Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޔަތީމު ރަސްގެފާނު

އަހަރެންނަށް އެއިރު އުމުރުން ހަ އަހަރެވެ. އަހަރެންގެ މައިންބަފައިން އަހަރެން ދޫކޮށްލައިފި ދިޔައީ ޔަތީމުހާނާއެއްގެ ދޮރޯށިދޮށަށެވެ. އެ މީހުން އެނބުރިއެއް ނާދެއެވެ.

އެ ހިނދުކޮޅަކީ އަހަރެންގެ ހަނދާނުގައި އަބަދަށް ބިންވަޅު ނެގުނު ވަގުތުކޮޅެކެވެ. އަހަރެންގެ ގައިގައި މަންމަ ބައްދައިލިއެވެ. ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އަހަރެންގެ ކަންފަތްބުޑުގައި ވައި އަޑަކުން ބުނެލިއެވެ. އަދި އެ ތަނުން ގެއްލުނެވެ.

ދެކުނު އެމެރިކާ ބައްރުގެ ކޮލަމްބިއާގެ މެޑަގީން ސަހަރުގައި ހުރި ޔަތީމުހާނާގެ ކުރިމަތީގައި އަހަރެން ހުރީ ކުޑަ ޓެޑީ ބެއާ (މަޑު އެއްޗެހި ލައިފައިވާ ކުޅޭކުޅޭ ކުޑަ ސާރިދޯޅެއް)އަކާއި އަންނައުނުގެ ދެ ސެޓު ލައިފައިވާ ދަބަހެއް ބުރަކަށީގައި އަޅުވައިލައިގެންނެވެ. ދުވަސްތައް ހަފުތާތަކަށް ފޭދުނެވެ. ހަފުތާތައް އަހަރުތަކަށެވެ. މަންމަ އެއްގޮތަކަށް ވެސް އަނބުރާ ނައެވެ.

އެހެން ކުޑަކުދިން އައު އާއިލާތަކާއެކު ޔަތީމުހާނާ ދޫކޮށްފައި ދާ މަންޒަރު އަހަރެން ބަލަމުން ގެންދިޔައިމެވެ. އުއްމީދުގެ ހުޅުކޮޅުން އެ ކުދިންގެ މޫނުމަތި ވިދާބަބުޅާ މަންޒަރެވެ. ނަމަވެސް އަހަރެން ހުރީ ޔަތީމުހާނާއަށް "އެއްލައިލެވިފަ"އެވެ.

ކޮންމެ ރެއަކު އަހަރެން އޮންނަނީ ހޭލައެވެ. ފަންގިފިލައާ ދިމާއަށް ކަޅިނުޖަހައި ބަލައިށެވެ. އަހަރެންގެ މައިންބަފައިންނަކީ ސިއްރު ސިފައިންތަކެއް ކޮންމެވެސް ސިއްރިޔާތު މަޝްރޫއެއްގައި އުޅެފައި ކޮންމެވެސް ދުވަހަކުން އަހަރެން ބަލައި އަންނާނެކަމަށް އަހަރެންގެ ނަފުސަށް އޮޅުވައިލައިގެންނެވެ. އެ ދެ މީހުން ދުވަހަކު ވެސް އެނބުރި ނައެވެ.

ނަމަވެސް ޔަތީމުހާނާގެ ބަދިގެއިން އަހަރެންނަށް މިނިވަންކަމުގެ އަލިފާންކަންޏެއް ހޯދުނެވެ. ކާބޯތަކެއްޗަށް އަޅައި އިންގްރީޑިއަންޓްސް ނުވަތަ ތަކެތި މަސްހުނިކުރަން އަހަރެން ލޯބިކުރީމެވެ. ބާކީވެފައި އޮންނަ ހަކުރުކޮޅުތަކާއި ގިނަ ދުވަސްވެފައިވާ ކޮކޯތައް ކުދިކުދި އުފާވެރިކަމަށް ބަދަލުކުރީމެވެ.

އުމުރުން 13 އަހަރަށް އެޅުނުއިރު އަހަރެންގެ އަތުން ޗޮކްލެޓް ތައްޔާރުކޮށް އެ ވިއްކަމުން ދިޔައީމެވެ. އެއީ އަހަރެން ޖަރީކުރި ކަރުދާހުގައި ބަންދުކޮށްފައެވެ.

"ޗޮކްލެޓް ކުއްޖާ"އޭ މީހުން އަހަރެންނަށް ގޮވަން ފެށިއެވެ.

