Support Us

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބެ ސިޔާސީ މަގުސަދެއްގައި މަރައިލި ގޮތުގެ ތަފްސީލު

އުތުރު ކޮރެއާއަކީ ބައިނަލްއަގްވާމީ މުޖުތަމައުން އެކަހެރިވެފައިވާ، ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމެކެވެ. އެ ގައުމުގެ ލީޑަރު ކިމް-ޖޮންގް އުން އަކީ، މީޑިއާތަކުން ސިފަކުރާ ގޮތުގައި، ހުދުމުހުތާރު އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމަށް ފަސްނުޖެހޭ ވެރިއެކެވެ. އުތުރު ކޮރެއާގެ ސަރުކާރާއި ކިމް-ޖޮންގް އުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހައްދުފަހަނަޅައިފައިވާ ފިޔަވަޅުތައް އަޅައިފައިވާ އެންމެ ފާޅުކަން ބޮޑު އެއް ހާދިސާއަކީ، 2017 ވަނަ އަހަރު ކުއަލަލަމްޕޫރު އެއަރޕޯޓު ތެރޭގައި، ކިމް-ޖޮންގް އުންގެ އެއްބަނޑު އެއްބަފާ ބޭބެ، ކިމް-ޖޮންގް ނާމް، ނާރުތަކަށް ހަމަލާދޭ ވިހަގަދަ އޭޖެންޓެއް ކަމަށްވާ VX ބޭނުންކޮށްގެން މަރައިލި ހާދިސާއެވެ.

އުތުރު ކޮރެއާގެ ތާރީހަށް ބަލާއިރު، ވެރިކަމަކީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އަންނަ ނިޒާމެކެވެ. ކިމް-ޖޮންގް-ނާމް އަކީ ކިމް-ޖޮންގް އުންގެ ދޮށީ އެއްބަފާ ބޭބެ ކަމުން، އެ ދެ މީހުންގެ ބައްޕަ ކުރީގެ އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް-ޖޮންގް އިލް މަރުވުމުން، އުތުރު ކޮރެއާގެ ވެރިކަން ވާރުތަވާންޖެހެނީ ކިމް-ޖޮންގް ނާމްއަށެވެ. ނަމަވެސް، ކިމް-ޖޮންގް ނާމް އެއްވެސް އިރެއްގައި ވެރިކަން ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ އުތުރު ކޮރެޔާގެ ސިޔާސީ މަސްރަހުން ދުރުގައި، ޗައިނާއާއި މަކާއޯ ފަދަ ތަންތަނުގައެވެ. ނަމަވެސް، އުތުރު ކޮރެއާގެ ދައުލަތުގެ ބިރަކީ، އެ ގައުމާމެދު ނުތަނަވަސްކަން އޮންނަ ބައިނަލްއަގްވާމީ ބާރުތަކުން، ގައުމުގެ ރައްޔިތުން ގަބޫލުކުރާނެ ގާނޫނީ ގޮތުން ސައްހަ ލީޑަރެއް ގެނައުމުގެ މަސައްކަތުގައި ކިމް-ޖޮންގް ނާމް ބޭނުންކޮށްފާނެ ކަމެވެ. ސީދާ ބަގާވާތަކުން ވެރިކަން ބަދަލުކުރުމުގެ ބަދަލުގައި، ގާނޫނީ ގޮތުން ސައްހަ އެހެން ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު ދުޝްމަނުންނަށް ހުޅުވިފައިވާ ކަމަށް އުތުރު ކޮރެއާގެ ސަރުކާރުން ދެކުނެވެ.

ކިމް-ޖޮންގް ނާމް މަރައިލި ދުވަހު ކުއަލަލަމްޕޫރު އެއަރޕޯޓުގެ ސީ.ސީ.ޓީ.ވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ކިމް-ޖޮންގް ނާމް ހިނގައިފައި ގޮސް ޗެކިން ކައުންޓަރަށް މަޑުކުރުމުން، ދުވެފައި ފަހަތުން އައި މީހަކު އޭނާގެ މޫނުމަތީގައި އަތްއަޅައެވެ. އެ މީހާ ދުރަށް ދިޔުމާއެކު، އެހެން އަންހެނަކު އައިސް އޭނާގެ ލޯމަތީގައި އަތް އަޅައެވެ. އެ ހިސާބުން ކިމް-ޖޮންގް ނާމް އެހީ ހޯދަން ހިނގައިގަނެ އެއަރޕޯޓު ސެކިއުރިޓީއަށް ކަންވީގޮތް ކިޔައިދޭތަން ފެނެއެވެ. އޭނާ މަރުވީ އެއަރޕޯޓުގެ މެޑިކަލް ސެންޓަރުގައި ފަރުވާ ދޭން ފަށައިގެން އުޅެނިކޮށެވެ.

