Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތަށް "އިރު އޮއްސުމު"ގެ ކުރިން ސަމާލުވާންޖެހޭ 10 ކަމެއް

ބައެއް ފަހަރަށް ދިރިއުޅުމައިގެން ބިޒީވުމުން މުހިންމު ކަންތައްތައް މަތިން ހަނދާންނެތެއެވެ. ނަތީޖާއަކަށްވަނީ މީހާ މުސްކުޅިވެ، ވަގުތު ފާއިތުވުމުން، ދޫކޮށްލެވުނު ފުރުސަތުތަކުގެ ހިތި ރަހާއެކު މަރުވަންދެން އުޅުމެވެ. މި ފަދަ ނުރަނގަޅު ކުރިމަގެއް ކުރިމަތިވެދާނެތީ ސަމާލުކަން ދޭންޖެހޭ 10 ކަމެއްވެއެވެ. އެއީ:

  1. ހައްލުތަކާމެދު ނުވިސްނައި މައްސަލަތަކާމެދު އަބަދު ވިސްނާ ނަމަ ސިކުނޑިއަށް "ފެންނާނީ" އަބަދުވެސް އިތުރު މައްސަލަތަކެވެ. ހައްލުތަކާމެދު ވިސްނުމުން އަބަދުވެސް ފެންނާނީ އާ ފުރުސަތުތަކެވެ.
  2. މި ވަގުތު ވޭން އަޅާ މައްސަލަތައް ފަހުން ދުވަހެއްގައި ވެގެންދާނީ ތިބާގެ ވަރުގަދަކަމުގެ ބިންގާތަކަކަށެވެ.
  3. ތިބާގެ ހަޔާތަށް މީސްމީހުން އަންނަނީ ސަބަބުތަކެއް އޮވެގެންނެވެ. އެއް ގޮތަކީ އެ މީހުން ތިބާއަށް އެހީވުމެވެ. އަނެއް ގޮތަކީ ތިބާ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
  4. އެއްވެސް މީހެއްގެ ފަރާތުން ފެންނަ ނުރަނގަޅު ސިފައެއް އެއީ ތިބާ ޒާތީ ވާންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. އެހެނީ އެހެން މީހުން ވެސް ބިޒީވެގެން އުޅޭނީ އެ މީހުންގެ އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރުމުގައެވެ. އެ މީހުންގެ އަމިއްލަ މައްސަލަތައް ހައްލުކުރުމުގައި މަސްއޫލުވެގެންނެވެ. އެހެންކަމުން ތިބާއާމެދު ވިސްނުމުގެ ބަދަލުގައި އެ މީހުން ބޮޑަށް ވިސްނާނީ އެ މީހުންގެ އަމިއްލަ ނަފުސާ ދޭތެރޭގައެވެ.
  5. ކަމެއް ބޭނުން ވެއްޖެ ނަމަ އެ ކަމަށް ސީދާ އެދޭށެވެ. ތިބާ ބަސް ބޭރު ނުކޮށް ހަމައެކަނި ހިތުގައި އެއްޗެއް ބޭއްވުމަކުން އަނެކާއަށް އެއީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ.
  6. ހަޔާތާމެދު އެކި މީހުން ދެކޭނީ އެކި ގޮތަށެވެ. އެއީ ކޮންމެހެން ތިބާގެ ހިޔާލުތަކާ އެއްގޮތް ވާންޖެހޭ ވިސްނުންތަކެއް ނޫނެވެ.
  7. އަބަދުވެސް އަމިއްލަ ނަފުސަށް ބަރޯސާ ވާށެވެ. އެހެން ނޫނީ ތިބާގެ އެދުންތައް ފުރިހަމަ ނުވުމުން ދެރަވާނީ ހަމަ ތިބާއެވެ. ސަބަބަކީ ތިބާއަށް އުފާ ހޯދައިދޭކަށް އެހެން މީހުންގެ މައްޗަށް ބަރޯސާވުން ބުއްދިވެރިއެއް ނޫނެވެ.
  8. އާ ކަންތައްތައް ކުރަން ޖެހިލުން ނުވާށެވެ. ކަމެއް ނުކޮށް ހުރުމުން ނުކުންނާނެ ނަތީޖާއެއް ނޭނގޭނެއެވެ. ފަހަރުގައި ބިރުން ހުރެ ވެސް ކަމެއް ކޮށްފި ނަމަ، ތިބާ ހީކުރި ވަރަށްވުރެ މާ ރަނގަޅު ނަތީޖާއެއް ވެސް ލިބިދާނެއެވެ.
  9. ތިބާގެ ނަފުސު "ބިނާވަމުން" ދާނީ ތިބާއަށް ކުރެވޭ ކުށްތައް އަމިއްލައަށް ރަނގަޅު ކުރުމުންނެވެ. އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވައިގެނެއް ނޫނެވެ.
  10. ތިބާގެ އަމިއްލަ ނަފުސު ދެކެ ލޯބިވެވޭނީ ތިބާ މިހާރު ވެފައި ތިޔަ ހުރި މީހަކަށް ވުމުގައި ހަޔާތުގައި ކުރިމަތިވި ހުރިހާ ކަމަކުން ލިބުނު ފިލާވަޅުތައް ބަލައިގަތުމުންނެވެ.

ބައެއް މީހުން މަރުގެ ދާނުގައި އޮންނަ އިރު މިވެނި އެވެނި ކަމެއް ކުރެވުނު ނަމައޭ ހިތަށް އަރަނީ މި ފާހަގަކޮށްލި 10 ކަންތައްތަކާމެދު ޣާފިލުވެގެން ހުރެ ދިރިއުޅުމުންނެވެ. އެހެންކަމުން މި ދުނިޔެއަށް އަލްވަދާއު ކިޔައި، ދާއިމީ އާލަމަށް ދަތުރު ކުރުމުގެ ކުރިން، އުފާވެރި ދިރިއުޅުމެއް އުޅެވުނުކަމުގެ އުފާވެރި އިހްސާސް ކުރުމަށް، މި 10 ނުކުތާއަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

  • ތަރުޖަމާއެއް