މިހާތަނަށް 67،869 ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާ ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެކުލަވައިލި ސުލްހައިގެ މުއާހަދާއަކީ ޣައްޒާއަށް "އައު ރީތި ދުވަހެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، "ގްރައުންޑް ރިއަލިޓީ" ނުވަތަ ލަފުޒީ މާނައިން ނަމަ، "ބިންމަތީގެ ހަގީގަތް" އޮތީ ވާނެ އެއްޗެއް ވެފައެވެ!
"އައު އަދި ރީތި ދުވަހަކަށް އަލި ވިލެނީ. އަދި އަލުން އާރާސްތު ކުރުމަށް މި ފަށައިގަތީ،" ހަނގުރާމަ ނިންމައިލައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ ލީޑަރުން މިސްރުގެ ގޮނޑުދޮށް ރިސޯޓު ޝަރްމުއްޝައިހަށް ހޯމަ ދުވަހު ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވިއެވެ.
"ބިމާ ހަމަކޮށްލައިފައިވާ އެތައް އަވަށެއްގެ ތެރެއިން އަހަރެމެން ދަތުރުކުރިން. އެ ތާކު އެއްވެސް އެއްޗެއް ނެތް. އަހަރެމެން ކުރިން ދަންނަ ގިނަ އަވަށްތަކުގައި ވެސް އެއިރު އަހަރެމެންނަށް އެއީ ކޮން ތަންތަނެއްކަން އެނގޭ ފަދަ ނިޝާނެއް، ސިފައެއް މިހާރަކު ނެތް،" މަހްމޫދު ކިޔާ މީހަކު އަލްޖަޒީރާއަށް ބުންޏެވެ.
ޓްރަމްޕް މި ވަގުތު ޣައްޒާ ސިފަކުރެއްވީ "ބޮޑު ރިސެޓެއް" ގޮތަށެވެ. މިސާލަކަށް، ކޮމްޕިއުޓަރެއް މައްސަލަ ޖެހުމުން ނުވަތަ "ސްޓަކް"ވެ ހުއްޓުން އެރުމުން އަލުން ހުޅުވައިލުން ފަދަ ގޮތަކަށެވެ.

"ފަހަރުގައި އަލުން އާރާސްތު ކުރުމަކީ އެންމެ ފަސޭހަ ބަޔަށް ވެދާނެ. ދުނިޔޭގެ އެހެން އެންމެނާ އަޅާބަލާއިރު އެންމެ އިތުރަށް ރަނގަޅަށް އާރާސްތު ކުރަން އެނގެނީ އަހަރެމެންނަށް،" ޓްރަމްޕް ވިދާޅުވިއެވެ.
ޣައްޒާގެ ބޮޑު ބައި ސުންނާފަތިވެފައިވާއިރު، ސުލްހައިގެ މުއާހަދާގައި ސޮއިކުރުމުގެ ނިޒާމު ކުރިއަށް ގެންދެވީ ޓްރަމްޕް އިސްވެ ހުންނަވައިގެންނެވެ. އެއީ ހަމާސް އާއި އިސްރާއީލު ސުލްހަވެރި ކުރުވުމަށް މެދުވެރިންގެ ދައުރު އަދާކުރާ މިސްރާއި ގަތަރާއި ތުރްކިޔެއާއެކުއެވެ. ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރި ކަމަށްޓަކައި ސަރަހައްދީ ވެރިންނަށް ޓްރަމްޕް ޝުކުރު އަދާކުރެއްވިއެވެ.
ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރާ އެއްބަސްވުން ބައެއް ފަރާތްތަކުން ބަލައިގަތީ އުއްމީދާއެކު ކަމަށް ވިޔަސް އެހެން މީހުން މި ކަން ދެކެނީ ޝައްކެއްގެ ނަޒަރުންނެވެ.
