ރަޝިއާއިން ޔޫކްރެއިން އެއްކޮށް ހިފަން ފެށި ހަނގުރާމަ ތިން އަހަރަށް ދެމިގެންދާއިރު ޔޫކްރެއިން ސިފައިން އަސްކަރިއްޔާ ދޫކޮށްލަން ފަށައިފިއެވެ. ޔޫކްރެއިން އަސްކަރިއްޔާއިން ބުނީ 54،000 ސިފައިން ފިލައިފައިވާއިރު 235،000 ސިފައިން ވަކި އުޒުރެއް ނެތި ސަލާން ބުނެފައި ވެސް ވާކަމަށެވެ.
"ފިލަމުންދާ ސިފައިންގެ އަދަދު މާ މަތީ،" އަސްކަރީ ޖެނެރަލްއަކު މީޑިއާއަށް ބުންޏެވެ.
މިއީ 2022 ގައި ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންގެ އަސްކަރިއްޔާގެ ތެރޭގައި ވެސް މައްސަލަ ހުރިކަން ދޭހަވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 36 އަހަރުގެ ސިފައިންގެ މީހަކު، މައްސަލަ ޖެހިދާނެތީ ހަގީގީ ނަން ހާމަނުކޮށް ހަމައެކަނި ވަނަމެއް ކަމަށްވާ "ޓިމްފޮއޭ" ބޭނުންކޮށްގެން މީޑިއާއަށް ބުނީ ޔޫކްރެއިން އަސްކަރިއްޔާއިން ސިފައިން ތަމްރީން ނުކޮށް ހަނގުރާމައަށް ފޮނުވާ ކަމަށެވެ.
"އެންމެ ފުރަތަމަ އަންނަ ހަމަލާއިން ވެސް އަހަރެން ސަލާމަތް ނުވިޔަސް އަސްކަރިއްޔާއަށް އަހަރެންނާމެދު އެއްވެސް ފަރުވާލެއް ނެތް،" އޭނާ ބުންޏެވެ.
އަލަށް ސިފައިންގެ ތެރެއަށް ވަންނަ ގިނަ އަދަދެއްގެ މީހުން ބުނީ ހަނގުރާމައަށް ތައްޔާރުވެވޭނެ ހަގީގީ ތަމްރީންތަކެއް ނުދޭ ކަމަށެވެ.
"އަސްކަރިއްޔާގެ ބޭނުމަކީ ބޯ ގިނަ ކުރުން،" ސިފައިންގެ މީހަކު ބުންޏެވެ.
ހަނގުރާމައަކާ ކުރިމަތިލެވޭނެ އެކަށީގެންވާ ތަމްރީން ނުދޭތީ އާއި ކުރީ ސަފުގައި ހަނގުރާމަ ކުރުމުގެ ގެއްލުންތައް ފެނުމުގެ އިތުރުން، މައްޗަށް ތިބޭ ވެރިންނާއި ކޮމާންޑަރުން އިހާނެތިކޮށް ހިތުމަކީ ވެސް ސިފައިން އަސްކަރިއްޔާއިން ފެއަށް ޖެހޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފަދަ ކަންތައްތަކާހުރެ އަސްކަރިއްޔާއިން ފިލުމުން ޖަލަށް ދާން ޖެހުނަސް އެ ކަން ވެސް މާ ހިތަށް ފަސޭހަ ކަމަށް ބައެއް ސިފައިން ވަނީ ބުނެފައެވެ.



advertisment