Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ކިޔަމަންތެރިކަން ހައްދުފަހަނަ އެޅީމައި ދެން؟

ކުށްކުރުމާމެދު މުޖުތަމަޢު ކިތަންމެ ބޮޑަށް ނުރުހުމުގެ ނަޒަރަކުން ބެލިކަމުގައި ވިޔަސް ކުށްވެރިން ކުށްކުރާ އަސްލު ސަބަބު ދެނެގަތުމަށް އިންސާނުންގެ ތެރޭގައި ޝައުޤުވެރިކަން އޮންނަ ކަމެކެވެ. މި ޝައުޤުވެރިކަން ދެނެގަނެގެން ބޮޑެތި ކުށްކުރާ މީހުންގެ ހަޔާތުގެ މައްޗަށް ފިލްމު ހަދައި ޑޮކިއުމެންޓަރީ ހަދާލެއް މަދެއް ނޫނެވެ. ކުށްވެރިންގެ ޢަމަލުތަކުގެ އަސްލު ދެނެގަންނަން އިންސާނުންގެ ތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަމުގެ ފަހަތުގައި ވަނީ ކުށްވެރިން އެފަދަ ކަންތަކަށް ދޯޅުވާ ސަބަބު ދެނެގަންނަން އެދޭ އެދުމާއި، އެ ކުށުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަނެވިއްޖެނަމަ އެފަދަ ކަންތައްތަކުން ސަލާމަތްވެދާނޭ ކަމުގެ އުންމީދެވެ. ކުށަކީ އޭގެ ޒާތުގައި ހުރިހާ ސުލޫކީ މިންގަނޑަކުން ބޭރުވެ އިންސާނިއްޔަތުން ކައްސާލައި، އިޖްތިމާޢީ ފޭރާން ވީދޭ ފަދަ ޢަމަލުތަކަށް ވުމުން އެފަދަ ޢަމަލެއް ކުރަން މީހަކަށް ކެރެނީ ކީއްވެތޯ ހޯދަން މީހުން ބޭނުންވެއެވެ.

ނަމަވެސް ބައެއް ފަހަރު މީހުން ކުރާ ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިވާ އަސްލު ސަބަބު ދެނެގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. މިއީ ޙަޤީޤަތެއްކަން މީހުންގެ ސަމާލުކަމަށް އައީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ހިސާބުންނެވެ. ހިޓްލަރުގެ އަމުރަށް އެތައް މަޢުޞޫމު ބައެއްގެ ފުރާނަ ދުއްވާލި މީހުންނަކީ ހަމަ ހިޓްލަރު ފަދައިން އިންސާނިއްޔަތުކަން ފިލައިފައިވާ ބައެއް ކަމުގައި މީހުން ގަބޫލުކުރަން ބޭނުންވިއެވެ. ނަމަވެސް އެމީހުންގެ އަސްލު ދެނެގަންނަން މަސައްކަތް ކުރިއިރު އެމީހުންނަކީ އެކަހަލަ ވިސްނުންތަކަށް ދޯޅު މީހުންނެއް ނޫނެވެ. އެމީހުންނަކީ ހަމަ އާދައިގެ ދިރިއުޅުންތަކުގައި އުޅެމުން ދިޔަ، ދީނަށް ލޯބިކުރާ، ހިތްހެޔޮ މީހުންނެވެ. އެފަދަ ލާއިންސާނީ އަމުރުތަކަށް ބޯލަނބާން އެ މީހުންގެ ޒަމީރު ތަންދިނީ ކީއްވެގެންތޯ ސުވާލު ކުރެވުނެވެ.