"ހަގީގީ ސުލްހަ ގާއިމު ކުރެވޭނީ އަސްކަރީ ސިފަތައް ނައްތައިލައި، އިންސާފު ގާއިމުކޮށް، އަދި ދާއިމަށް ދެމިގެންދާނެ ސިޔާސީ ހައްލެއް ހޯދުމުން" ކަމަށް ފާޑުކިޔުންތެރިން ބުންޏެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ތަސައްވުރަކީ ޣައްޒާ "ތަރައްގީ އާއި އިންވެސްޓްމެންޓްގެ ވިދާބަބުޅާ ނާރެސްއަކަށްވުން" ކަމަށެވެ. އިސްރާއީލުން ކެނޑިނޭޅި ދެ އަހަރު ވަންދެން ދިން ނެތިފަނާކޮށްލުމުގެ ހަމަލާތަކަށް ފަހު ޣައްޒާ "ގާ ފުންޏަކަ"ށް ވެފައިވީ ނަމަވެސްމެއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރަނީ މި ގާފުނިތައް ދަށުގައި އެތައް ހާސް ފަލަސްތީން ރައްޔިތުން ވަޅުލެވިފައިވާނެ ކަމަށެވެ. މިހެންވެ، މިނިވަން މުސްތަގިއްލު ޖަމާއަތްތަކުން ބުނަނީ ޣައްޒާ ހަނގުރައިމައިގައި ޝަހީދުވި މީހުންގެ އަދަދު ލައްކައަކާ ކައިރިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ޣައްޒާއަކީ މިހާރު ދިރިނޫޅެވޭނެ ތަނެކެވެ. އަދި އިލްމްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނަނީ އިސްރާއީލުން ހިންގީ "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތައިލުމެއް ކަމަށެވެ. ނަމަވެސް ޣައްޒާގެ ކުރިމަގު ޓްރަމްޕް އަދިވެސް ބިނާ ކުރައްވަނީ އިސްރާއީލުގެ ސަލާމަތްތެރިކަމަށް އެދޭ އެދުންތަކުގެ ވަށައިގެންނެވެ.
"ޣައްޒާ އަލުން އާރާސްތު ކުރާ ނަމަ އެ ތަނަކީ އެއްވެސް އަސްކަރީ ސިފައެއް ޖެހިފައިވާ ތަނަކަށް ވެގެން ނުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ގަތަރާއި މިސްރު އަދި ތުރްކިޔެ ވެރިންނާ ގުޅިވަޑައިގެން ހޯމަ ދުވަހުގެ ރޭ ދެއްވި ގުޅިފައިވާ ބަޔާނެއްގައި ޓްރަމްޕް ބާރުއަޅުއްވައިފައި ވިދާޅުވެފައިވަނީ ޔަހޫދީންނާއި ފަލަސްތީންގެ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށެވެ.

"ރޭސް، ދީން އަދި ނަސްލަކަށް ބެލުމެއް ނެތި، ހުރިހާ އެންމެންގެ ސުލްހަ އާއި ރައްކާތެރިކަމާއި އިގުތިސާދީ މުއްސަނދިކަން ކުރިއެރުވުމަށް މި ސަރަހައްދަށް ޔަގީންކަން ހޯދުމަށް އަހަރެމެން މި ހޯދަމުން ދަނީ ކޮންމެ މީހަކު ވެސް ބަލައިގަތުމާއި އަދި އެ މީހުންނަށް ޝަރަފާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް،" ބަޔާނުގައި ބުންޏެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާހުއްސީސީ ފަދަ ސަރަހައްދީ ވެރިން، ސަމިޓްގައި ޓްރަމްޕަށް ތައުރީފު ކުރެއްވި ނަމަވެސް، އިންޒާރު ދެއްވީ ފަލަސްތީންގެ ދައުލަތެއް އުފައްދައިގެން މެނުވީ ޒަމާންތަކަށް ދެމިގެންދާ ގޮތަށް ހަނގުރާމަ ނުހުއްޓުވޭނެ ކަމަށެވެ.
"އަހަރެމެންގެ އަޚްވަންތަ އަރަބި އަދި މުސްލިމް ގައުމުތައް ފަދައިން މިސްރު ވެސް އަދިވެސް ބާރުއަޅަނީ ސުލްހައަކީ އަހަރެމެންގެ އަސްކަރީ އުކުޅު ވެސް ކަމަށް. ވޭތުވެދިޔަ ދަހަރުތަކުގެ ތަޖުރިބާތަކަށް ބަލާއިރު މި ގޮތަށް ހިޔާރު ކުރެވެން އޮތީ އިންސާފާއި ހަމަހަމަކޮށް ހައްގުތައް ގާއިމުކުރެވިގެން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ އަމާޒަށް ވާސިލުވުމުގެ މަގު އޮތީ ދުރުގައެވެ.

ފަލަސްތީންގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް އިސްރާއީލުން އަބަދުވެސް ދަނީ ބުނަމުންނެވެ. އަދި ޣައްޒާ ސުންނާފަތި ކުރަމުންދާ ދިޔުމާމެދު އެކި ފަރާތްތަކުގެ ރުޅިވެރިކަން ބޮޑުވަމުން ދިޔަ ނަމަވެސް، ޣައްޒާ ހަނގުރައިމައިގައި ބޮޑު ތަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ އަދި ޑިޕްލޮމެޓިކް ގޮތުން ތާއީދުކުރާ އެމެރިކާއިން ވެސް، ޣައްޒާގެ ކުރިމަގާމެދު އޮތް ތަސައްވުރާމެދު ބުނަނީ ސާފު ނޫން ބަސްތަކެކެވެ.
ހަނގުރާމަ ނިންމައިލުމަށް ފަހު ޣައްޒާގެ ހިންގުން، އިސްރާއީލަށް ވަރަށް ވަރުގަދަ ގޮތަކަށް ތާއީދު ކުރައްވާ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކަޝްނާއާ ހަވާލުކުރުމުގެ ހިޔާލު އުޅޭތީ ވެސް ކަންބޮޑުވުން ވަނީ އުފެދިފައެވެ.
"އަހަރެމެންނަށް މި ފެންނަނީ ދުނިޔޭގެ ވެރިން އެއްވާ މަންޒަރު. އެ އެންމެން (ފަލަސްތީން މައްސަލައިގައި) އެއްބައިވާ ކަމަށް ވިދާޅުވާ މަންޒަރު. މި (ޣައްޒާ) ހަނގުރާމަ ހުއްޓައިލަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވުން. ނަމަވެސް މި ސުލްހައިގެ މުއާހަދާ ދިގު މުއްދަތެއްގައި ނަގަހައްޓައިނީ ކިހިނެތް؟ އޮކްޓޫބަރު ހަތަކާ ހަމައަށް ފުނިޖެހެމުން ދިޔަ ހުރިހާ ހާދިސާއެއްގެ އަސްލު މައްސަލަތަކާއި އޭގެ ފަހުން ހިނގި ހުރިހާ ކަމެއް އަހަރެމެންނަށް ނިންމައިލެވެނީތަ؟ އަހަރެންނަށް ވިސްނެނީ މިއީ ކަންނޭނގެ އަހަރެމެން އަހަން ބޭނުންވާ ސުވާލަކީ،" ގަތަރުގެ ޖޯޖްޓައުން ޔުނިވާސިޓީގެ ލެކްޗަރާ، ޒައިދޫނުލްކައިނާނީ އަލްޖަޒީރާއަށް ބުންޏެވެ.
ޓްރަމްޕްގެ ޣައްޒާ ޕްލޭންގައި ހިމެނެނީ ފަލަސްތީންގެ ކަންތައްތައް ސިޔާސީ ފެންވަރުގައި އެނގި، ތަޖުރިބާހުރި، ގްރޫޕަކުން ޣައްޒާގެ ވެރިކަން ހިންގުމެވެ. ނަމަވެސް އެއީ ޓްރަމްޕާއި ބްލެއާގެ ބެލުމުގެ ދަށުން "ބޯޑް އޮފް ޕީސް" ނުވަތަ "ސުލްހައިގެ ބޯޑެ"އްގެ ދަށުން ހިންގާނެ ފަލަސްތީންގެ އިދާރާތަކެއްގެ ދަށުންނެވެ.
"ކުރިމަގުގެ ޣައްޒާއެއް ހިންގައިނެ ސިޔާސީ ކޮމިޓީއެއްގެ ގާނޫނީ ހައިސިއްޔަތަށް ބަލައިލުމަކީ ބޭނުންތެރިކަމެއް. ނިންމުންތައް ނިންމައިނީ ކާކު؟ މި (ކޮމިޓީގެ) މެންބަރުން ހޮވައިނީ ކާކު؟" ޒައިދޫނުލްކައިކާނީ ސުވާލު އުފެއްދިއެވެ.



advertisment