ކިމް-ޖޮންގް ނާމްއަށް، އޭނާގެ ސަބަބުން އުތުރު ކޮރެއާގެ ލީޑަޝިޕަށް ކުރިމަތިވެފައިވާ ނުރައްކާ ރަނގަޅަށް އެނގެއެވެ. އޭނާ މަރައިލުމަކީ، އޭނާގެ ކޮއްކޮގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އުތުރު ކޮރެއާގެ ދައުލަތުން ކޮށްފާނެ ކަމެއްކަން އެނގޭތީ، އަމިއްލަ ސަލާމަތީ ރައްކާތެރިކަމަށްޓަކައި އަބަދުވެސް ވިހަ މާއްދާތަކުން ސަލާމަތްވުމަށް ބޭނުންކުރާ ބޭސް އޭނާގެ އަތުގައި ގެންގުޅެއެވެ.

އޭނާ މަރާލުމަށް ބޭނުންކުރި VX ވިހަ މާއްދާއަކީ، އެ މާއްދާ ބޭނުންކުރާ ފަރާތްތަކަށްވެސް ނުރައްކާވާ މާއްދާއެކެވެ. އޭގެ ކުޑަ ތިއްކެއް ހަމުގައި ޖެހުނަސް، މުޅި ހަށިގަނޑުގެ ނާރުތައް ދާއިމީ ގޮތަކަށް މަސައްކަތްކުރަން ފަށައި، ނުހުއްޓި އެކަމުގެ ސަބަބުން މީހާ ވަރުބަލިކޮށްލުވައެވެ. މި އޭޖެންޓު ބޭނުންކޮށްގެން އޭނާ މަރައިލުމުގެ ފުރުސަތު ކުޑަކަމުގައި ހީވިޔަސް، ސަލާމަތީ ރައްކާތެރިކަމުގެ ގޮތުން، އެ މާއްދާގެ އަވަސް ފަރުވާއެއް ކަމަށްވާ އެޓްރޮޕީން އޭނާގެ އަތުގައި މަރުވި ދުވަހުވެސް ހުއްޓެވެ.

ކިމް-ޖޮންގް ނާމް މަރައިލުމަށް ދެ މީހުންގެ އެހީ ބޭނުންކޮށްފައިވަނީ، VX ވިހަ މާއްދާ ދެ ބަޔަށް ބަހާލައިގެން އޭނާއަށް ހަމަލާ ދިނުމަށެވެ. އެކަކު އޭނާގެ މޫނުގައި ކޭއްތި އެތީ މަތީގައި އަނެކަކުގެ އަތުގައިވާ ފޮތިގަނޑުގައި ހުރި އެތި ކޭއްތުމުން، އެ ވިހަ މާއްދާ އެކްޓިވޭޓުވީއެވެ. މިގޮތަށް ދެ ބަޔަށް ބަހާލައިގެން ބޭނުންކުރުމުގެ ސަބަބުން، ހަމަލާދޭން ބޭނުންކުރި މީހުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަވިއެވެ.

އެތަނުން ގޮސް އެޓްރޮޕީން ބޭނުންކުރަން ކިމް-ޖޮންގް ނާމް މަސައްކަތްކުރިކަން ތަހުގީގަށް ހުށައަޅައިފައިވާ މައުލޫމާތުން ސާބިތުވިއެވެ. ނަމަވެސް، އޭރު އޭނާގެ ހަންގަނޑުގައި ވަނީ އެ ވިހަ މާއްދާ ގިނަ އަދަދަކަށް ހޭކިފައެވެ. އެހެންކަމުން، އެޓްރޮޕީންގެ ސަބަބުން އޭގެ އަސަރު ފިލުވައެއް ނުލެވުނެވެ. VX ނާވް އެޖެންޓަކީ ބައިނަލްއަޤްވާމީ ގޮތުން "ވެޕަން އޮފް މާސް ޑިސްޓްރަކްޝަން"ގެ ގޮތުގައި ކަނޑައަޅާފައިވާ މާއްދާއެކެވެ. މިއީ "އެސެޓައިލްކޮލިނެސްޓަރޭސް" ކިޔާ އެންޒައިމްގެ މަސައްކަތަށް ހުރަސްއަޅައި، ހަށިގަނޑުގެ މަސްތައް ވާޅުކޮށްލައި، ނޭވާލާ ނިޒާމަށް ބުރޫއަރައި، ނޭވާ ހުއްޓުވައިލައި މާއްދާއެކެވެ. މީގެ ކުޑަ އެތިކޮޅަކުންވެސް ފުރާނައަށް ނުރައްކާވެއެވެ.

