Support Us

އުމުރުން 70 އަހަރުގައި އައި.ވީ.އެފް ހަދައިގެން ދަރިއެއް ލިބުނު މީހެއް ވާހަކަ

ޒަވާޖީ ހަޔާތެއް ފަށައިގެން 45 އަހަރު ވީ އިރުވެސް، އިންޑިއާގެ ގުޖަރާތު ސްޓޭޓަށް އުފަން ޖިވުންބަން ރަބާރީއަށް ދަރިއެއް ނުލިބެއެވެ.

ދެން، 2021 ގައި، އެއިރު އުމުރުން 70 އަހަރުގައި ޖިވުންބަންއަށް އަލަތު ދަރިއެއް ލިބުނެވެ. އާދަޔާހިލާފު ގޮތަކަށެވެ. އެއީ އެހާ އުމުރުން މަތިއިރު، ނުރައްކާތެރި ގޮތަކަށް ނަމަވެސް އިން ވިޓްރޯ ފަޓިލައިޒޭޝަން (އައި.ވީ.އެފް) ހަދައިގެންނެވެ.

އަލަތު ދަރިފުޅު ވިހެއީ ސިސޭރިއަން ހަދައިގެންނެވެ.

ޖިވުންބަން ވެސް އަދި އޭނާގެ ދަރިފުޅުގެ ވެސް ހާލު ރަނގަޅު ކަމަށް ދެއްކިއެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކަށް ކިއީ ލާލޯއެވެ.

ހަމަ ގުޖަރާތަށް އުފަން ޖިވުންބަންގެ ފިރިމީހާ ވަލްޖީބާއި ރަބާރީއަށް އެއިރު އުމުރުން 75 އެވެ. ޖިވުންބަން ފަދައިން ވަލްޖީބާއި ވެސް ދަރިއަކު ބޭނުންވިއެވެ. ޖިވުންބަން އެހާ އުމުރުން މައްޗަސް، އައި.ވީ.އެފް ހަދަން ވަލްޖީބާއި ވެސް ނިންމީ ދަރިއަކު ހޯދުމުގެ ހުވަފެން ދެމަފިރިން ވެސް ދެކޭތީއެވެ.

ޖިވުންބަންގެ އުމުރު އެހާ މައްޗަށް ގޮސްފައިވާތީ ޑޮކްޓަރުންނަށް ޖެހުނީ އޭނާގެ ރަހިމު ހާއްސަ ގޮތަކަށް އެ ފަދަ ކަމަކަށް "ތައްޔާރީ ހާލަތަކަށް" ގެންނާށެވެ. އެ ގޮތުން، ގައިނީކޮލޮޖިސްޓެއް ކަމަށްވާ ޑރ. ނަރޭޝް ބާނޫޝާލީ މި އައި.ވީ.އެފް ހެދުމަށް ފުރަތަމައިނުން ޖެހިލުންވިއެވެ. ނަމަވެސް ހޯމޯން ފަރުވާ ދީ އަދި އިއްދައިން ކެނޑިފައިވާތީ ރަހިމުގެ ސައިޒު ކުޑަވެފައިވާތީ ރަހިމުގެ ސައިޒު ފުރަތަމަ ޖެހުނީ ބޮޑު ކުރާށެވެ. އެއަށް ފަހު ދަރިމައިކުރުވި ބިސް ރަހިމުގެ ތެރެއަށް ލިއެވެ.

ޖިވުންބަންގެ އުމުރު އެހާ މައްޗަށް ގޮސްފައިވަނިކޮށް، އޭނާ އާއި އޭނާއަށް ލިބުނު ދަރިފުޅުގެ ވެސް ސިއްހަތު ރަނގަޅުކޮށް ހުރުމުން، މި ކަން ވެގެން ދިޔައީ ދުނިޔޭގެ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް އެއިރު ލިބުނު ކަމަކަށެވެ. އެއީ އެހާ އުމުރުން ދުވަސްވުމުން ދަރިމައިވެ، ވިހެއުމަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ކަމަށް ބެލެވޭތީއެވެ.

ޑރ. ނަރޭޝް ބުނީ އުމުރު އެހާ މަތިވުމުން އައި.ވީ.އެފް ހެދުން ނުރައްކާވާނެ ކަމަށް ޖިވުންބަންގެ ގާތުގައި ބުނުމުން ޖިވުންބަން ރޯން ފެށި ކަމަށެވެ.

"ދެން އޭނާ ބުނީ އޭނާ މަރުވިޔަސް، އޭނާ ދަރިއެއް ހޯދަން މަސައްކަތް ކުރިކަމުގެ އުފާ އޭނާއަށް ލިބޭނެ ކަމަށް،" ޑރ. ނަރޭޝް ބުންޏެވެ.

ދަރިފުޅު ލިބުމުން ޖިވުންބަންއަށް އާދަޔާހިލާފު އުފަލެއް ލިބުނެވެ.

"އަހަރެމެން (ދެމަފިރިން) ދުވަހަކު ވެސް އުއްމީދު ކަނޑައެއް ނުލަން. ލޯބި ފިރިހެން ކުއްޖެއް ދެއްވީތީ އަހަރެމެން މާތް ކަލާނގެއަށް ޝުކުރު އަދާކުރަން،" ޖިވުންބަން ބުނެފައިވެއެވެ.

"މިއީ އަހަރެމެންނަށް ލިބޭނެ އެންމެ ރީތި ހަދިޔާ،" ފިރިމީހާ ވަލްޖީބާއި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *