Support Us

ނަޖީބުގެ ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލެއް ނުކޮށްދިން

ޖަލަށް ލައިފައިވާ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ހުކުމުން ބާކީ އޮތް ބައި ގޭބަންދަށް ބަދަލެއް ނުކޮށްދިނެވެ.

އޮގަސްޓް 2022 ގައި 1-އެމް.ޑީ.ބީގެ ނަމުން ފަޅާއެރި، ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ ކޮރަޕްޝަން މައްސަލައިގައި ނަޖީބު (ފޮޓޯ) ޖަލަށް ލީ 12 އަހަރަށެވެ. އަދި އޭނާގެ މައްޗަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއެއް ކުރިއެވެ. ނަމަވެސް މި ދިޔަ އަހަރު ކުރީގެ ރަސްގެފާނު ދެއްވި ކޮންމެވެސް ވަރެއްގެ މާފެއްގައި ނަޖީބުގެ ހުކުމް ހަ އަހަރަށް ލުއިކޮށް، ޖޫރިމަނާގެ އަދަދު 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ)އަށް ދަށްކުރިއެވެ.

ވެރިރަށް ކުއަލަ ލަމްޕޫރު ކައިރީގައި ހުންނަ ކަޖަންގް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އުމުރުން 72 އަހަރުގެ ނަޖީބުގެ ހުކުމުގެ ބާކީ ބައި ގޭބަންދަށް ހައި ކޯޓުން އިއްޔެ ބަދަލުނުކޮށްދިނީ ޝާހީ މާފުގައި އެ ގޮތަށް ކަނޑައަޅައިފައިވާކަމުގެ ސާބިތު ހެއްކެތް ނެތް ކަމަށް ބުނެފައެވެ.

"ގޭބަންދަށް ބަދަލުކުރުމުގެ ނުކުތާ ޝާހީ މާފުގައި ސާބިތުކުރެވޭކަށް ނެތް،" ކޯޓުން ބުންޏެވެ.

ފަނޑިޔާރު އެލިސް ލޯކް ބުނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ތާނގައި މާފު ދޭ ބޯޑާ ވެސް ނަޖީބުގެ ވަކީލުން އެކަށީގެންވާ ގޮތަށް މުއާމަލާތް ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ނަޖީބުގެ ގާނޫނީ ޓީމުން ބުނީ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

"ކޯޓުން މި ގޮތަށް ނިންމުމަކީ ސިހުމެއް،" ނަޖީބުގެ ވަކީލު މުހައްމަދު ޝާފީ އަބްދުﷲ ބުންޏެވެ.

ނަޖީބުގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އިތުރުން މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކުރުމުގެ މައްސަލަތަކެއްގައި  ހުކުމްތަކެއް އަންނަ ހުކުރު ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފައިވެއެވެ. އެހެންކަމުން ނަޖީބު ޖަލުގައި ހޭދަކުރަން ޖެހޭނެ މުއްދަތު އިތުރުވެދާނެއެވެ.

ނަޖީބަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭ ކަމަށް އޭނާގެ ގާނޫނީ ޓީމުން އަބަދުވެސް ދަނީ ބުނަމުންނެވެ.

މެލޭޝިއާގެ އިގުތިސާދު ތަރައްގީ ކުރުމަށް ދައުލަތުން 2009 ގައި ގާއިމުކުރި 1-އެމް.ޑީ.ބީ މަޝްރޫއުން ބިލިއަނުން ކޮރަޕްޝަން ފަޅާއެރިއިރު، އެހެން ބައެއް މީހުންގެ އިތުރުން ނަޖީބު ވެސް ވަނީ އެ ފަންޑުން ގާނޫނާ ހިލާފަށް ފައިސާ ލިބިގަންފައި ކަމަށް ކޯޓުގައި ސާބިތުވިއެވެ.

މެލޭޝިއާ އާއި އެމެރިކާގެ އިތުރުން ބައިވަރު އެހެން ގައުމުތަކުން ވެސް ހިންގި ތަހުގީގުން ހާމަވީ ކޮރަޕްޝަން ހިންގީ ފޭކު ޑީލްތަކާއި ވުޖޫދުގައި ނެތް ކުންފުނިތަކާއި ބޭރު ގައުމުތަކުގައި ގާއިމުކުރި ބޭންކް އެކައުންޓްތަކެއް ބޭނުންކޮށްގެން ކަމެވެ.

ނަޖީބުގެ މައްޗަށް ސާބިތުވީ މަޝްރޫއާ ގުޅޭ ފަންޑުތަކުން، މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ފައިސާ ލިބިގަތުމެވެ. އެ ގޮތުން ވައްކަމުން ހޯދި ފައިސާވަނީ އަގުބޮޑު ބިނާތަކާއި ގަހަނާ އާއި ކުރެހުމާއި އަދި ފިލްމްތައް ވެސް ގަތުމަށް ހޭދަކޮށްފައި ކަމަށް ސާބިތުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *