Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ވެނިސްގެ ހުވަފެނާއެކު ނިދި ގެއްލުނު ރެއެއް

މިހާރަކަށް އައިސް ނިދަން އުނދަގޫވާ ވާހަކަ އިހަކަށް ދުވަހު ތެރަޕިސްޓު ކައިރީގައި ބުނެފީމެވެ. އަހަރެން ކުޑައިރު ނިދަން ހެދީ ކިހިނެތްތޯ އޭނާ އެހިއެވެ. އެ ސުވާލުގެ ޖަވާބުގައި އަހަރެން ކުޑައިރުގައި ނިދާ ގަޑީގައި ރޭޑިއޯއިން ގެނެސްދިން ވަކިވުމުގެ ކުރިން ކިޔައި ޕްރޮގްރާމެއް އަޑުއަހައިގެން ހިތަށާއި ސިކުނޑިއަށް ފިނިކަން ލިބުނު ވާހަކަ ބުނީމެވެ.

އެ ވާހަކަ އަޑުއަހައިފައި ނިދާ ގަޑީގައި އެކަހަލަ ހިތްގައިމު ލަވަ އަޑުއަހައިލަން އެނދުމަތީގައި ވަގުތުކޮޅަކު އޮވެލުމަށް ހިޔާލު ތެރަޕިސްޓް ދިނެވެ. އޭނާ ބުނި ގޮތުގައި އެންމެ މުހިންމީ އާންމުގޮތެއްގައި ސިކުނޑި ވިސްނާ ކަންތައްތަކާ ދުރުވެލުމެވެ. ތެރަޕިސްޓަކީ މިހަލަ ކަންކަމުގައި ތަޖުރިބާ ތަކެއް ލިބިފައިވާ މީހަކަށް ވުމުން އަހަރެން އޭނާ ބުނިގޮތަށް ކަންތައް ކުރަން ނިންމީމެވެ.

މިހާރު ގަޑިން 12 އެ ޖެހީއެވެ. ތެރަޕިސްޓު ބުނިގޮތަށް ކަންތައް ކުރުމުގެ ނިޔަތުގައި ފޯނުގެ އެޕަކުން އިހުޒަމާނުގެ ހިންދީ ލަވަ ލިސްޓެއް އަޅުވައިލައިގެން އަޑުއަހަން އެނދުގައި ޖައްސައިލީމެވެ. އެޕުން އެކުލަވައިލައިދިން ލިސްޓުގެ އެންމެ ފުރަތަމަ ލަވައަކީ އާޝާ ބޯސްލޭގެ ނަލަ އަޑުން ކިޔައިފައިވާ "ދޯ ލަފްޒޯ ކީ ހޭ" އެވެ. ވާވވާއެވެ. އަހަރެންގެ ވަރުބަލިވެފައިވާ ސިކުނޑި އެލަވައިގެ ތެރެއަށް ވަދެ ނިމުނެވެ.

އެލަވަ އަޑުއަހައިލަން ލޯމަރައިލައިގެން އޮތްއިރު އެ ލަވައިގެ ބަތަލާއާއި ބަތަލުގެ ބޯޓު ދުއްވައިދޭ މީހާއަށް އަށް އަހަރެން ބަދަލުވެއްޖެއެވެ. އިރުކޮޅަކުން ހިޔާލީ ދުނިޔެއެއްގައި އަހަރެންނާއި، އަމީތާބާއި، ޒީނަތު އަމަން ވެނިސްގެ ރީތި ކޯރުތަކުގައި ގޮންޑޯލާއެއްގައި ދަތުރުކުރަނީއެވެ. ގޮންޑޯލާއަށް ގޮންޑޯލާއޭ ކިޔުނީ ކީއްވެބާއޭ ހިތަށް އަރައިފިއެވެ. އެ ފިލްމުގެ އެ ލަވަ ވެނިސްގައި ކުޅެން ވިސްނީ ކާކުބާއެވެ؟ ޕްރޮޑިއުސަރުބާއެވެ؟ ނޫނީ ޑައިރެކްޓަރު ބާއެވެ؟ ނޫނީ އަމީތާބު ބާއެވެ؟

ނޫނެކެވެ. އެ ޒަމާނުގައި އަމީތާބު ފިލްމެއްގައި މިކަހަލަ ކަންތައް ނިންމައިހާ ބާރުގަދައެއް ނުވާނޭކަން ގައިމެވެ. އެހާ ބޮޑު ހަރަދެއް ކޮށްގެން ފިލްމު ހެދުމަށް ހިނގި ހަރަދު ފިލްމު ސިނަމާ ތަކުގައި އަޅުވައިގެން ޗެލިބާއެވެ؟ ގިނަ އަދަދެއްގެ ފިލްމުތައް ވެނިސްގައި ކުޅެފައި ހުރެއެވެ. އެއީ ކީއްވެ…

މިއީ ކޮންހާ ސުވާލެއް ހެއްޔެވެ؟

ސިކުނޑީގެ ތެރެ ހިޔާލުން ފުރެން ފަށައިފިކަން އަހަރެންގެ ސަމާލުކަމަށް އަޔެވެ. ނަމަވެސް އަހަރެން މިކަމަކާ ހާހެއް ނުވާނަމެވެ. މިކަހަލަ މައްސަލަތައް ހައްލުކުރަން ލާރި ހަރަދުކޮށްގެން ތެރަޕިސްޓެއް ގެންގުޅެނީ ބޭނުމެއްގައި ތާއެވެ. މިކަހަލަ ދަނޑިވަޅުތަކަކީ ތެރަޕިސްޓު ދަސްކޮށްދީފައިވާ އުކުޅުތައް މަސައްކަތްކުރޭތޯ ބަލައިލަން އެންމެ ރަނގަޅު ހިނދުކޮޅުތަކެވެ.

ތެރަޕިސްޓުގެ ލަފަޔާ އެއްގޮތަށް އަނެއްކާވެސް ލަވައިގެ ހިތްގައިމުކަމުގެ ތެރެއަށް އަނބުރާ ވަދެގަތުމުގެ ނިޔަތުގައި ފުންނޭވާއެއް އެތެރެއަށް ލުމަށް ފަހުގައި ބޭރު ކޮށްލި ނޭވާއާ އެކު…

ވެނިސްގެ މަގުތައް ކކޯރުތަކަކުން ހެދީ ކިހިނެތް ބާއެވެ؟

ސުވާލު ސިކުނޑިން ނެރެލުމަށް އަނެއްކާވެސް ނޯށުން ދިގު ނޭވާއެއް ލުމަށް ފަހުގައި….

ވެނިސްގެ މަގުތަކަކީ ކޯރުބާއެވެ؟ ނޫނީ ފަޅެއް ބާއެވެ؟ ވެނިސް އާ ދޭތެރޭ މީހުން އެހާ…

ނޭވާ ބޭރުކުރަން ހަނދާންނެތުމުން ނޭވާ ހާސްވެއްޖެއެވެ. އެހިސާބުން ލަވަޔަކާ ލަވަޔެކެވެ.

ދެން ސިކުނޑިން ވެނިސްގެ ހިޔާލު ނުދާނޭ ކަން ގައިމު ވެއްޖެއެވެ. އިހުޒަމާނުގެ ހަލާކުވެފައިވާ ރިކޯޑެއްހެން އެއް ހިޔާލެއްގައި އެ ސިކުނޑި އަޅައިގަތީއެވެ. އަހަރެންނަށް ޖެހުނީ ތެދުވާށެވެ. ކުރާނީ ކީއްހެއްޔެވެ؟ އެކި ސިކުނޑީގެ ބަލިކަން ހާމަވެގެން ދާނީ އެކި ގޮތަށެވެ. ތެރަޕިސްޓު ދިން ލަފާގެ މައްސަލަ މާދަމާ ތެރަޕިސްޓަށް ކިޔައިދޭނަމެވެ. ވީހާވެސް އަވަހަކަށް ވެނިސް އުފެދުނު ގޮތް ހޯދައިގެން ނޫނީ ދެން ލޮލަށް ނިދި އަންނާނޭ ރަހުމަތެއް ނެތްކަން އެނގި ކަށަވަރު ވެއްޖެއެވެ.

އަހަރެންގެ ނިންޖަށް ވައްސަލާމެވެ.

ތެދުވެގެން ކޮޓަރިން ނިކުމެގެން ގޮސް ލެޕްޓޮޕް ހުޅުވައިފައި ގޫގުލް އޭއައި ކައިރީގައި ވެނިސް ވުޖޫދަށް އައި ގޮތް ކިޔައިދިނުމަށް އެދިއްޖައީމެވެ.

ގޫގުލް އޭއައި: ވެނިސްއަކީ އިންސާނުން މޮޔަކޮށްލާ ފަދަ ކަނޑެއްގެ މަތީގައި ދައުރުވާ ހުވަފެނެއް ފަދަ ތަނެކެވެ.

އަހަރެންގެ ހިތަށް އަރައިފިއެވެ. ގޫގުލް އޭއައިއަށް ހުވަފެނެއް ފެނުނިއްޔާ އެނގޭނޭ ބާއެވެ. އެހެންނަމަވެސް ވެނިސްއާ ބެހޭ ގޮތުން އޭއައި އެބުނި އެތި ފޮނިނުވެ ބަލައިގެންފީމެވެ. އަދި އޭއައި ވެނިސްއާއި ބެހޭ ގޮތުން ކިޔައިދިން އެހެން މައުލޫމާތުތައް ބަލައި ވަރުބަލި ސިކުނޑިއަށް އަންނަން މަސައްކަތް ކުރި ނިދިކޮޅުވެސް ހަރާބު ކޮށްލައިފީމެވެ.

ގޫގުލް އޭއައި: ވެނިސް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ މަގުބޫލު ލޯބިވެރިންގެ މަންޒިލުގެ ގޮތުގައެވެ. މިތަނަކީ އެއް ޒަމާނެއްގައި ކިސަޑުހެދިފައިވާ ތިލަ މޫދެކެވެ.

އަހަރެން އަމިއްލަ ނަފުސަށް ވިސްނާލީމެވެ: ކޮބައި ހީވޭ؟ ކޯރެއް ނޫނޯ. މޫދެކޯ.

އެކަމަކު އެކަހަލަ ގަނބާ ޗަކަ ހެދިފައިވާ ތަނެއްގައި ވެނިސްގެ އަޖައިބުކުރުވަނިވި އިމާރާތްތައް އަޅަން ހެދީ ކިހިނެއް ބާއެވެ. ވެނިސްގެ ފޮޓޯތަކުން އެއީ ވަރަށް ކުރީ ޒަމާނެއްގައި ހަދާފައިވާ ބިލްޑިންގް ތަކެއް ކަން އެނގެއެވެ.

ގޫގުލް އޭއައި: ވެނިސްއަކީ ވަރަށް އާދަޔާ ހިލާފު އިންޖިނިޔަރިންގް ބޭނުން ކޮށްގެން ހަދައިފައިވާ ތަނެކެވެ.

އަހަރެން: އަހަރެންނަށްވެސް އެކަން އެނގޭ. ނޭގޭ އެއްޗެއް ކިޔާލައި ދީބަލަ!

ގޫގުލް އޭއައި: ވެނިސް އުފެދުނީ މީލާދީން ފަސްވަނަ ގަރުނާއި ހަވަނަ ގަރުނުގެ ތެރޭގައެވެ.

އަހަރެން: އައްދޯތް!

ގޫގުލް އޭއައި: އެއީ ރޯމަނުން ޔޫރަޕުގެ ގައުމުތައް ފަތަހަކުރަމުން ދިޔަ ދުވަސްވަރެވެ. އޭރު އިޓަލީގެ އުތުރުގައި ދިރިއުޅެމުން އައި ޖަރުމަނިކު ގަބީލާތަކުން ހަނގުރާމައިން ސަލާމަތްވުމަށް މައިބިމުން ފައިބައިގެން ގޮސް ވެނީޝިއަން ފަޅުގައި އުފެދިފައިވާ ރަށްތަކުގައި ވަޒަން ވެރިވިއެވެ. މި ރަށްތަށް އުފެދިފައިވާ ގޮތުން އެމީހުންނަށް ގުދުރަތީގޮތުން ދިފާއީ ނިޒާމެއް ގާއިމުކުރެވުނެވެ. އެއީ އެތާނގެ ތިލަފެނާއި، ރާޅުޖަހައިގެން ގިރާ ވެލީގެ ސަބަބުން ފައިގައި ދަތުރުކުރާ ރޫމުގެ ސިފައިންނަށާއި ބޮޑެތި އުޅަނދުފަހަރަށް އެތަނަށް ވަދެވޭ ގޮތް ނުވާތީއެވެ.