މި މީހުންގެ މި ޢަމަލުގެ އަސްލު ދެނެގަނެވޭތޯ ނަފްސާނީ ޢިލްމުވެރިން އުޅެން ފެށިއެވެ. ބައެއް އިލްމުވެރިން ދިރާސާކުރަން ބޭނުންވީ އެކަމުގައި އެމީހުންގެ ކިބައިގައި ހުރި ގުދުރަތީ ސިފަތަކަކުން އެފަދަ އަމަލުތަކެއް ކުރުމަށް ތަންދިންތޯއެވެ. އަނެއްބައި އިލްމުވެރިން ބަލަން ބޭނުންވީ އެމީހުން އުޅެބޮޑުވި މާހައުލުން އެމީހުންނަށް އެފަދަ އަމަލުތައް ކުރަން ބާރުއަޅައިފައިވޭތޯއެވެ.

ސްޓެންލީ މިލްގްރަމް (ކ) އޭނާގެ އެކްސްޕެރިންޓް ހެދުމުގައި

އެތަނުން، ޒުވާން ނަފުސާނީ ޢިލްމުވެރިޔެއްގެ ވިސްނުން މި އެންމެންނާ ތަފާތެވެ. ޔޭލް ޔުނިވަރސިޓީގައި މަސައްކަތްކުރަމުން ދިޔަ ސްޓެންލީ މިލްގްރަމްގެ ވިސްނުމުގައި މި ފަދަ ޢަމަލުތަކުގެ ފަހަތުގައި ވަނީ އުފެދުމުގައި ހުރި ނުވަތަ މާޙައުލުން ހަށީގައި ހިފައިފައިވާ އާދައަކަށް ވުރެ ބޮޑަށް އެވަގުތު އެމީހުންނަށް މެދުވެރިވެފައިވާ ޙާލަތެވެ.

މިލްގްރަމްގެ މި ވިސްނުމަށް މީހުންގެ ތާއީދެއް އެންމެ ފުރަތަމަ ނުލިބުނެވެ. ދިމާވެފައިވާ ހާލަތެއްގެ ސަބަބުން އިންސާނެއްގެ ޢަމަލުތައް އިންސާނީ ޙައްދާއި ޙުދޫދުތަކުން ބޭރަށް އެހާ ބޮޑަށް ހިނގައިދާނޭ ހެއްޔެވެ؟ އެމީހުންގެ ޢަމަލުތަކުގެ ފަހަތުގައިވާ ހަމައެކަނި ސަބަބަކީ އެމީހުންގެ ވެރިޔާގެ އަމުރަށް ކިޔަމަންވުމެވެ. ނަމަވެސް އެފަދަ ބައިވަރު ލާއިންސާނީ ޢަމަލެއް ކުރުމުގެ ފަހަތުގައި ހަމައެކަނި ކިޔަމަންތެރިކަމޭ ބުނުމުން ތަންދޮރު އެނގޭ އެއްވެސް މީހަކަށް ގަބޫލުކުރަން ދަތިވާނެކަން ޔަގީނެވެ. އެމީހުންގެ ކިބައިގައި އަނިޔާވެރިކަމުގެ ކަންފުޅެއް ނެތި އެފަދަ ޖަރީމާތަކެއް ހިންގުމުގައި ބައިވެރި ނުވެވުނީހޭ މީހުން ބުންޏެވެ.

ނަމަވެސް މިލްގްރަމް ބުނި ގޮތުގައި އިންސާނުންނަށް މެދުވެރިވާ ޙާލަތުގެ ނުފޫޒު އެމީހުންގެ މައްޗަށް ވަރަށް ގަދަވެއެވެ. އެއީ ކޮންމެ ދަނޑިވަޅެއްގައިވެސް މީހުންގެ ޢަމަލުތައް ދެނެގަތުމަށް ބަލަންޖެހޭ އެންމެ މުހިންމު ނުކުތާއެވެ. ޚާއްޞަކޮށް އިންސާނާ ހާސްވެ ހަދާނޭ ގޮތް ނޭނގޭ ހިނދުގައި އެމީހާގެ އަމިއްލަ ވިސްނުމާއި ފިކުރުގެ މައްޗަށް ބުރަވެ ގޮތެއް ނިންމުމުގެ ބަދަލުގައި އެމީހާގެ ނިންމުންތަކަށް ނުފޫޒު ފޯރުވާނީ އެ ޙާލަތުގައި އޭނާގެ ވަށައިގެންވާ މާހައުލުގައި ކަންކުރަން ބާރުއަޅާފައި އޮންނަ ގޮތްތަކެވެ. މިކަމާ ބޮޑު ހަނގުރާމައިގައި މީހުންގެ ފަރާތުން ފެނުނު ލާއިންސާނީ ޢަމަލާ ގުޅޭ ހިސާބު ދެނެގަތުމަށް ބަލައިލަން މުހިންމީ އިންސާނުންނާއި އެމީހުންގެ ވެރިންނަށް ކިޔަމަންތެރިވުމާ ދެމެދުގައިވާ ގުޅުމަށެވެ.

ކޮންމެ މުޖުތަމަޢެއްގައިވެސް އިންސާނުން ބޮޑެތިވަނީ ވެރިންނަށް ކިޔަމަންތެރިވުމަކީ ރަނގަޅު ކަމެއް ކަމުގައި ދަސްވެގެންނެވެ. މުޖުތަމަޢުގެ ހުރިހާ ނިޒާމަކުންވެސް މި އާދަ އިންސާނާގެ ކިބައިގައި އަށަގަންނުވަން ހިތްވަރުދެއެވެ. ކުޑައިރު މިކަންތައް ފެށެނީ މައިންބަފައިންނަށް ކިޔަމަންތެރިވުމުންނެވެ. ސްކޫލުގައި ގަވާއިދުތަކަށް ތަބާވާން ދަސްވެއެވެ. އެއްވެސް ޙާލަތެއްގައި ނުކިޔަމަންތެރިވެއްޖެނަމަ ކޮންމެވެސް ގޮތަކަށް އެކަމުގެ އަދަބު ލިބެއެވެ. ވަކި ހިސާބަކުން އިންސާނުންނަށް ވެރިންނަށް ކިޔަމަންތެރިވުމަކީ ރައްކާތެރި ކަމެއް ކަމަށާއި ނުކިޔަމަންތެރިވުމަކީ ނުރައްކަލެއް ކަމުކަމުގައި ވިސްނެން ފަށައެވެ.

ވެރިންނަށް ކިޔަމަންތެރި ވާންޖެހޭކަމުގެ ފިކުރު އިންސާނާގެ މައްޗަށް އެންމެ ބޮޑަށް ނުފޫޒުފޯރުވަނީ އެމީހުންނަށް ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކަކާ ކުރިމަތިވާ ޙާލަތްތަކުގައެވެ. ޚާއްޞަކޮށް ހަމަނުޖެހުންތަކާއި ހަނގުރާމަތައް ކުރިޔަށްދާއިރު ވެރިންނަށް ކިޔަމަންވެ ބޯލެނބުން ވަރުގަދަވެއެވެ. މިފަދަ ވަގުތުތަކުގައި ތިމާ ކުރާ ޢަމަލުތަކުން އެހެން މީހުންނަށް ލިބިދާނޭ ގެއްލުމެއްގެ ޒިންމާ އުފުފުލާނީ ތިމާ ނޫންކަމާއި އެ ޒިންމާ އުފުލާނީ އެވަގުތަކު އޭނާގެ މައްޗަށް އަމުރުކުރަން ހުންނަ، އެކަންތަކުގެ ގިނަ މަޢުލޫމާތު ލިބިފައިވާ އިސްވެރިޔާ ކަމަށް އެމީހާ ޤަބޫލުކުރެއެވެ. އެފަދަ ޙާލަތްތަކުގައި އޭނާގެ ޒަމީރު ޤަބޫލުނުކުރާ ކަމެއް ކަމުގައި ވިޔަސް، އިސްކޮށް ހުންނަ މީހަކު ކުރާ އަމުރަށް އިންސާނާއަށް ޢަމަލުކުރަން ފަސޭހަވެއެވެ.

