ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ދިރިހުރިކަން ސާބިތުކޮށްދޭން އާއިލާއިން އެދިއްޖެއެވެ.
އާއިލާއިން މި ގޮތަށް އެދުނީ އޭނާ ޖަލުގައި މަރުވެއްޖެ ކަމަށް އަޑުފެތުރެމުންދާތީއެވެ.
"ވޭތުވެދިޔަ ހަ ހަފުތާ ވަންދެން ބައްޕަ އެކަހެރިކޮށްފައިވަނީ. ފޯން ކޯލެއް، ބައްދަލުވުމެއް އަދި ފުރާނަ ހުރިކަމުގެ ހެއްކެއް ވެސް ސަރުކާރުން ނުދޭ،" ދަރިފުޅު ގާސިމް ހާން ބުރާސްފަތި ދުވަހު ބުންޏެވެ.
އާއިލާއިން ބުނީ އިމްރާން (ފޮޓޯ)ގެ ދައްތަތައް އޭނާއާ ބައްދަލުކުރަން ޖަލަށް ވަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު މިހާރު އެ މީހުންނަށް ހުރަސްއަޅާ ކަމަށެވެ.
"މިއީ އިންސާނިއްޔަތުކަމާ ހިލާފު ކަމެއް،" އިމްރާންގެ ތިމާގެ މީހަކު ބުންޏެވެ.
އިމްރާން ލާފައިވާ ޖަލު ކަމަށްވާ އަދިއަލާ ޖަލުގެ އޮފިޝަލުން ބުނީ އިމްރާން މަރުވި ކަމަށް ދެކެވޭ ވާހަކަތަކަކީ "ޔޯލަޔޯލަ" ވާހަކަތަކެއް ކަމަށެވެ.
"އޭނާ އެހެން ޖަލަކަށް ވެސް ބަދަލެއް ނުކުރޭ. ސިއްހަތު ފުރިހަމަ އަދި އޭނާއަށް ފުރިހަމަ ސިއްހީ ފަރުވާ ވެސް ދެމުން މި ދަނީ،" ޖަލުގެ އޮފިޝަލަކު ބުންޏެވެ.
އިމްރާނަށް ތާއީދުކުރާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ އިމްރާން ދިރިހުރިކަން "މިނިވަން މުސްތަގިއްލު ގޮތެއްގައި ސަރުކާރުން ކަށަވަރު ކޮށްދޭންޖެހޭނެ" ކަމަށެވެ.
"އިމްރާނަށް ޒިޔާރަތް ކުރުމުގެ ހުއްދަ އާއިލާއަށް ދޭންވާނެ. އެއީ އޭނާގެ ސިއްހަތު ރަނގަޅުތޯ ޔަގީން ކުރުމަށް،" އެ ފަދަ ޖަމާއަތެއްގެ އޮފިޝަލަކު ބުންޏެވެ.
އިމްރާންގެ މައްޗަށް މިދިޔަ އަހަރުއްސުރެ މަތިމަތިން ޖަލު ހުކުމްތައް އިއްވައިފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ހާމަކުރުން ހިމެނެއެވެ.



advertisment