ކޮމެޑީ ޓީވީ ސީރީޒެއްގައި ފެންނަ ކަހަލަ ހާދިސާއެއްގައި، އައިޑެންޓިޓީ ފޭކުކޮށްގެން ފިލިޕީންސްގައި ދެ އަހަރު ވަންދެން މޭޔަރުކަން ކުރި ޗައިނާ އަންހެނަކު މިއަދު އުމުރަށް ޖަލަށްލައިފައެވެ.
އުމުރުން 35 އަހަރުގެ އެލިސް ގުއޯ (ފޮޓޯ) ވަނީ އުފަންދުވަހުގެ ސެޓްފިކެޓްގެ މައުލޫމާތުތައް ވެސް އޮޅުވައިލައިފައި ކަމަށް ކޯޓުން ބުންޏެވެ.
އެލިސް ޖަލަށް ލީ ވެރިރަށް މެނީލާގެ އުތުރުން އޮންނަ ޓައުނެއްގެ މޭޔަރަކަށް ހެދިގެން އިންސާނުން ޓްރެފިކް ކުރުމުގެ ކުށާއި ސްކޭމް ހިންގުމާއި އޮންލައިންކޮށް ޖުވާ ކުޅުމުގެ އޮޕަރޭޝަނެއް ހިންގި ކަމުގެ ކުށެވެ. އޭނާގެ އޮޕަރޭޝަންތަކުގައި ބައިވެރިވި އިތުރު ހަތް މީހުންނަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
އޭނާ ވަނީ ޗައިނާއިން ހިންގި އޮންލައިންކޮށް ޖުވާ ކުޅޭ އޮޕަރޭޝަނެއް ހިންގުމުގައި ސިއްރުން ބައިވެރިވެ، ސްކޭމްތަކުގައި ބައިވެރިވުމަށް ވެސް މީހުންނަށް މަޖުބޫރުކޮށްފައެވެ. ބައިވެރި ނުވެއްޖެ ނަމަ އަނިޔާކުރާނެ ކަމަށް ވެސް ބިރުދައްކައިފައިވެއެވެ.
ސްކޭމް ހިންގި ބިމުގައި އޮފީސް އިމާރާތްތަކާއި މަހުޖަނުން އުޅޭ ފެންވަރުގެ ވިލާތަކާއި އަދި ބޮޑު ފަތާފެންގަނޑެއް އޮތެވެ. މި ދިޔަ އަހަރުގެ މާރިޗު މަހު ފުލުހުން އެ ތަނަށް ރެއިޑެއް ޖެހީ ވިއެޓްނާމް ރައްޔިތަކު އެ ތަނުން ފިލައި، ފުލުހުންނަށް ގުޅުމުންނެވެ.
އެލިސްގެ ސްކޭމް އާއި ޖުވާ ކުޅުމާއި އިންސާނުން ޓްރެފިކް ކުރުމުގެ އޮޕަރޭޝަންތަކުގައި ގަދަކަމުން 700 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސް، ޗައިނާ، ވިއެޓްނާމް، މެލޭޝިއާ، ޓައިވާން، އިންޑޮނޭޝިއާ އަދި ރުވާންޑާގެ ރައްޔިތުންނެވެ.
ބިމުގައި ހިންގަމުން ދިޔަ ކުންފުނީގެ ރައީސްގެ ގޮތުގައި ލިޔެކިޔުންތަކުން ތުހުމަތު ކުރެވެނީ އެލިސްއަށެވެ.
"އެއް އަހަރު ދުވަހުގެ ޝަރީއަތަކަށް ފަހު ކޯޓުން މި ވަނީ ރަނގަޅު ހުކުމެއް އިއްވައިފައި. އެއީ އުމުރަށް ޖަލަށް ލުމުގެ ހުކުމް،" ދައުލަތުގެ ވަކީލު އޮލިވިއާ ޓޯރީވިލަސް ބުންޏެވެ.
ދެކުނުއިރުމަތީ އޭޝިއާގައި އެލިސް ހިންގި މި ސްކޭމުން 37 ބިލިއަން ޑޮލަރު (570 ބިލިއަން ރުފިޔާ)ގެ ގެއްލުމެއް އެ ސަރަހައްދަށް ގެއްލިފައިވާއިރު މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެ އަދަދު "މާ ބޮޑުތަން އިތުރުވާނެ" ކަމަށް އދ.އިން ބުންޏެވެ.
އެލިސްގެ އޮޕަރޭޝަންތަކާ ގުޅިގެން ފިލިޕީންސްގެ ރައްޔިތުން ހިތްހަމަނުޖެހުން މި ދިޔަ އަހަރު ފާޅުކުރުމުން ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާ ވަނީ ބިދޭސީ ގައުމުތަކުން ފިލިޕީންސްގައި ޖުވާ ކުޅެވޭނެ ހުއްދަތައް ބާތިލުކޮށް، އެލިސްގެ އޮޕަރޭޝަންތަކުގައި އުޅުނު ބިދޭސީ ރައްޔިތުން ފިލިޕީންސުން ބޭރުކޮށްލައިފައެވެ.



advertisment