ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާގެ ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވެފައިވަނިކޮށް، ދުވަހަކު ވެސް ހަތިޔާރު ނުބަހައްޓާނެކަމަށް، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސްއިން ބުނީ ހަތިޔާރު ގެންގުޅުމުގައި "އަމިއްލަ ތަސައްވުރެއް" ގެންގުޅޭކަމަށެވެ.
"އަހަރެމެންގެ ހަތިޔާރު ފޮރުވައިފައި، ރައްކާކޮށްފައި، ބޭނުންނުކޮށް އަދި އާއްމުންނަށް ނުދައްކާ ބެހެއްޓެމުގެ ޔަގީންކަން އަހަރެމެން ބޭނުންވަނީ،" ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ހާލިދު މައިޝާލު ބުންޏެވެ.
ސުލްހައިގެ ޔަގީންކަން ހޯދުމުގެ ގޮތުން ހަނގުރާމަނުކޮށް ހަތް އަހަރާއި 10 އަހަރާ ދޭތެރޭގެ މުއްދަތެއް ބޭނުންވާކަމަށް ވެސް ހާލިދު ބުންޏެވެ.

"ހަތިޔާރު ބެހެއްޓުމަކީ، ހާއްސަކޮށް އެއީ އަހަރެމެން ލައްވާ ގަދަކަމުންކުރާ ކަމެއް ނަމަ، އަހަރެމެންގެ ރައްޔިތުން އެ ކަމާ ދެކޮޅުހަދާނެ،" އޭނާ އިތުރަށް ބުންޏެވެ.
ހަމާސްގެ މި ނިންމުމަކީ އެމެރިކާއިން އިސްނަގައިގެން ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސުލްހައިގެ މުއާހަދާގެ ދެވަނަ މަރުހަލާ ފެށުމުގެ ކުރިން ހަމާސްއިން ހަތިޔާރު ބަހައްޓަންޖެހޭކަމަށް ކަނޑައަޅައިފައިވާ ނިންމުމާ ހިލާފު ނިންމުމެކެވެ.
ހަނގުރާމަ ހުއްޓައިލުމުގެ ދެވަނަ ފޭސްގައި އިތުރަށް ބުނެފައިވަނީ ޣައްޒާގެ ބައެއް ހިސާބުތަކުން އިސްރާއީލު ސިފައިން އެއްކޮށް ފައިބަންޖެހޭނެކަމަށެވެ. އަދި ޣައްޒާގައި ހަމަޖެހުން ގާއިމުކުރުމަށް ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ފައުޖެއް ޣައްޒާގައި ބައިތިއްބުމުގެ ހިޔާލަކަށް ވެސް ސުލްހައިގެ އެއްބަސްވުމުގައި އިޝާރާތްކޮށްފައިވެއެވެ.
މި ދިޔަ އޮކްޓޫބަރު 10 ގައި ހަމާސް އާއި އިސްރާއީލުން އެއްބަސްވި މުއާހަދާއާ ހިލާފަށް މިހާރު ވެސް އިސްރާއީލުން ހަމަލާދެމުންދެއެވެ. މިހެންވެ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 70،000 އަށްވުރެ މައްޗަށް ގޮސްފައިވެއެވެ.



advertisment