Support Us

ނަމެއް ވެސް އަދި ނުދޭ ނާދިރު ބައްޔެއްގައި 77 ކިލޯއަށް އެރި ކުއްޖެއްގެ ފައި ޖެހުނީ ބުރިކޮށްލަން

އުމުރުން 14 އަހަރުގެ ޖޭސްމިން ރަމިރެޒްގެ ވައަތު ފައި ފަލަވާން ފެށީ އުމުރުން ދެ އަހަރުގައި އެހެން ގުނަވަންތަކަށްވުރެ ހަލުވި ދުވެއްޔެއްގައެވެ. މިހެންވެ އޭނާ އުޅެނީ ވެސް ފުރޮޅު ލީ ގޮނޑިއެއްގައެވެ. ޖޭސްމިންއަށް ތައްޔާރުކުރަން ޖެހެނީ ވެސް އޭނާއަށް ހާއްސަ ގޮތަކަށް ފަހައިދޭ ހެދުމެވެ. ހޮސްޕިޓަލްގައި ހަޔާތުގެ ބޮޑު ބައެއް ވެސް ހޭދަކުރަންޖެހުނެވެ.

ނާދިރުކަމުން އަދި ނަމެއް ވެސް ދީފައިނުވާ ބައްޔެއްގައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޭސްމިންގެ ފައި 77 ކިލޯއަށް ފަލަވިއެވެ. އެހެން އުޅެނިކޮށް ޖޭސްމިންގެ ފައި ބުރިކޮށްލަން ޖެހުނީ އެންޓިބަޔޮޓިކަށް މަސައްކަތްނުކުރާ އިންފެކްޝަނެއް ވޭތުވެދިޔަ ހަފުތާތަކުގައި ޖެހި، ފުރާނައަށް ނުރައްކާވުމުންނެވެ.

"މުޅި ފައިގައި ހިމެނޭ ހުރިހާ ގުނަވަނެއް، އޭގެ ތެރޭގައި ލޭ ހޮޅިތައް ވެސް ހިމެނޭ ގޮތަށް، ބޮޑުވީ އާދަޔާހިލާފު ހަލުއިކޮށް،" ޖޭސްމިންއާ އެއްބަނޑުއެއްބަފާ ހަ ކުދިންގެ ތެރޭގައި ހިމެނޭ އެނަސްޓޭޝިއާ ބުންޏެވެ.

ކުޑަކުދިންގެ ބަލިތަކާ ބެހޭ ޖޯންސް ހޮޕްކިންސް އޯލް ޗިލްރަންސް ހޮސްޕިޓަލުން ޖޭސްމިންގެ ފައި ބުރިކޮށްލީ 17 ގަޑިއިރުގެ ސާޖަރީއެއްކޮށްފައެވެ. އަދި މި އޮޕަރޭޝަންގައި ފަޔާ ގުޅިފައިވާ ޓިއުމާއެއް ވެސް ހަށިގަނޑުން ނެގިއެވެ.

ފައި ބުރިކޮށްލުމަށްފަހު ޖޭސްމިންގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އާއިލާއިން ދަނީ އޭނާގެ ކުރިމަގުގެ ދިރިއުޅުމަށް ފައިސާ އެއްކުރުމަށް ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތައް ހޯދަމުންނެވެ. އެ ގޮތުން ގޯފަންޑްމީ މެދުވެރިކޮށް މިހާތަނަށްވަނީ 16،000 ޑޮލަރު (246،720ރ.) ހޯދައިފައެވެ.

ފައި ބުރިކޮށްލައިފައާއި ޓިއުމާ ނެގުމުން ޖޭސްމިންގެ ހަށިގަނޑުގެ ބަރުދަން މިހާރު ވަނީ 36 ކިލޯއަށް ލުއިވެފައެވެ.

"އޭނާއަކީ އާ ކަންތައްތައް ކުރާ، ހިތްވަރުގަދަ، ވަރުގަދަ ރޫހެއް ހުރި އަދި ސުލޫކީ ގޮތުން އަހުލާގު ރަނގަޅު ކުއްޖެއް. އެހާ ހިތްވަރެއް ނެތް ނަމަ އޭނާއަށް މި ފަދަ ކަމެއް ތަހައްމަލު ނުކުރެވުނީސް،" އެނަސްޓޭޝިއާ ބުންޏެވެ.

އެނަސްޓޭޝިއާ ބުނީ ޖޭސްމިން ރަނގަޅުވަމުން އަންނަ ކަމަށެވެ.

"މިހާރު އެނދުން ތެދުވެވޭ. ފުރޮޅު ލީ ގޮނޑީގައި އިށީނދެވޭ. ވަރަށް ރަނގަޅު މިހާރު،" އެނަސްޓޭޝިއާ ބުންޏެވެ.

ޖޭސްމިންގެ ހުރިހާ ކަމެއް ބަލަހައްޓަނީ މައިންބަފައިންނާއި ހަ ބެއިންނެވެ.

އެނަސްޓޭޝިއާ ބުނީ އޭނާގެ މައިންބަފައިންގެ "ހިތް ހަލާކުވެފައިވާ" ކަމަށާއި އެއީ "މިއީ ކޮން ކަހަލަ ބައްޔެއްކަން ނޭނގޭތީ ކުރެވޭނެ މާބޮޑު ކަމެއް ނެތީމާ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *