Support Us

އެމެރިކާއަށް ދިއުމުގެ ކުރިން ދަތުރުވެރިންގެ ސޯޝަލް މީޑިއާ ހަރަކާތްތައް ބަލަން ހުށަހަޅައިފި

އެމެރިކާއަށް ވަނުމަށް ވިސާ ނަގަން ނުޖެހޭ 42 ގައުމުގެ ދަތުރުވެރިންގެ އެންމެ ފަހުގެ ފަސް އަހަރުގެ ސޯޝަލް މީޑިއާ ހަރަކާތްތައް ބަލަންވީތޯ ސަރުކާރުން އާއްމުންގެ ހިޔާލަށް ގަވައިދެއް ހުށަހަޅައިފިއެވެ.

މި ގަވައިދު ފާސްކޮށްފިނަމަ ފަތުރުވެރިން އެމެރިކާއަށް ދިއުން މަދުވެ، އެމެރިކާގެ އިގުތިސާދަށް ފައިސާ ވަންނަ ވަރު ދަށްވާނެކަމުގެ ކަންބޮޑުވުންތައް އެކި ފަރާތްތަކުން މިހާރު ވެސް ވަނީ ފާޅުކުރަން ފަށައިފައެވެ. އެއީ ޓޫރިޒަމަކީ ބޮޑު ސިނާއަތެއް ކަމަށް ވާއިރު، އެމެރިކާއަށް ޓޫރިސްޓުން ޒިޔާރަތް ކުރުން މަދުވެ، ޓޫރިސްޓުން އެމެރިކާގެ އެކި ދާއިރާތަކަށް ފައިސާ ހަރަދު ކުރާނެ މިންވަރު ދަށްވާނެތީއެވެ.

"މި ސިޔާސަތު ނުބައިކޮށް ތަންފީޒު ކުރެވިއްޖެނަމަ އެތައް މިލިއަން ދަތުރުވެރިން ދާނީ އެހެން ގައުމުތަކަށް. އެ މީހުން ހަރަދުކުރާ އެތައް ބިލިއަން ޑޮލަރެއް ހޭދަކުރާނީ އެ ގައުމުތަކަށް. މި ކަމުގެ ސަބަބުން އެމެރިކާ ނިކަމެތިވާނެ،" އެމެރިކާގެ ދަތުރުވެރިންގެ ޖަމާއަތް، ޔޫ.އެސް ޓްރެވެލް އެސޯސިއޭޝަނުން ބުންޏެވެ.

ސަރުކާރުން ހުށަހަޅައިފައިވާ ރޭވުމުގައިވާ ގޮތުން އެމެރިކާއަށް ވަނުމަށް ހުއްދަ ދެވޭނީ ސޯޝަލް މީޑިއާގައި އެ ދަތުރުވެރިޔަކު ބޭނުންކުރާ ހޭންޑްލް ހާމަކޮށްފައެވެ. މިއީ ކުރިން މަޖުބޫރު ކަމެއް ނޫނެވެ. މީގެ އިތުރުން އެ މީހަކާ ގުޅޭނެ ނަންބަރާއި އާއިލާއާ ބެހޭ މައުލޫމާތު ވެސް އަންގަން އާ ޕްލޭންގައި ހިމަނައިފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ މި ފަދަ ގޮތަކަށް ޑިޖިޓަލްކޮށް ޓޫރިސްޓުން ސްކްރީން ކުރުމުން ޓޫރިޒަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށެވެ. ހާއްސަކޮށް އަންނަ އަހަރު ބާއްވާ ފީފާގެ ފުޓުބޯޅަ ވޯލްޑް ކަޕާ ދިމާކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *