އެމެރިކާގެ އިގުތިސާދާމެދު ކަންބޮޑުވުންތަކާހެދި ރައްޔިތުންގެ މެދުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން 39 ޕަސެންޓަށް ވެއްޓިއްޖެއެވެ.
ރޮއިޓާސް އާއި އިޕްސޮސް ގުޅިގެން ނެގި ޕޯލްއަކުން ދެއްކި ގޮތުގައި މި އަހަރު ޓްރަމްޕްގެ މަގުބޫލުކަން ހުރީ އެންމެ 33 ޕަސެންޓްގައެވެ.
ރޮއިޓާސްއަކީ ދުނިޔޭގައި ނަން ހިނގާ އިނގިރޭސި ވިލާތުގެ ހަބަރު ފަތުރާ ވަސީލަތެކެވެ. އިޕްސޮސްއަކީ އެތައް ގައުމުތަކެއްގައި މާކެޓްތައް ދިރާސާކުރާ ފްރާންސްގެ ބައިނަލްއަގުވާމީ ކުންފުންޏެކެވެ.
ޓްރަމްޕްގެ މަގުބޫލުކަން ވެއްޓުނީ މައިގަނޑު ގޮތެއްގައި އިގުތިސާދީ ކަންބޮޑުވުންތަކާހުރެ ކަމަށްވާއިރު ތަކެތީގެ އަގުބޮޑުވުން (އިންފްލޭޝަން) އަދި ދިރިއުޅުމުގެ ހަރަދު (ކޮސްޓް އޮފް ލިވިން)އާމެދު ޓްރަމްޕް ކަންތައް ކުރައްވާ އުސޫލުތަކާ ރައްޔިތުން ހާއްސަ ގޮތެއްގައި ދެކޮޅެވެ.
ޓްރަމްޕްގެ އަމިއްލަ، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކަށް އޮތް ތަރުހީބު ދަނީ ކުޑަވަމުންނެވެ.
އިގުތިސާދީ މައްސަލަތަކާމެދު ކިޔާ ފާޑުކިޔުންތަކާ ޓްރަމްޕް ވަނީ ދެކޮޅުހައްދަވައިފައެވެ.
"އިންފްލޭޝަން މަތިކަމަށް ބުނުމަކީ ބުހުތާނެއް. އެމެރިކާ މިއަދު ވަނީ ރަންޒަމާނެއްގައި،" އޭނާ ވިދާޅުވެފައިވެއެވެ.
ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގްރޯސަރީތަކުން ކާބޯތަކެތި އަގު ބޮޑުވުމާއި ކިއޮސްކްތަކުން ތެލުގެ އަގު މަތިވުމާއި ކުލި މައްޗަށް ދިއުމަކީ އަދުގެ ހަގީގަތެއް ކަމަށެވެ.
ރޮއިޓާސް އާއި އިޕްސޮސްއިން ގުޅިގެން ކުރި ދިރާސާއިން ހަމާވި ކަންތައްތައް، އަންނަ އަހަރު ބާއްވާ "މިޑް-ޓާމް" ނުވަތަ ޓްރަމްޕްގެ ދެވަނަ، ހަތަރު އަހަރުގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ އިންތިހާބުތަކަށް ހިޔަނިއެޅޭނެ ކަމަށް އިގުތިސާދީ އަދި ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. އެ ގޮތުން އެންމެ ބޮޑު ދަތިކަމެއް ޓްރަމްޕަށް ކުރިމަތިވުން އެކަށީގެންވަނީ ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭނާގެ ޕާޓީއަށް ގެއްލި، ޓްރަމްޕްގެ ދައުރުގެ ފަހުކޮޅު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ބާރު ލިބި، ޓްރަމްޕްގެ ސިޔާސަތުތަކަށް ހުރަސްއަޅަން ފަށައިފި ނަމައެވެ.



advertisment