Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފެނު ކެކުނު ބޮކަށް ނުވުން

ބޮކެއް ފިނި ފެން އެޅި ކުރައަކަށް ލައިފައި މަޑުމަޑުން ހޫނުކުރަން ފަށައިށެވެ. ފުރަތަމައިން އެ ސޮރު އިންނާނީ ހަމަޖެހިލައިގެންނެވެ. މަޑުމަޑުން އެ އަންނަ ބަދަލަށް މާ ބޮޑު ހަރަކާތެއް ނުކޮށެވެ. "އެމްފީބިއަން" ބާވަތުގެ މަހުލޫގަކަށްވާތީ އެ ސޮރުގެ ލެއަކީ ފިނިކޮށް ހުންނަ ލެއަށް ވާތީ، އެ ސޮރުގެ ހަށިގަނޑުގެ ހޫނުކަން، ހޫނުވަމުންދާ ފެނުގެ ހޫނުކަމާ އެއްވަރަށް، ހާނުވަމުންދާނެއެވެ. "މި ވަރު އަދި އެންމެ ރަނގަޅޭ، އަހަރެންނަށް ކެތްކޮށްލެވޭނެއޭ،" ހިތަށް އަރުވައިގެންނެވެ.

ފެންގަނޑުގެ ހޫނުކަން މައްޗަށްދާ ވަރަކަށް ވެސް ބޮއް ވެސް ދާނީ އެ ސޮރުގެ ހަށިގަނޑު ހާނުވަމުންނެވެ. އަދިވެސް އެ ސޮރަށް ކެތްކުރެވިދާނެއޭ ހިތަށްއަރުވައިގެންނެވެ. ހޭނެމުން ހޭނެމުން މަޑުމަޑުން ދާއިރު، ވަމުންދާ އުނދަގޫތައް މަޑުމަޑުން ބަލައިގަންނަމުންދާނެއެވެ. ދެން އޮތް މަރުހަލާއިން ވެސް ސަލާމަތްވާނެކަމަށް ގަބޫލުކޮށްގެންނެވެ.

އެކަމަކު ނުރައްކާ އޮތީ މި ހިސާބުގައެވެ. ކެތް ނުކުރެވޭ ވަރަށް ފެންގަނޑު ހޫނުވުމުން، ސަލާމަތްވުމަށް އަވަސްވެގަންނަން ވެއްޖެކަން ބޮކަށް އެންމެ ފަހުން ރޭކައިލައިނެވެ. "އަހަރެންގެ ނަފުސު ސަލާމަތްކުރަން އަހަރެން ބޭރަށް މިހާރު ފުއްމައިލަންޖެހޭނެއޭ" އެ ސޮރުގެ ހިތަށްއަރައިނެއެވެ.

ނަސީބު ދެރަކަމުން، އެ ވަގުތު އައިސް ޖެހުމުން، އިތުރުވަމުން ދިޔަ ހޫނުކަމަށް ކެތްކުރުމަށްޓަކައި ބޮއް ވާނީ އޭގެ ހަކަތަ ބޭކާރުކޮށްލައިފައެވެ. ހަށިގަނޑު ވާނީ ނިކަމެތިވެފައެވެ. ސަލާމަތްވާން ފުއްމައިލައިނެ ވަރެއް ގައިގައި ނުހުންނާނެއެވެ. ސަލާމަތްވާން ބޭނުންވިޔަސް، ބޮއް އިންނާނީ "ބަނދެވިފަ"އެވެ. މަޑުމަޑުން އެ ސޮރު، ކެކެމުންދިޔަ ފެންގަނޑުގެ ޝިކާރައަކަށްވާނެއެވެ. އަމިއްލަ ނަފުސު ސަލާމަތް ކުރުމަށް ނުކުޅެދިފައެވެ.

ހަގީގަތަކީ ބޮއް މަރުވެގެން ދިޔައީ ފެންގަނޑުގެ ހޫނުކަމަކުން އެކަންޏެއް ނޫންކަމެވެ. އެ ސޮރު މަރުވީ އަވަހަށް އަމަލު ކުރަން ފޭލިވީމައެވެ. ކުރައިން ބޭރަށް ފުއްމައިލެވެން އޮއްވައި އެ ގޮތަށް ނިންމުމަށް ފޭލިވުމުންނެވެ.

މި ކަމަށް ކިޔަނީ "ބޮއިލިން ފްރޮގް ސިންޑްރޯމް"އެވެ. ލަފުޒީ މާނައިން ނަމަ "ފެނުކެކޭ ބޮކުގެ އަލާމާތްތަކެ"ވެ.

