދުނިޔޭގެ "ބޮލުގައި" އޮންނަ މާސިންގާ ގަނޑުފެންގަނޑެއްގެ ގޮތުގައެވެ. ނަމަވެސް ވައިކިން ނަސްލުގެ ސައްޔާހު އެރިކް ދަ ރެޑް އެ ރަށުގައި މީހުން ރަށްވެހިކުރުވަން ޝައުގުވެރިކުރުވަން "ގްރީންލޭންޑް" ނުވަތަ ލަފުޒީ މާނައަށް ބަލާ ނަމަ "ފެހި ބިން"ގެ ނަމުން ނަން ދިން މި ޖަޒީރާއަކީ 4،000 އަހަރުގެ ދިގު އިންސާނީ ތާރީހެއް އޮތް ރަށެކެވެ.



advertisment