އަންނައުނު އުފެއްދުން ނަގައިފައި ސްރީ ލަންކާއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ މަގު ކަމަށްވާ ސައިފަތުގެ ސިނާއަތަށް، މި ދިޔަ ހަފުތާގައި ކުރިމަތިވި ތޫފާން "ދީތުވާ"އިން ހިޔަނި އެޅިއްޖެއެވެ.
ދީތުވާއިން ލިބުނު ގެއްލުންތަކުން ގައުމު އަލުން އާރާސްތުކުރުމަށް ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނޭ މެންބަރަކު ބުނީ ސައިފަތް ސިނާއަތުގެ އުފެއްދުންތެރިކަން މި އަހަރު 35 ޕަސެންޓް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިގުތިސާދީ ދަތިތަކާ ކުރިމަތިވި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ސައިފަތް ސިނާއަތުން 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ހޯދައިފައިވާއިރު މި އަހަރަށް ކަނޑައެޅި އަމާޒުކަމަށްވާ 1.5 ބިލިއަން ޑޮލަރު (23.1 ބިލިއަން ރުފިޔާ) ދެން ލިބޭނެ ކަމަކަށް ނުފެންނަ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.
ލަންކާއަކީ މިހާރު ވެސް ދުނިޔޭގެ ސައިފަތް އިންޑަސްޓްރީގައި ނުފޫޒު ގަދަ ގައުމެކެވެ.
"ލަންކާއަކީ މިހާރު ދުނިޔޭގައި ސައިފަތުގެ މާކެޓް ހަތަރު ވަނައަށް ހިއްސާކުރާ ގައުމު،" އޮބްޒަވޭޓްރީ އޮފް އިކޮނޮމިކް ކޮމްޕްލެކްސިޓީ (އޯ.އީ.ސީ)އިން ބުންޏެވެ.
އެ ގޮތުން ސައިފަތުގެ ތަފާތު ރަހަތަކާއި ސައިފަތް ޕެކެޓް ކުރާތީ ވެސް ސައިފަތުން ބޮޑު އާމްދަނީއެއް ލަންކާއަށް ލިބޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
ދީތުވާގައި މުޅިއަކު 635 މީހުން މަރުވިއިރު އާބާދީގެ 10 ޕަސެންޓް ނުވަތަ ދެ މިލިއަން މީހުންނަށް އެ ތޫފާންގެ ނޭދެވޭ އަސަރުވަނީކޮށްފައެވެ. ޑިސަނަޔަކަ ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވައި، 25 ޑިސްޓްރިކްޓް ތެރެއިން 22 ޑިސްޓްރިކްޓަކީ ތޫފާނުން ގެއްލުންވި ސަރަހައްދުތައް ކަމަށް އިއުލާން ކުރައްވައިފައެވެ. އެ ގޮތުން ސައިފަތާއި ތަރުކާރީ ހައްދާ މެދުތެރޭ ސަރަހައްދުތަކަކީ އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކެވެ. މި ސަރަހައްދުތަކުން އެކަނިވެސް 471 މީހުންވަނީ މަރުވެފައެވެ. އަދި ސައިފަތް ދަނޑުތައް ވަނީ ސުންނާފަތިވެ، ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ އެތައް ހާސް މީހުންގެ ގެދޮރު ނެތިގެންގޮސްފައެވެ.
"ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެވޭނެކަމުގެ އުއްމީދެއް ނެތް،" ސައިފަތް ދަނޑެއްގައި މަސައްކަތްކުރި ސުންދަރަމް މުއްޓުޕިއްލައި ބުންޏެވެ.
އޭނާ ބުނީ ފެންބޮޑުވުމުގެ ސަބަބުން ސައިފަތް ހައްދަމުން ގެންދިޔަ ފަރުބަދަތަކަށް ގެއްލުން ލިބި، ކިސަޑު ފައިބައި، ގެދޮރު ހަލާކުވެ އަދި މަގުތައް ވަނީ ބަންދުވެފައި ކަމަށެވެ.
ކަމާ ބެހޭ އިދާރާތަކުން ބުނީ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރި މީހުން އަލުން އެ މަސައްކަތަށް ނުކުންނަން އެތައް މަހެއް ނަގާނެ ކަމަށެވެ.



advertisment