އޭގެ ފަހުން ޒަމާންތައް ފާއިތުވެ، ވަކި ވަކި މަސްވެރިކަން ކުރާ ރަށްރަށް ގުޅައިލައި ނުވަ ވަނަ ގަރުނާއި ހަމައަށް އައިއިރުގައި ވެނިސްވަނީ ކުރިއަރަމުން އައި ދުނިޔޭގެ ބަނދަރު ސިޓީއަކަށް ބަދަލުވެފައެވެ. އެޑްރިއާޓިކް ކަނޑުގައި އޮތް ވެނިސްއަކީ އިރުމައްޗާއި ހުޅަނގު ގުޅުވާލަދޭ ފާލަމަކަށް ވެގެން ދިޔައެވެ. ބައިޒެންޓިއަމް ފަދަ ތަންތަނުން ކަޅުބިހާއި، ފަށުވި އަދި އަގުބޮޑު މުދާ ވެނިސްއަށް އެތެރެކޮށް ބޭރުކުރަން ފެށުނެވެ. ފަނަރަ ވަނަ ގަރުނާ ހަމައަށް އައިއިރުގައި ވެނިސް  ޔޫރަޕުގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ ބާރަށް ވިއެވެ. އެއީ މުދާ ވެރިކަމުގެ ސަބަބުން އެކަންޏެއް ނޫންމެއެވެ. ފަންނުވެރިކަމާއި، އިމާރާތްކުރުމުގެ މޮޅުކަމާއި، އެމީހުންގެ ތަހުޒީބުވެފައިވާ މަދަނީ ދިރިއުޅުމުގެ ވައްޓަފާޅި ތަކުން ވެސް މެއެވެ.

އަހަރެން އާފުރެން ފަށައިފިއެވެ. ނިދިއަންނަން ފަށައިފިއެވެ. މިހިސާބުން ވެނިސްއާ ބެހޭގޮތުންބޭނުންވަރަށް މައުލޫމާތު ލިބިއްޖެކަމަށް ނިންމައި ލެޕްޓޮޕްކައިރިން ތެދުވަން އުޅެނިކޮށް އަސްލު ސިކުނޑީގައި އެނބުރެމުން ދިޔަ އެންމެ މުހިންމު ސުވާލުގެ ޖަވާބު އަދި ނުލިބޭ ކަމަށް ބަލި ސިކުނޑިން ބުނެދީފިއެވެ. އަނެއްކާ ލެޕްޓޮޕް ކައިރީގައި އިށީނދެ ގޫގުލް އޭއައި ކައިރީގައި އެ ސުވާލު އަހައިފީމެވެ.

އަހަރެން: ވެނިސްގެ ރީތި ބޮޑެތި އިމާރާތްތައް އެކަހަލަ ޗަސް ބިމެއްގައި ހަދަން ހެދީ ކިހިނެއް ހެއްޔެވެ؟

ގޫގުލް އޭއައި: ވެނިސްގެ ރީތިކަމުގެ ތެރޭގައި އަޖައިބެއް ވަނީ ފޮރުވިފައެވެ.

އަހަރެންގެ ލޯ ސިކުނޑީގެ ނާށިގަނޑުގެ ފަހަތަށް ހިޖުރަކޮށްފައި އަނބުރާ ސްކްރީނާ ދިމާލަށް ރުޖޫއަ ވެއްޖެއެވެ. ގޫގުލް އޭއައި އާ ހެދި މި ކަސްރަތު އަހަރެންގެ ލޮލަށް ދުވާލަކު ދިހަ ފަހަރު ލިބެއެވެ.

