ކުޑަކުދިންގެ މައުސޫމިއްޔަތު ނެގެހެއްޓުމުގައި މުޖުތަމައުގެ ދައުރު
މުޖުތަމަޢުއެއް ބާރުގަދަވެ ކުރިއަރައިގެން އަންނަނީ، އެ މުޖުތަމަޢުއެއްގައި ދިރިއުޅޭ މީހުން އެކަކު އަނެކަކާ މެދު ބަހައްޓާ އޯގާތެރިކަމާއި، އަޅާލުމާއި އެހީތެރިކަމުގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް އެ މުޖުތަމަޢުއެއްގެ ކުޑަކުދިންނާމެދު ބަހައްޓާ އަޅާލުމާއި އޯގާތެރިކަމުގެ މިންގަނޑުތަކަކީ އެ މުޖުތަމަޢުއެއް މުސްތަގުބަލުގައި ތަނަވަސްވާނޭ މިންވަރު ދޭހަކޮށްދޭ ކަންތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި އެކި ދިރާސާތަކުން ދޭހަވެއެވެ.
ކުޑަ ކުދިންނާ މެދު ބޮޑެތި މީހުން ބަހައްޓާ އޯގާތެރިކަމާއި ކުލުނު ވެގެން ދަނީ އެމީހުންގެ ހަޔާތުގައި އެޅޭ ރައްކާތެރިކަމުގެ މުހިންމު ބިންގަލަކަށެވެ. މިފަދައިން ކަންތައްވާ މުޖުތަމައުތަކުގައި ފަރުދުންނަށް ބާރުވެރިވާން ޖާގަ ލިބެއެވެ. ސަބަބަކީ މުޖުތަމައުގެ އެހެން މީހުން ތިމާގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތާނޭކަން އެނގޭތީ ބިރުވެރިކަން ހިތުން ފިލާ ރައްކާތެރިކަން އިހުސާސްކުރެވޭތީއެވެ. އެ ފަދަ މާހައުލުތަކުގެ ފަރުދުންގެ އުފެއްދުންތެރިކަން އިތުރުވެ ބިނާކުރުވަނިވި ވިސްނުމަށް ޖާގަ ހެދިގެންދެއެވެ.

ތިރީގައި އެވަނީ މީގެ 60 އަހަރު ކުރީގައި މާލޭގައި ދިރިއުޅުނު އަންހެނަކަށް ދިމާވެފައިވާ ހާދިސާއެކެވެ.
"އަހަރެން ކުޑަ އިރުގައި މަންމަ ދާނެ މިސްކިތަށް ފެންބަލާ. އެގޮތަށް މަންމަ ފެންބަލާ ދިޔަ ފަހަރެއްގައި މަންމައަށް ނޭނގި އަހަރެން މަންމަގެ ފަހަތުން ދިޔައީ. މަންމަ ގެއަށް އައި އިރުގައި އަހަރެން ނެތުމުން ހޯދަނިކޮށް މަންމަގެ ރައްޓެއްސެއް އަހަރެން ގޮވައިގެން ގެއަށް އައީ. އޭނާ މަންމަ ކައިރީގައި ބުނީ އަހަރެން މަގުމަތީގައި އެނބުރެނިކޮށް ސައިހޮޓަލެއްގެ ބަޔަކަށް ފެނިގެން އަހަރެން ގެންގޮސް ސައިހޮޓާ ކައިރީގައި ބޭންދީއޭ. އޭނާއަށް އަހަރެން ފެނުނީ އެތާނގައި އިންދައޭ. ފަހުން އަހަރެން ކައިރީގައި، އަހަރެން ދިޔައީ ކޮންތާކަށްތޯ އެހުމުން އަހަރެން ދިޔައީ ޒަންޒިބާރަށޭ ބުންޏޯ. ޒަންޒިބާރަކީ ކޮންތަނެއްތޯ އެހުމުން އަހަރެން ބުންޏޯ އެއީ ތުންފަތް ކަނޑައިގެން ގޮސްފައި ތިބޭ މީހުން އުޅޭ ތަނެކޭ. އަހަރެންނަށް ހީވަނީ އަހަރެންނަށް އެ ދުވަހު ތުންފަތް ކަނޑައިގެން ގޮސްފައި ހުރި މީހެއް ފެނުނީ ކަންނޭނގެ." .ފ.ސ، 1960 (އަންހެން)
މި ކުރު ހަނދާނުން އޭރު ދިވެހި މުޖުތަމަޢާ ބެހޭ އެތައް ކަމެއް ދޭހަވެއެވެ. އެއް ކަމަކީ، އެ ދުވަސްވަރުގެ މުޖުތަމަޢުގައި އެއް ބަޔަކު އަނެއް ބަޔަކަށް އޮންނަ އަޅާލުމާއި ކުޑަކުދިންނަށް ދޭ ސަމާލުކަމެވެ. މަގުމަތިން ގެއްލިފައި ހުރި ކުޑަ އަންހެން ކުއްޖަކު ފެނުނީމާ، ސައިހޮޓާގެ މީހުން އެ ކުއްޖާއަށް ރައްކާތެރިކަން ދިނެވެ. އަދި އެ ކުއްޖާ ދަންނަ މީހަކަށް އެ ކުއްޖާ ފެނުމުން އެމީހުން އޭނާގެ އަޅާލުމުގައި އެކުއްޖާގެ މަންމައާ ހަވާލުކުރިއެވެ. އެ ކުއްޖާއަށް ރައްކާތެރިކަން ދޭން އެންމެން ޒިންމާނެގިއެވެ. މިއީ މި މުޖުތަމަޢެއްގައި އެކަކު އަނެކަކާމެދު އޮންނަ އަޅާލުމާއި އޯގާތެރިކަން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.