ކިމް-ޖޮންގް ނާމް މަރައިލަން ބޭނުންކުރި ދެ އަންހެނުންނަކީވެސް މި ކަމުގެ އެއްވެސް ހަގީގަތެއް އެނގޭ ދެ މީހުނެއް ނޫނެވެ. އެ ދެ މީހުން މި ރޭވުމުގައި ބައިވެރިކުރީ، މީހަކަށް ލަނޑެއްދީ، މަޖާކޮށްލަން ކުރެވޭ ހަރަކާތެއްގެ ގޮތުގައި ކުޑަ ރޯލެއް އަދާކުރުމަށް ކަމަށް ބުނެއެވެ. އެ މީހުން އެކަމުގައި ބައިވެރިވީ އޮންލައިން ވީޑިއޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ކަމުގައި ހީކޮށެވެ. ތަހުގީގުން ސާބިތުވި ގޮތުގައި، އެ ދެ މީހުންގެ އަތުގައި އެ މީހާގެ މޫނުމަތީގައި ހޭކުމަށް ދީފައިވަނީ ކެމިކަލް ހަތިޔާރެއް ކަމެއް އެ މީހުންނަކަށް ނޭނގެއެވެ.

ތަހުގީގުން ނުކުތް ހެކިތަކުން ފާޅުވީ، އެކަމުގެ އަޑީގައި ތިބި އުތުރު ކޮރެއާއާ ގުޅުންހުރި މީހުން ކިމް-ޖޮންގް ނާމް މަރައިލުމަށް ފަހު، މެލޭޝިޔާއިން ފުރައިގެން ދިޔަ ކަމެވެ. އެކަމުގައި ހައްޔަރުކުރީ އެމީހުންގެ ރޭވުމުގައި ނޭނގި ބައިވެރިވި ދެ އަންހެނުންނެވެ. އެ މީހުން ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރިއެވެ. އެތަނުން އެކަކު ދޫކޮށްލީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފަހުގައެވެ. އަނެކަކަށް ކުރި ހުކުމް ލުއިކުރީ، ގަތުލުކުރުމުގެ ގަސްތެއް ނެތްކަމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށެވެ.

ކިމް-ޖޮންގް-ނާމް މަރުގެ ފަހުން ނުކުތް ރިޕޯޓުތަކުގައި އޭނާ ޖާސޫސެއްގެ ރޯލު ކުޅެފައިވާ ކަމަށް ވިނަމަވެސް މިކަމުގައި ފެނިފައިވާ ހެކިތައް މަދެވެ. އޭނާ މަރައިލި ހާދިސާއިން ހާމަވަނީ، އުތުރު ކޮރެއާ ފަދަ ހުދުމުހުތާރު ސިޔާސަތުތައް ގެންގުޅޭ ގައުމުތަކުން، އެމީހުންގެ ވެރިކަމަށް ހުރަސްއެޅިދާނެ ކަންކަން ނައްތައިލުމަށް ހިންގާ އޮޕަރޭޝަންތަކުގެ ނުރައްކާތެރިކަމާއި ހީލަތްތެރިކަމެވެ. ކިމް-ޖޮންގް ނާމްއަކީ ވެރިކަން ބޭނުންވެގެން އުޅުނު މީހެއް ނޫން ނަމަވެސް، އޭނާ މެދުވެރިކޮށް ވެރިކަން ވައްޓައިލުމުގެ ފުރުސަތެއް އޮތީމައި، އޭނާ މަރައިލުމަކީ އެމީހުންނަށް ފެނުނު އެންމެ ބުއްދިވެރި ގޮތެވެ. އަދި މިފަދަ އަމަލުތައް ހިންގަން، މަކަރާއި ހީލަތުން އެކަމުގެ ހަގީގަތް ނޭނގޭ މީހުންވެސް ބޭނުންކޮށް، ބައިނަލްއަގްވާމީ ފެންވަރުގެ ވިހަ މާއްދާތައް ބޭނުންކޮށްފާނެކަންވެސް މި ހާދިސާއިން ސާބިތުވެގެން ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *