އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބުޅަލާއި ކުއްތާ މަސް ކެއުން މަނާކޮށްފިއެވެ.
އާއްމު ސިއްހަތު ރައްކާތެރި ކުރުމަށާއި ހައިވާނުންގެ ދުޅަހެޔޮކަން ނެގެހެއްޓުމަށް މި ގާނޫނު ފާސްކުރީ މި ދިޔަ ހަފުތާގައެވެ.
"މި ގާނޫނު ތަންފީޒު ކުރުމުގެ އެއް ބޭނުމަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އަރައި ބަލިތަކުން މީހުން ރައްކާތެރި ކުރުން،" ގަވަރުނަރު ޕްރަމޯނޯ އަނުންގް ސޯޝަލް މީޑިއާގައި ބުންޏެވެ.
އެ ގޮތުން ރޭބީސް ފަދަ ބަލިތައް ފެތުރުނަނުދިނުމަކީ މި ގާނޫނުގެ މުހިންމު އެއް ބޭނުމެވެ. އަދި މި ގާނޫނުގެ ދަށުން މީގެ ފަހުން ކެއުމެއްގެ ގޮތުގައި ބޭނުން ކުރުމަށް ބުޅަލާއި ކުއްތާ ދިރިހުއްޓައި ނުވަތަ ކަތިލައިފައި ތާޒާ މަހުގެ ގޮތުގައި ނުވަތަ ޕްރޮސެސްކޮށްފައި ޕެކެޖްކޮށްފައި ވެސް ވިޔަފާރިއެއް ނުކުރެވޭނެއެވެ.
ޖަކާޓާގައި ބުޅަލާއި ކުއްތާ މަސް ކެއުން މަނާކުރުމުން ހައިވާނުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެ ކަމަށް މަރުހަބާ ކިޔައިފައެވެ.
"މިއީ އިންޑޮނޭޝިއާއިން އެޅި ތާރީހީ ފިޔަވަޅެއް. ޖަކާޓާ ފަދައިން އެހެން ސަހަރުތަކުން ވެސް މި ގޮތަށް ފިޔަވަޅު އަޅަން ގޮވައިލަން،" އޭގެ ތެރެއިން ޖަމާއަތަކުން ބުންޏެވެ.



advertisment