Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތުގެ އެންމެ ހަރުކަށި 6 ފިލާވަޅު

ތިބާ ދުނިޔެއަށް އައީ އެކަންޏެވެ. ދާނީ ވެސް އެކަންޏެވެ. އަދި އައީ އަމިއްލައަށް އެދިގެނެއް ވެސް ނޫނެވެ.

ދިރިއުޅުމުގެ އަސާސީ މައިގަނޑަކީ މިއީ ކަމަށް ބަލައިފި ނަމަ، ހަޔާތުގައި ކުރިމަތިވާނެ އެންމެ ހަރުކަށި ހަ ފިލާވަޅު ދަސްކޮށް، އެއާ އެއްގޮތަށް ބާއްޖަވެރި ދިރިއުޅުމެއް ގާއިމުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެ ގޮތުން، މި ބަލައިލަނީ ހަޔާތުގައި ކުރިމަތި ނުލައި ނުދާނެ ހަ މަރުހަލާއެކެވެ:

  1. ތިބާ ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ.
  2. ތިބާގެ މައްސަލަތަކަށް އެހެން މީހުން އަސްލުގައި ފަރުވާލެއް ނުބަހައްޓާނެއެވެ. ސަބަބަކީ ކޮންމެ މީހަކީ ވެސް ދިރިއުޅުމުގައި އެ މީހެއްގެ އަމިއްލަ ޒާތީ ހަނގުރާމަތަކުގައި މަޖުބޫރުވެގެން މަސްއޫލުވެގެން އުޅެން ޖެހިފައިވާ މީހުންނެވެ.
  3. ފައިސާއަކީ ތިބާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި 99 ޕަސެންޓް ދައުރެއް އަދާކޮށްފާނެ އެއްޗެކެވެ. ނަމަވެސް ފައިސާއަކީ އިތުބާރާއި ވަފާތެރިކަން ގަނެވޭނެ ވަސީލަތެއް ނޫނެވެ.
  4. ހަގީގަތުގައި މީހުން ތިބޭ ސިފައަށް އެހެން މީހުން ބަލައެވެ. މިއީ ސުލޫކީ ގޮތުން ރަނގަޅު ގޮތެއް ނޫން ނަމަވެސް މެއެވެ. ސިފަ ރީތި މީހުން ކުށްތަކުން ގިނަ ފަހަރަށް ސަލާމަތްވަނީ މި ނޫން ކަމެއް ވެގެނެއް ނޫނެވެ.
  5. ތިބާ ވާ ހުށީ ތިބާ "ކޮންސިއުމް"ކުރާ ނުވަތަ ބޭނުންކުރާ ނުވަތަ އެކުލަވާ "އެއްޗެހީ"ގެ ސިފަ ޖެހޭ މީހަކަށެވެ. މިސާލަކަށް، ތިބާގައި ޖެހޭނީ ތިބާ އެކުގައި އުޅޭ ރަހްމަތްތެރިންނާއި ކާބޯތަކެއްޗާއި މި ފަދަ ކަންތަކުން "ނުކުންނަ" ސިފަތަކެވެ. މިހެންވެ، ތިބާގެ އުޅުމާއި ހަރަކާތްތަކާއި އަމަލުތައް ތިބާގެ މާހައުލާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ.
  6. އިންސާނުންނަކީ މޫސުން ފަދަ "އެއްޗެއްސެ"ވެ. އާހިރުގައި ހުރިހާ އެންމެނަށް ވެސް ތިބާ ދޫކޮށްލައިފައި ދާން ޖެހޭނެއެވެ. ތިބާގެ މައިންބަފައިން ވެސް އަބަދަކު މި ދުނިޔެއަކު ނުހުންނާނެއެވެ.