ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގިނަ އަދަދެއްގެ މުސްލިމުން ގަބޫލުކުރާ އައިސިސްއާ ދެކޮޅަށް ސޫރިޔާގައި ފެށީ އާ ހަނގުރާމައެއް ނޫން ކަމަށް އެމެރިކާއިން ބުނެފިއެވެ.
ސޫރިޔާގެ މެދުތެރޭގައި ހުރި އައިސިސްގެ މަރުކަޒުތަކަށް އެމެރިކާއިން ވަނީ ފުޅާ ދާއިރާއެއްގައި ވައިގެ މަގުންނާއި މިސައިލުން ހުކުރު ދުވަހު ހަމަލާދީފައެވެ.
މިއީ މި ދިޔަ ހަފުތާގައި އެމެރިކާގެ ސިފައިންނަށާއި ތަރުޖަމާކޮށްދިނުމުގައި މަދަނީ ރޯލެއް އަދާކުރި މީހަކަށް އައިސިސްއިން ދިން ހަމަލާއެއްގެ ބަދަލުގައި ދިން ހަމަލާއެއް ކަމަށް އެމެރިކާއިން ބުންޏެވެ. އައިސިސްގެ ހަމަލާގައި އެ މީހާ އާއި ދެ ސިފައިން ވަނީ މަރުވެފައެވެ.
ދިފާއީ ވަޒީރު ޕީޓް ހެގްސެތު (ފޮޓޯ) ވިދާޅުވީ "މިއީ ހަމައެކަނި ބަދަލުހިފުމެއް" ކަމަށެވެ.
"މިއީ އަލުން އާ ހަނގުރާމައެއް ފެށުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދިން ހަމަލާގައި އައިސިސްގެ 70 މަރުކަޒާއި ހަތިޔާރު ގުދަންކުރާ ތަންތަނާއި އިންފްރާސްޓްރަކްޗަރުގެ އިތުރުން ހަނގުރާމަވެރިންނަށް ވެސް ސީދާ ވަނީ ހަމަލާދީފައެވެ. އެއީ ޖެޓާއި ހެލިކޮޕްޓަރު ވެސް ބޭނުންކޮށްގެންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "ހަމަލާ ވަރަށް ކާމިޔާބު" ކަމަށެވެ.
"ހުރިހާ މަރުކަޒަކަށް ސީދާ ހަމަލާ އެރި. އަހަރެމެން މުޅި ދުނިޔޭގައި ސުލްހަ މި ގާއިމުކުރަނީ އަހަރެމެންގައި އެ ބާރު ހުރުމުން،" އޭނާ ވިދާޅުވިއެވެ.



advertisment