ވެރިންނަށް ކިޔަމަންތެރިވުމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް ބާރުއަޅާ ކަމެއް ނަމަވެސް ވެރިންކުރާ އަމުރަކީ ލާއިންސާނީ އަޚްލާޤީ މިންގަނޑުތަކުން ކައްސާލައިފައިވާ ޢަމަލެއް ކަމަށް ވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ވަރަށް ގިނަ ބަޔަކު އެފަދަ އަމުރަކަށް ކިޔަމަންތެރިއެއް ނުވާނަމޭ ބުންޏަސް އެފަދަ ޙާލަތެއް އައުމުން ކަންވެގެންދަނީ މުޅިން ޚިލާފަށެވެ.

މިލްގްރަމް ބޭނުންވީ ދުނިޔެއަށް އެފަދަ ޙާލަތެއްގައި ކޮންމެ އިންސާނަކުވެސް އެފަދަ ލާއިންސާނީ ޢަމަލެއް ކޮށްފާނޭކަން ސާބިތުކޮށްދޭށެވެ. މިލްގްރަމްގެ މި ވިސްނުން ދިރާސާކުރުމަށްޓަކައި ޔޭލް ޔުނިވަރސިޓީގައި 1961 ވަނަ އަހަރު އޭނާ އެކްސްޕެރިމަންޓެއް ފަރުމާކުރިއެވެ. އޭނާ ބޭނުންވީ އާދައިގެ އިންސާނަކު އެހެން އިންސާނެއްގެ ފުރާނައަށް ގެއްލުމެއް ލިބޭ ފަދަ ޢަމަލެއްވެސް އިސް މީހެއްގެ އަމުރަށް ނޫނީ އިރުޝާދަށް ކިޔަމަންވެ އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ހިނދެއްގައި ކޮށްފާނޭކަން ސާބިތުކޮށްދޭށެވެ.

މި އެކްސްޕެރިމަންޓުގައި ބައިވެރިވީ އުނގެނުމާއި ހަނދާން ބެހެއްޓުމާ ބެހޭ ދިރާސާއެއްގައި ބައިވެރިވާނޭ މީހުން ބޭނުމޭ ބުނެ ނޫސްތަކުގައި އިޝްތިހާރެއް ޖަހައިގެން އެޔަށް އިޖާބަދިން މީހުންގެ ތެރެއިން ހޮވައިލައިގެންނެވެ. އެކްސްޕެރިމަންޓު ބިނާވެފައިވަނީ "އުނގަންނައިދޭ" މީހަކާއި "ދަސްކުރާ" މީހެއްގެ މައްޗަށެވެ.

މި ދެމީހުން ބައިތިއްބަނީ ދެ ކޮޓަރިއެއްގައެވެ. އުނގަންނައިދޭ މީހާ ސުވާލެއް ކުރުމުން ދަސްކުރާ މީހާ ޖެހެނީ އެ ސުވާލަށް ޖަވާބުދޭށެވެ. ދޭ ޖަވާބުގައި ކުށެއް ޖެހިއްޖެނަމަ އުނގަންނައިދޭ މީހާއަށް ޙަވާލުކުރާ މެޝިނެއްގެ އެހީގައި ދަސްކުރާ މީހާއަށް ކަރަންޓު ޝޮކެއް ދޭންޖެހޭނޭ ކަމަށާއި ކޮންމެ ފަހަރަކު ވޯލްޓޭޖު އިތުރުކުރަން ޖެހޭނޭ ކަމަށް އެކްސްޕެރިމަންޓު ފެށުމުގެ ކުރިން އިރުޝާދުދެއެވެ.

