އިންސާނާގެ ހަގީގީ ބާރު ލިބުން އޮންނަނީ ހަމައެކަނި އެ މީހެއްގެ މާއްދީ އަދި އިޖުތިމާއީ ހައިބަތަކުން ނޫނެވެ. ހުރިހާ ބާރެއް ފެށެނީ އިހްތިރާމުންނެވެ. އެ ގޮތުން މި ބަލައިލަނީ ޒާތީ ގޮތުން ބާރު ލިބޭނޭ މުހިންމު އަށް ގޮތަކަށެވެ.
- ތެޅިފޮޅިނުގަނެ، އަބަދުވެސް ހަމަޖެހިލައިގެން، މަޑުމަޑުން ހުންނާށެވެ.
- ވާހަކަ ދެއްކުން މަދުކުރާށެވެ. ތިބާގެ ހުރިހާ ކަމެއް އެހެން މީހުންނަށް އެނގުން މުހިންމެއް ނޫނެވެ. ތިބާގެ ކޮންމެވެސް ކަހަލަ ސިއްރު ކަންތައްތަކެއް ("މިސްޓްރީ"އެއް) ހުރުމުން ތިބާއާމެދު މީހުންގެ ޝައުގުވެރިކަން އިތުރުވާނެއެވެ.
- ކަންތައްތައް ވާ ގޮތް ރަނގަޅަށް ބަލައިށެވެ. އެއިރުން ރަނގަޅު ވިސްނުމަކާއެކު ރަނގަޅު ނިންމުންތަކެއް ނިންމަން އެނގޭނެއެވެ.
- އިހްތިރާމް ("ރެސްޕެކްޓް") ކުރާށެވެ. ނުބުންޏަސް، އިހްތިރާމް ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ޒާތީ އެންމެ ބޮޑު އެދުމެވެ.
- ހިމޭންކަމާއެކު ކަންތައްތައް ކުރާށެވެ. ތިބާ ކުރާ ކަންތައްތަކުގެ ސަބަބު ކިޔައިދިނުމުގެ ބަދަލުގައި އެ އަމަލުތަކުގެ ނަތީޖާ ފެނުމުން މީހުންނަށް މާ ކަމުދާނެއެވެ. ތިބާގެ އަގު އަރާނެ އަދި އަގު ހިފެހެއްޓޭނެ ގޮތަކީ މިއީއެވެ.
- ހަތަރުކަޅި ހަމަކުރާށެވެ. ވާހަކަ ދައްކާއިރާއި މުއާމަލާތް ކުރާއިރު އަނެކާއާ ދިމާއަށް ނުބަލާ ނަމަ ތިބާ ނުބައި ކަމެއް ސިއްރު ކުރަނީ ކަމަށް ނުވަތަ އަނެކާއަށް އިހްތިރާމް ނުކުރަނީ ކަމަށް އަނެކާއަށް ހީވެދާނެއެވެ.
- ވަގުތުގެ ބޭނުން ހިފާށެވެ. ދުވަސް ރަނގަޅަށް ރާވައިލުމުން ގިނަ ކަންތައްތައް ކުރެވޭނެއެވެ. އާމްދަނީ ލިބޭ ކަންތައްތައް ކުރުމުގެ ފުރުސަތު އިތުރު ކުރުމަށް މަގުފަހި ކުރެވުމުގެ އިތުރުން ލޯބިވާ މީހުންނާއެކު ވަގުތު ހޭދަ ކުރުމަށާއި ހުސްވަގުތު ހިތްހަމަޖައްސައިލަން ކުރާހިތްވާ ކަންތައްތަކަށް ވެސް ވަގުތު ލިބި، ވަށާޖެހޭ ދުޅަހެޔޮ މީހެއްގެ ގޮތުގައި ތިބާއަށް ދެމިހުރެވޭނެއެވެ.
- ބަސް ބުނުމުގެ ކުރިން ވިސްނައިލައިށެވެ. ސަބަބަކީ އަނގައިން ބަހެއް ބޭރުކޮށްލުމުން ތިބާ ވާނީ އެ ބަހުގެ އަޅަކަށެވެ. އަދި ރަނގަޅަށް ވިސްނައި ނުލައި ގިނަ ފަހަރަށް ބުނެވޭނީ އެކަށީގެންނުވާ ބަހެކެވެ. ސަބަބަކީ ރަނގަޅަށް ކަންތައްތައް ފަހުމްވެލުމަށް އިންސާނާގެ ސިކުނޑިއަށް ވަގުތު ބޭނުންވެއެވެ.
މި ބަލައިލެވުނު އަށް ކަމަކީ ވަރަށް ފަސޭހައިން އެ އަށް އަމަލު ކުރެވޭނެ ކަންތައްތަކެވެ. އަދި މި ގޮތަށް އަމަލު ކުރުމުން ތިބާގެ ގަދަރު އެހެން މީހުންގެ ކުރިމަތީގައި އުފުލޭނެއެވެ. ގަދަރު ލިބުމުން ނޫނީ ތިބާގެ އަގު ނުވަތަ "ޑިގްނިޓީ" ނުހިހެއްޓޭނެއެވެ. މާނައަކީ ތިބާއަށް ލިބުން ހައްގު އިހްތިރާމާއި ޝަރަފު ރައްކާތެރިއެއް ނުކުރެވޭނެއެވެ. އާހިރުގައި، ހުރިހާ ބާރެއްގެ އަސްލަކީ ވެސް، ސީދާސާދާކޮށް ބުނާ ނަމަ، އިހްތިރާމެވެ.