މި ވަރުގަދަ ވާހަކައަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުން ދައްކުވައިދޭ މިސާލެކެވެ. އަހަރެމެންނާ ދޭތެރޭ ބޭއިންސާފުން ކަންތައް ކުރެވެމުންނާއި އަހަރެމެންނާމެދު އިހުމާލުވުމުންނާއި އަހަރެމެން ހާލުގައި ޖެހުމުން، ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން އަހަރެމެން އަހަރެމެންގެ ނަފުސަށް ބުނެލަނީ "މި ވަގުތަށް އަހަރެން މި ކަމަށް ކެތްކުރާނަމޭ، މި ކަން ފަހުން ހައްލުކޮށްލާނެމޭ"އެވެ. ކުދިކުދި ވޭންތަކާއި އަހަރެމެންނަށް ލިބޭ އިންޒާރުގެ ނިޝާންތަކާމެދު ވަރިހަމަވެލައި އަދި ގޯސްވަމުންދާ ހާލަތްތަކަށް ހޭނި، ކަންތައްތައް ރަނގަޅުވާނެކަމަށް އުއްމީދުކުރަނީއެވެ.

އެކަމަކު ހައްލުކޮށްލެވިދާނެ ފަދަ ދަތިއުނދަގުލެއް ގޮތަށް ފެށި މައްސަލައެއް މީހާ އެއްކޮށް ހުށަހަޅައިލައި ވޭނަކަށް ބޮޑުވެގެން ހިނގައިދާނެއެވެ. ހާލަތުގެ ސީރިއަސްކަން އަހަރެމެންނަށް ރޭކައިލައިއިރު، އެ ކަމާ ދެކޮޅަށް ހަނގުރާމަކުރަން އަދި އެ ހާލަތު ބަދަލުކުރަން، އޮންނާނީ ހަށިގަނޑުގައި ވަރު ނެތް ހިސާބަށް ގޮސްފައެވެ. އެ ކަމާ ދެކޮޅަށް ތެދުވާށާއި ވާހަކަ ދައްކާށާއި އަދި އަހަރެމެންގެ ނަފުސު ރައްކާތެރިކުރުމުގެ ހިތްވަރު އޮންނާނީ ގެއްލިފައެވެ.

މި ތާނގައި މި ދަސްވި ފިލާވަޅު ސާފެވެ: "ވިހަ" ނުވަތަ "ޓޮކްސިކް" ހާލަތްތަކުން ރެކޭނެ ބާރު ގެއްލޭނެ ހިސާބަށް ފޯރައިފައިނެ ތަނަށް ތިބާ ދިޔަ ނުދޭށެވެ.

އުނދަގުލެއް އުޅޭކަން އިހުސާސް ކުރެވޭ ނަމަ ނުވަތަ ބޭއިންސާފުން ތިބާއާމެދު ކަންތައްތައް ކުރެވޭހެން ހީވާ ނަމަ، ވަގުތުން ފިޔަވަޅު އަޅައިށެވެ. ވަގުތު ފާއިތު ނުވަނީސް ސާފު އިންތަކެއް ކަނޑައަޅައި، ތިބާގެ އަޑު އުފުލައި، އަދި ތިބާގެ "ޑިގްނިޓީ" ދިފާއު ކުރާށެވެ. ޑިގްނިޓީއަކީ ތިބާގެ އިހްތިރާމާއި ޝަރަފާއި ފެންވަރާއި ކާމިޔާބީތަކުގެ އަގެވެ. ތިބާގެ ނަފުސާނީ އަދި ޖަޒުބާތީ ކެތްތެރިކަމަކީ ތިބާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއަށް ފެން ދީ، ބޮޑުކޮށް، ބަލަހައްޓައި ރައްކާތެރި ކުރާށެވެ. މަޑުމަޑުން ފިރުކެމުން އަންނަ ގެއްލުންތަކުން އެ ހަނަފަސްވިޔަ ނުދޭށެވެ.

ހަނދާންކުރާށެވެ. ތިބާގެ ހަޔާތް ތިބާގެ އިންތައް ގިނަގިނައިން ޓެސްޓު ކުރާނެއެވެ. އެކަމަކު ކެކެމުންދާ ފެންގަނޑުން ބޭރަށް ފުއްމައިލަންވީ ވަގުތު ނިންމުން އެއީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ. ތިބާގެ ހަކަތަ ދަންދެން މަޑުނުކުރާށެވެ. ވަގުތުން އަމަލުކުރާށެވެ. ތިބާގެ ހަމަޖެހުން ރައްކާތެރިކުރާށެވެ. ތިބާ ދިރިހުންނާނެ ގޮތް ތިބާ ބޭނުންވާ ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އިހްތިޔާރު ކުރާށެވެ.

ސަބަބަކީ އެއްވެސް މީހަކީ "ފެނު ކެކުނު ބޮކަކަ"ށް ވުމަށް އެކަށީގެންވާ މީހެއް ނޫނެވެ. ފެނު ކެކުނު ބޮކަކީ ސަލާމަތްވާން ބޭނުންވި، އެކަމަކު ނަފުސު ސަލާމަތް ކުރަން، މާ ލަސްވި މީހާއެވެ.

  • ތަރުޖަމާއެއް