މި ހާދިސާ ހިނގީ 2011 އަހަރުއެވެ. އެއީ އާދައިގެ ދުވަހެކެވެ. ޖޯޖިޔާ އަދި އަރުމޭނިޔާގެ އެއްވެސް މީހަކަށް އެދުވަހު ވަރަށް ބޮޑު ކަމެއް ހިނގައިފާނޭ ކަމެއް ވިސްނިފައެއް ނެތެވެ. ނަމަވެސް، އާމްދަނީ ހޯދުމަށް ދަގަނޑު ނަގަން ނުކުތް އަންހެނަކު ކުރި ކަމަކުން ގައުމެއް ފަސް ގަޑިއިރަށް ހުއްޓުމަކަށް އައެވެ.
ހަޔަސްތާން ޝަކޭރިއަން ނަމަކަށް ކިޔައި މި އަންހެން މީހާއަކީ ޖޯޖިޔާގެ، އުމުރުން 75 އަހަރުގެ ރައްޔިތެކެވެ. އޭނާ އާމްދަނީ ހޯދަނީ ބާ ދަގަނޑު އެއްކޮށް، އެ ވިއްކައިގެންނެވެ. މި މަސައްކަތަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގައި، ގިނަ ބަޔަކު ދިރިއުޅުމަށްޓަކައި ކުރި މަސައްކަތެކެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އެ ދުވަހު އޭނާ ނުކުތީ އުދަލި ހިފައިގެން ރަތްލޯ ދަގަނޑު ކޮނެގެން ހޯދުމުގެ ނިޔަތުގައެވެ.
ވެރިރަށް ތިބިލިސީއާ މާ ދުރު ނޫން ހިސާބެއްގައި ބިން ކޮނެގެން ދަގަނޑު ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކުއްލިއަކަށް ހަޔަސްތާންގެ އުދަލި ބިމުގެ ތަންކޮޅެއް ފުނަށް ވަދެގެން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ފަސް އެޅިފައިވާ ބިމުގެ ތެރެއިން ފެނުނު ފަލަ ކޭބަލް އަކަށެވެ. މި ކޭބަލް ކޮނެގެން ލިބޭނެ ލޯ ދަގަނޑުން އޭނާގެ އަސާސީ ބޭނުންތައް ފުއްދައި، ގިނަ ފައިސާތަކެއް ލިބޭނެ ކަމަށް ހީކޮށް، އަވަސްވެގަނެ އުދަލިން ޖަހައި އެ ކޭބަލް ބުރިކޮށްލިއެވެ.

ހަޔަސްތާނަށް ބުރިކޮށްލެވުނީ ޖޯޖިއާއިން އަރުމީނިއާއަށް އިންޓަނެޓް ފޯރުކޮށްދޭ މައި ފައިބަރ އޮޕްޓިކް ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލެވެ. އެ ކޭބަލް ބުރިވުމާއެކު މުޅި އަރުމީނިއާގެ އިންޓަނެޓް ހިދުމަތް މެދުކެނޑުނެވެ. މިލިއަނުން ގުނާލެވޭ މީހުން އީމެއިލް ފޮނުވުމަށާއި، ވެބްސައިޓްތައް ލޯޑްކުރުމަށާއި، މަސައްކަތް ކުރިއަށް ނުގެންދެވިފައި ތިބެންޖެހުނެވެ. އޭނާގެ ރަށް ޖޯޖިއާ އަދި އަވައްޓެރި އަޒަރުބައިޖާންގެ ބައެއް ސަރަހައްދުތަކަށްވެސް މި ކަމުގެ އަސަރު ފޯރިއެވެ.
މި ގެއްލުމުގެ ސަބަބު މޮނިޓަރިން ސިސްޓަމަކުން އަވަހަށް ދެނެގަނެ، އެ ސަރަހައްދަށް ސެކިއުރިޓީ ޓީމެއް ފޮނުވިއެވެ. އޭރުވެސް ހަޔަސްތާން އުޅުނީ ކޭބަލް ފަޅައިލައިގެން ވަޔަރުތައް ހޯދުމުގެ މަސައްކަތުގައެވެ. އެ ޓީމުން މުސްކުޅި ހަޔަސްތާން ހައްޔަރުކުރީ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ. ނަމަވެސް، ތަހުގީގުން އޭނާ އެކަން ކުރީ ގަސްދުގައި ނޫން ކަމާއި، އޭނާގެ އަމަލުން ލިބުނު ގެއްލުމުގެ ބޮޑުމިނެއް އޭނާއަށް ނޭނގޭކަން ސާބިތުވުމާ ގުޅިގެން އޭނާ ދޫކޮށްލީއެވެ.
އޭނާ ގެއްލުންދިން ފައިބަރ އޮޕްޓިކް ލައިނަކީ ޖޯޖިއާގެ ރޭލްވޭ ނެޓްވޯކަށް ނިސްބަތްވާ ލައިނެކެވެ. މިފަދަ ލައިންތައް އާންމުކޮށް ވަޅުލައިފައި ހުންނަނީ އެއްވެސް މީހަކަށް ފަސޭހައިން ކޮނެގެން ގެއްލުމެއް ނުދެވޭ ފަދަ ފުންމިނެއްގައެވެ. މި ހާދިސާ ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި، އޭގެ ދުވަސްކޮޅެއް ކުރިން ވެހުނު ވާރޭގެ ސަބަބުން އެ ސަރަހައްދުގެ ފަސްގަނޑު ގިރައި، ކޭބަލް ލައިން ހާމަވެފައި އޮތް ކަމަށް ލަފާކުރެވެއެވެ.
މި ހާދިސާއަށްފަހު، ހަޔަސްތާނަށް އެ ރަށުގެ ނޫސްވެރިން "ސްޕޭޑް-ހެކަރ" މި ނަން ދީފައިވެއެވެ. އެހެން މީހުން އިންޓަނެޓް "ހެކް" ކުރަނީ ސިސްޓަމުގެ އެތެރެއަށް ވަދެގެން ކަމުގައިވާއިރު، މުސްކުޅި ހަޔަސްތާން މުޅި އަރުމީނިއާގެ އިންޓަނެޓް ފަސް ގަޑިއިރަށް ހުއްޓުވާލީ އޭނާގެ އުދަލިން ޖަހައިގެންނެވެ.



advertisment