އަސްކަރީ ބަޣާވާތެއްގައި ގިނީ-ބިސައުގެ ރައީސް އުމަރު ސިސައުސޫ އެމްބަލޫ ހައްޔަރުކޮށް އަސްކަރީ މައި މަރުކަޒުގައި ބަންދުކޮށްފިއެވެ.
"އަހަރެން މަގާމުން ދުރުކޮށްފި،" ވަރަށް ހަމަޖެހިލައިފައި، އަސްކަރީ މަރުކަޒުގައި ހުންނަވައިގެން ދެއްވި މެސެޖެއްގައި އުމުރުން 53 އަހަރުގެ އުމަރު ވިދާޅުވިއެވެ.
އާ ދައުރެއް މީގެ ދުވަސްކޮޅެއް ކުރިން ކާމިޔާބު ކުރެއްވިކަން އަމިއްލައަށް އިއުލާން ކުރެއްވި، 2020 އިން ފެށިގެން ރައީސް ކަމުގައި ހުންނެވި އުމަރު ބަޣާވާތަކުން މަގާމު ދުރުކުރީ، މައްސަލަތަކެއް ކުރިމަތިވެފައިވާ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ނެރުމުގެ އިންތިޒާރުގައި ރައްޔިތުން ތިއްބައެވެ. މިހެންވެ ގައުމުގެ ކުރިމަގު މިހާރު ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
އަސްކަރީ ބަޣާވާތެއް ގެނައިކަން ރައްޔިތުންނަށް ފުރަތަމަ ހާމަވީ ވެރިރަށް ބިސައުގައި ހުންނަ ރިޔާސީ ގަނޑުވަރާއި އިންތިހާބު ބާއްވާ ކޮމިޝަން އަދި ސަރުކާރުގެ ވުޒާރާތައް ކައިރީގައި ބަޑިޖަހައި އަޑުއިވުމުންނެވެ.

"ގައުމު މިހާރު އޮތީ އަހަރެމެންގެ ފުރިހަމަ ބާރުގެ ދަށުގައި،" އަސްކަރީން އިއުލާންކުރިއެވެ.
ޓީވީގެ ޒަރީއާއިން ކުރި އިއުލާންގައި އަސްކަރީން ބުނީ ވަގުތީ ގޮތުން އިންތިހާބުތައް ބޭއްވުން ހުއްޓައިލައި، ބޯޑަރުތައް ބަންދުކޮށް، އަދި ކާފިއު ހިންގަން ފަށައިފައިވާ ކަމަށެވެ. އެއީ ގައުމުގެ ސަލާމަތާއި އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.



advertisment