އެކަމަކު ޙަޤީޤަތުގައި ޝޮކެއް ނުދެއެވެ. ދަސްކުރާ މީހާގެ ރޯލު ކުޅެނީ އެކްސްޕެރިމަންޓު ޓީމުން ތަމްރީނުކޮށްފައިވާ އެކްޓަރެކެވެ. ނަމަވެސް ބައިވެރިންނަކަށް މީގެން އެއްވެސް އެއްޗެއް ނޭނގެއެވެ. އެކްސްޕެރިމަންޓު ރޭވިފައިވަނީ ބައިވެރިންނަށް ކަމުގެ ޙަޤީޤަތް ނާންގައި އެމީހުން އެ ހާލަތުގައި ކަންތައް ކުރާ ގޮތް ހޯދުމަށެވެ.

"އުނގަންނައިދޭ" މީހާ ބައިންދަނީ ވޯލްޓޭޖު ދަށުން މައްޗަށް ބާރުކުރެވޭ ގޮތަށް ގޮބުތަކެއް ލާފައި ހުރި މެޝިނެއްގެ ކުރިމަތީގައެވެ. އެ ގޮބުގެ ވަށައިގެން "ނުރައްކާ" އަދި "ގަދަ ޝޮކް" މިހެން ލިޔެފައި ހުރެއެވެ. އުނގެނޭ މީހާއާ ސުވާލުތަކެއް ކުރެވެއެވެ. ނަމަވެސް އޭނާ އެކުރާ ސުވާލަކަށް ގޯސްކޮށް ޖަވާބު ދީފިނަމަ "އުނގަންނައިދޭ މީހާ" އެމީހާއަށް ޝޮކެއް ޖައްސަން ޖެހެއެވެ. ޖައްސާ ޝޮކުގެ ލެވެލް އެއްފަހަރަށް ވުރެން އަނެއް ފަހަރު މަތިކުރަން ޖެހެއެވެ. އަނެއް ކޮޓަރީގައި އިންނަ "ދަސްކުރާ މީހާ" ވޭން ތަޙައްމަލުކުރާ ޒާތުގެ އަޑުލައްވައި، ހަޅޭއްލަވައި، ފާރުގައި ތަޅާ އަޑު އިވޭ އިރުވެސް އުނގަންނައިދޭ މީހާ ޖެހެނީ އޭނާއަށް ރަނގަޅަށް ދަސްނުވާތީވެ ޝޮކު ދޭށެވެ.

"އުނގަންނައިދޭ މީހުން" ގޮތުގައި ތިބި ބައިވެރިން ވޯލްޓޭޖު މައްޗަށް ޖައްސަން ފަސްޖެހޭ ކޮންމެ ފަހަރަކު ފަހަތުގައި ލެބޯޓަރީ ކޯޓެއް ލައިގެން ހުންނަ މީހަކު "ކުރިޔަށް ގެންދޭ"، ނޫނީ "މި އެކްސްޕެރިމަންޓުގައި އެނޫން ގޮތަކަށް ކަންތައް ކުރެވޭކަށް ނޯވޭ" ކަމަށް ވަރަށް ސާބިތުކަން ދޭހަވާ ރާގަކަށް ބުނެއެވެ.

މި އެކްސްޕެރިމަންޓު ނިމުނު އިރު ނަތީޖާއަކަށް ފެނުނީ ބައިވެރިންގެ ތެރެއިން 60 އިންސައްތައަށް ވުރެ ގިނަ ބައިވެރިން އަނެއް މީހާގެ ވޭނުގެ އަޑު އިވެމުން ދިޔައިރުވެސް، ނޫނީ ދެން ދޭ ޝޮކުން އަނެއް މީހާ މަރުވެދާނޭ ހީވިއިރުވެސް އެންމެ މަތީ ނުރައްކާ ލެވެލްއާ ހަމައަށް ވޯލްޓޭޖު މަތިކުރިތަނެވެ. މި ނަތީޖާތަކުން މުޅި ދުނިޔެ ސިއްސުވާލިއެވެ.

މިއިން އެއްވެސް ބައިވެރިއަކީ އެމީހުންގެ ޠަބީޢަތުގައި އަނިޔާވެރި ބައެއް ނޫނެވެ. މި މީހުންނަކީ އާދައިގެ ފިރިހެނުންނާއި އަންހެނުންނެވެ. އެމީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި ދުވަހަކުވެސް އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނައިފައިވާ ބައެއް ނޫނެވެ. ނަމަވެސް މި އެކްސްޕެރިމަންޓުގައި ކައިރީގައި ހުރި އެކްސްޕެރިމަންޓުގެ އިސް މީހާ އެކަމައިގެން ކުރިޔަށް ދިޔުމަށް ބުނުމުން އެމީހުން އެކަމަށް ކިޔަމަންތެރިވީއެވެ.

މި އެކްސްޕެރިމަންޓުން ދައްކުވައިދެނީ މިފަދަ ޙާލަތްތަކުގައި މީހުންނަށް ގެއްލުން ދޭން ކުރާ އަމުރުތަކަށް ކިޔަމަންތެރިވަނީ ގޯސް ޚިޔާލުތަކުގެ ވެރިން ނޫންކަމެވެ. ނަމަވެސް އިޖްތިމާޢީ ވެއްޓެއްގައި އެމީހުންގެ މައްޗަށް ބާރުގައި ތިބި ވެރިންނަށް އިތުބާރުކުރުމަށާއި އެމީހުން ބުނާގޮތާ ޚިލާފަށް ކަންތައް ކުރަން އުނދަގޫވުމާއި، ކުރާ ކަމަކުން ދިމާވާ ގޯހެއްގެ ޒިންމާ އުފުލާނެ އެހެން މީހެއް ހުރިކަން އެނގޭތީ އަނެއް މީހާއަށް ގެއްލުން ލިބޭނޭކަން އެނގޭ އިރުގައިވެސް އެކަންތައް ކުރީއެވެ.

މި ހޯދުންތަކުން އިންސާނުންނަކީ ކިޔަމަންތެރިވުން ޠަބީޢަތުގައި ހަރުލައިފައިވާ ބަޔެއް ކަމުން ކިޔަމަންތެރިވާން ޖެހޭ މީހުންގެ ވިސްނުމާއި ޢަމަލުތައް ހޯދައި ބެލުން މުހިންމެވެ. ކިޔަމަންތެރިކަމަކީ ރަނގަޅު ސިފައެއް ނަމަވެސް އެ ސިފަ ހަރުދަނާ ގޮތުގައި ބޭނުން ނުކޮށްފިނަމަ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ސިފައެކެވެ. އަހަރެމެންނަށް އަންގާ އެންގުންތަކާމެދު ސުވާލު ނުކޮށްފިނަމަ، ކިޔަމަންތެރިވުން ވެދާނީ އަނިޔާވެރިކަމާއި އިންޞާފުވެރި ނޫން ކަންތައްތައް ކުރިއަށް ގެންދާ ވަސީލަތަކަށެވެ.

މި ތަޖުރިބާއިން ދަސްވާ ފިލާވަޅަކީ އަހަރެމެން ކޮންމެ މީހަކުވެސް ބާރުވެރި މީހަކު ޢަމަލުކުރުމަށް އަންގާ ހިނދުވެސް އަމިއްލައަށް ވިސްނުމަށް ތައްޔާރަށް ތިބެންޖެހޭ ކަމެވެ. އެއީ އުނދަގޫ ނުވަތަ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. ނަމަވެސް އެއީ އަހަރެމެން ގަސްތުގައި ނޫން ގޮތަކަށް ނަމަވެސް ގެއްލުމެއް ދިނުމުގައި ބައިވެރިވިޔަ ނުދިނުމަށް އޮތް ހަމައެކަނި ގޮތެވެ.