އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކަ ފޮތަށް ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ ބުކާ، ޑޭވިޑް ޝަލައިގެ ފޮތް "ފްލެޝް"އަށް ދީފިއެވެ.
އިނގިރޭސި ވިލާތުގައި ދޭ، މި ފަހަރުގެ އިނާމު ދިނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އިނާމާއެކު 50،000 ޕައުންޑް (އެއް މިލިއަން ރުފިޔާ) ވެސް ދިނެވެ.
އުމުރުން 51 އަހަރުގެ ޑޭވިޑް އުފަންވީ ކެނެޑާގައި ކެނެޑާގެ މަންމައަކާއި ހަންގެރީގެ ބައްޕައަކަށެވެ. އިނގިރޭސި ވިލާތުގައި ބޮޑުވުމަށް ފަހު އޭނާ މިހާރު ދިރިއުޅެމުން ދަނީ އޮސްޓްރިއާގައެވެ.
ޑޭވިޑް 2016 ގައި ވަނީ ބުކާ އިނާމަށް ނޮމިނޭޓްވެފައެވެ. އެއީ ކުރު ވާހަކަތަކެއް ހިމެނޭ "އޯލް ދެޓް މޭން އިސް"އަށެވެ.
"ފްލެޝް"ގައި ދައްކައިދެނީ ހަންގެރީގެ އާދައިގެ ފަންތީގެ މީހަކު އިނގިރޭސި ވިލާތުގެ އެންމެ މަތީ ފަންތީގެ މީހަކަށް ވާ ގޮތެވެ.
ފަނޑިޔާރުން ބުނީ "ފްލެޝް"ގައި ދައްކައިދެނީ "ދިރިއުޅުމާއި އަދި ދިރިއުޅުމުގައި ހުރި އާދަޔާހިލާފު ކަންތައްތައް" ކަމަށެވެ.
ޑޭވިޑް ބުނީ އޭނާ މި ވާހަކަ ބިނާކުރީ "ސީދާ ސާދާ ނަމަވެސް އަސާސީ ކަންތައްތަކަކަށް" ބިނާކޮށްފައި ކަމަށާއި ހަތަރު އަހަރު ވީ ފޮތް ލިއުމުގެ އެހެން މަޝްރޫއެއް މަޑުޖައްސައިލައިފައި، ވަރަށް ޕްރެޝަރުގައި ކަމަށެވެ.
"މި ވާހަކައިގައި ދައްކުވައިދޭ ބަތަލުގެ ޝަހުސިއްޔަތާމެދު ކިޔުންތެރިން ދެކޭނެ ގޮތް އަހަރެންނަކަށް އަސްލު ނޭނގުނު،" ވާހަކަ މަދު މީހެއްގެ ހަޔާތް ކިޔައިދޭ ވާހަކަ ފޮތާ ބެހޭ ގޮތުން ޑޭވިޑް ބުންޏެވެ.
ބުކާ އިނާމު ލިބުމުގެ ސަބަބަން ޑޭވިޑް މުޅި ދުނިޔެއަށް މަޝްހޫރުވާނެއެވެ. ސަބަބަކީ 1969 ގައި ދޭން ފެށި މި އިނާމުގެ ސަބަބުން ލިޔުންތެރިންގެ ހަޔާތަށް ރަނގަޅު ބޮޑު ބަދަލުތަކެއް އަންނާތީއެވެ.
މި އިނާމު ކުރިން ލިބުނު މީހުން ތެރޭގައި އަވަށްޓެރި އިންޑިއާގެ އަރުންދަތީ ރޯއި އަދި ބާނޫ މުޝްތާގު ހިމެނެއެވެ.



advertisment