ޓްރެފިކް ލައިޓްތަކާއި މަގުތަކުގެ ކަންމަތީގައި އަދި ކާނިވާތަކުގައި އަހަރެން އެ ވިއްކީމެވެ.

އެއް ދުވަހަކު ވިޔަފާރިވެރިއަކު އަހަރެންގެ ޗޮކްލެޓެއް ރަހަ ބަލައިފައި އެ ތައްޔާރުކުރީ ކާކުތޯ އެއްސެވެ.

"އެއީ ހަމަ މަ،" އަހަރެން ބުނީމެވެ.

ސްކޫލެއްގައި އޮތް ހަފުލާއަކަށް އޭނާ 500 ޗޮކްލެޓްކޮޅަށް އޯޑަރު ދިނެވެ. އެ ކަން ވީ އަހަރެންގެ ފުރަތަމަ ކޮންޓްރެކްޓަށެވެ.

އުމުރުން 16 އަހަރުގައި އަހަރެން އަހަރެންގެ ފުރަތަމަ ކުޑަ ވިޔަފާރި ރަޖިސްޓްރީ ކުރީމެވެ.

އަހަރެންނަށް ލިބުނު ކޮންމެ ލޯލާރިއެއް އަހަރެން އަނބުރާ ލީ ޗޮކްލެޓް ތައްޔާރުކުރާ މެޝިން ފަދަ އާލާތްތަކާއި އެއަށް އަޅައި މާއްދީ ތަކެތި ގަންނާށެވެ.

ހުރިހާ ކަމެއް ދަސްކުރީ އަހަރެން އަމިއްލައަށެވެ. ވިއްކުމާއި ބަންދުކުރުމާއި އަދި ކިރުމެވެ. އެއީ ޔޫޓިއުބްގައި ހުންނަ، ކަންތައްތައް ދަސްކޮށްދޭ ޓިއުޓޯރިއަލް ފިލާވަޅުތައް ބަލައިގެންނެވެ.

އެންމެ ފަހުން އަހަރެންގެ ވާހަކަ ފެތުރި، ވައިރަލް ވެގެންދިޔައެވެ. އޯޑަރުތައް ބަންޑުންވާ ވަރަށް އައެވެ.

އަހަރުތަކެއް ފަހުން އަހަރެން އުޅުނު އަވަށަށް ދިޔައިމެވެ. އެއީ އަހަރެން "އެއްލައިލެވުނު" ތަނެވެ. މި ފަހަރު އަހަރެން ދިޔައީ އަހަރެންގެ އަމިއްލަ ގޭގެ ތަޅުދަނޑިފަތި ހިފައިގެންނެވެ.

އަހަރެންގެ މައިންބަފައިން އަހަރެންނަށް ހޯދުނެވެ. އެ ދެ މީހުން ދިރިއުޅެމުން ދިޔައީ އެކަކު އަނެކަކާ ވަކިންނެވެ. އަމިއްލަ ހަނގުރާމަތައް ކުރުމުގައި މަސްއޫލުވެގެންނެވެ.

އެ މީހުންގެ ބޮލުގައި އަހަރެން އިލްޒާމެއް ނާޅުވަމެވެ. ސާދާ ގޮތަކަށް އެ ދެ މީހުންނާ ތަޅުދަނޑިފަތި ހަވާލުކޮށްފައި އަހަރެން ބުނީމެވެ: "ޝުކުރިއްޔާއެވެ. އަހަރެން އަސްލު ވާން ޖެހޭ މީހާއަށް ވުމަށްޓަކައި އަހަރެން ދޫކޮށްލައިފައި ދިޔަ ކަމަށްޓަކައެވެ."

އާއިލާއެއް ނެތި އަހަރެން ބޮޑުވުމުން އަހަރެން ހަލާކުވިއެވެ. ނަމަވެސް އަނެއްކޮޅުން އަހަރެންގެ ނަފުސު ބިނާ ކުރެވިގެން ދިޔައީ ވެސް އެހެންވެއެވެ. އަހަރެންނަށް ދަސްވި ފިލާވަޅަކީ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލުވިޔަސް ހަޔާތް އަލުން ފޮނިކުރުމުގެ ފުރުސަތު އަބަދުވެސް ލިބިފައިވާކަމެވެ.

ބައެއް ފަހަރު ހަޔާތަކީ ވަރަށް ފުންކޮށް ތިބާ ކުދިކުދިކޮށްލައި އެއްޗެކަށް ވާއިރު ތިބާ އަލުން އާރާސްތުވާނީ ހަމައެކަނި މައާފުކުރުމުންނެވެ.

  • ތަރުޖަމާއެއް