ގޫގުލް އޭއައި: އެ އިމާރާތްތައް ކުރުމަށްޓަކައި ވެނިސްގެ މީހުން ބޭނުންކުރީ ވަރަށް މޮޅު އުކުޅެކެވެ. ގަސްގަހުން އެތައްބައިވަރު ދަނޑިތަކެއް އެއްކޮށްފައި ފަހަރަކު ދަނޑިއެއް ޗަކަ ބިމުގެ  މަށި ފަށަލަޔާ ޖެހެންދެން ތަޅައިގެން ވެއްދީއެވެ. މި ދަނޑިތައް ލޮނުފެނުގެ އަޑީގައި އޮކްސިޖަން ނުލިބޭ ގޮތަށް ހުރެގެން ހިލަ ޒާތުގެ މާއްދާއަކަށް ބަދަލުވެއެވެ.

އަހަރެން: އެ ބުނީ ކީކޭ؟

އަހަރެންގެ ވަރުބަލި ސިކުނޑިއަށް ލިޔެފައި އޮތް އެއްޗެއް ފަހުމެއް ނުވިއެވެ. އެހެންވެ އެ ބުނާ ޖާދުލެއް ހަދައިތަން ފެންނަ ވީޑިއޯއެއް ހޯދީމެވެ. ސުބުހާނަﷲ އެވެ. އެމީހުންގެ ބޮލަށް އެ ހިޔާލު އައީ ކިހިނެއް ބާއެވެ؟ ހަމަ ގައިމުވެސް ނުނިދާ ހޭލާ އިނދެގެން ގޫގުލް އޭއައި އަށް މަލާމާތްކޮށްގެންނެއް ނޫނެވެ.

މި ހިލަފަދަ މައުދަނަށް ބަދަލުވެފައިވާ ދަނޑިތަކުގެ މަތީގައި އިމާރާތްކުރާ މީހުން ވަކަރު އަޅައި އޭގެ މަތީގައި އުވަ ފަށަލައެއް ލައި ދެން އޭގެ މަތީގައި ގައު އަތުރަނީއެވެ. އެއީ ފެން ނުފާއްދާގޮތް ހަދައިގެން ބިންގާ ވަރުގަދަ ކުރުމަށެވެ.

މި ހަރުބިމުގެ މަތީގައި ވެނިސްގެ މަޝްހޫރު އުސްކޮށް އުފުލިފައިވާ ބިނާތައް ކުރެވިގެން ދިޔައެވެ. އަޖައިބުވެ އަންތަރީސް ވާފަދަ މައުލޫމާތު ތަކެކެވެ. އެމީހުންގެ ވިސްނުންތެރިކަން ބޭނުން ކޮށްގެން ވެނިސް ފަރުމާކުރެވުނީ އެ ސިޓީ ވަށައިގެން މޫދުފެން ވަށައިލައިފައިވާ ގޮތަށެވެ. މީހުންނަށް ކަނޑުން އުފުލިފައވާ ރީތި ހުވަފެންނެއް ސިފަވާ ގޮތަށެވެ.

މިހާރު ނިދި ލޮލުން ބޮލުގެ ތެރެއަށް ވަދެއްޖެއެވެ. ލެޕްޓޮޕް ލައްޕައިލައިފާ ގޮސް އެނދުގައި އޮށޯވެ ލީމެވެ. ނަސީބަކުން އެއްވެސް އިތުރު ސުވާލެއް ބޮލަކު ނުއުފެދުނެވެ. އެކަމަކު ތެރަޕިސްޓުގެ ލަފާގައިވާ މައްސަލަ ސިކުނޑީގައި ނޯޓުކުރީމެވެ. ކުރީ ޒަމާނުގައި ވަކިވުމުގެ ކުރިން އަޑު އަހާއިރު ސިކުނޑިއަށް އަންނަ ހިޔާލުތަކުގެ އަސްލު ހޯދަން ގޮސް އަހާނޭ ގޫގުލް އޭއައި އެއް ނުވެއެވެ. އެއީ އިންޓަނެޓުގެ ޒަމާނެއް ނޫނެވެ. އެހެންވެ މިޒަމާނުގެ ނިދާގަޑީގައި ލަވަ އަޑުއެހުމުގެ ޕްރޮގްރާމް ބޭއްވޭކަށް ނެތެވެ.

މި ވިސްނުމާއެކު، ޝަހާދަތް ކިޔައިގެން ފަތިސް ނަމާދަށް ތެދުވުމަށް ނިޔަތްގަނެގެން ނިދީމެވެ.