ތޫބާސް ސިޓީ އިސްރާއީލު ސިފައިން ބަންދުކޮށްލުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ވެސް "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތައިލުމުގެ މަސައްކަތް ފަށައިފިކަމުގެ ބިރު ހީވެއްޖެ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެފިއެވެ.
"މިއީ ހިފައިފައިވާ ބިންތަކުން ފަލަސްތީން ނަސްލު އެއްކޮށް ނައްތައިލަން ފަށައިފައިވާ އޮޕަރޭޝަނެއް،" އިސްރާއީލު ސިފައިން ތޫބާސް އިއްޔެ ވަށައިލުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުންޏެވެ.
އެހެން ގްރޫޕަކުން ބުނީ މިއީ ފަލަސްތީން ރައްޔިތުން ދާއިމީ ގޮތެއްގައި ގެދޮރު ނެތް ބަޔަކަށް ހަދައިލުމަށް އިސްރާއީލުން "ވަކި ނިޒާމެއްގެ ދަށުން ފަށައިފައިވާ އޮޕަރޭޝަނެއް" ކަމަށެވެ.
ތޫބާސްގެ ވަށައިގެން އޮންނަ ކުޑަ ޓައުންތައް ވެސް އިސްރާއީލު ސިފައިން ވަނީ ވަށައިލައިފައެވެ. މަގުތަކުގައި ބެރިކޭޑްތައް އަތުރައި، ހެލިކޮޕްޓަރުތަކުން މޮނިޓަކޮށް، އަދި ގޭގެއަށް ވެސް ވަނީ ރެއިޑް ޖަހަން ފަށައިފައެވެ.

ސިޓީގެ ގަވަރުނަރު އަހްމަދު އަސްއަދު ބުނީ މިއީ އިސްރާއީލުން "ސަރަހައްދަށް ނުފޫޒު ފޯރުވަން ތަންފީޒުކުރި އާ އުކުޅެއް" ކަމަށެވެ.
"މި ސަރަހައްދު ރައްކާތެރި ކުރަނީ ކަމަށް އިސްރާއީލުން ބުންޏަސް އަހަރެން އެ ކަން ގަބޫލެއް ނުކުރަން. މިއީ އުރުދުން ވާދީ ކައިރީގައި ތޫބާސް އޮންނާތީ މި ސަރަހައްދުގެ ބާރު އިސްރާއީލުގެ އަތްދަށަށް ގެންދަން އަލަށް ފެށި މަސައްކަތެއް،" އަހްމަދު ބުންޏެވެ.
ގާތްގަނޑަށް 30 އާއިލާ އިއްޔެ ވަނީ އެ މީހުންގެ ގެދޮރުން ބޭރުކޮށްލައިފައެވެ. އޭގެ އިތުރުން އެތައް އިމާރާތްތަކެއް އިސްރާއިލުގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް، ސަރަހައްދުގައި ކާފިއު ހިންގަން ވެސް ވަނީ ފަށައިފައެވެ. އެ ގޮތުން ސްކޫލްތައް ބަންދުކޮށް، އެމްބިއުލެންސްތައް ދުއްވިޔަ ނުދީ އަދި އާއްމު މީހުންގެ ހަރަކާތްތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއަޅައިފައެވެ.



advertisment