މި ހަނދާނުން ދޭހަކޮށްދޭ އަނެއް ކަމަކީ ތުއްތުއިރުގައި ކުޑަކުދިންގެ މައުޞޫމިއްޔަތާއި އެ ކުދިންގެ ހިޔާލުގައި ދުނިޔެ ރާވާލާ ރޭވުންތެރިކަމެވެ. ކުޑަކުދިންނަކީ، އެމީހުން ދެކޭ ކޮންމެ ކަމަކާއި، އެމީހުންނަށް އިވޭ ކޮންމެ އަޑެއްގެ މައްޗަށް އެކި ވާހަކަތައް ހަދައި، އެ ވާހަކަތަކުން ދުނިޔެ ދަސްކުރާ ބަޔެކެވެ. ތުންފަތް ކަނޑައިގެން ގޮސްފައިވާ މީހަކު ފެނުމުން، އެކަން "ޒަންޒިބާރާ" ގުޅުވައިލެވިފައިވާ ގޮތުން، ކުޑަކުދިންގެ ސިކުނޑިތަކުގައި މިފަދަ ޚިޔާލީ ދުނިޔެއެއް ބިނާކުރުމުގެ ބާރު ހުރި މިންވަރު ހާމަވެއެވެ. މި ތަޖުރިބާގައި އެ ކުއްޖާއަށް އެ ކުއްޖާގެ މަންމަ ގެއްލުނު ނަމަވެސް އެކަމުގެ ސަބަބުން ހިތުގައި އުފެދުނު ބިރުވެރިކަން ތަޙައްމަލުކުރަން ސިކުނޑީގައި ހެދުނު ވާހަކައަކަށް މިވާހަކަ ވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް ކިޔައިދީފައިވާ ގޮތުން އެކަމަކީ އޭނާއަށް ދިމާވި މަޖާ ތަޖުރިބާއެއް ކަމާއި ދުނިޔެއާމެދު ޝައުޤު އުފެދުނު ކަމެއްހެން ހީވެއެވެ. އެ ސައިހޮޓަލުގެ މީހުންގެ ފަރާތުން އޯގާތެރި ނޫން ގޮތަކަށް ކުއްޖާއަށް ކަންތައް ދިމާވިނަމަ ފަހަރެއްގައި މި ހަނދާން މިގޮތަށް ކިޔައިނުދެވުނީސް ކަންނޭނގެއެވެ.
ހަގީގަތަކީ އޭރުވެސް އަދި މިހާރުވެސް މުޖުތަމަޢުގެ އެންމެންގެ ކިބައިން އަބަދު މިފަދަ އޯގާތެރިކަމާއި އަޅާލުން ނުފެންނަކަމެވެ. ބައެއް ފަހަރު ބޮޑެތި މީހުންގެ ފަރާތުން ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި، އަޅާލުން ނުލިބި ދަނީ ކަންބޮޑުވާ ފަދަ ގޮތްގޮތަށެވެ. ކުޑަކުދިންނަށް ޖިސްމާނީ، ނަފްސާނީ، ޖިންސީ ގޯނާތައް ތަހައްމަލުކުރަން ޖެހޭ ކަމަކީ ކޮންމެ މުޖުތަމައުއެއްގެ ފަތިފުށުގައި ފޮރުވިފައިވާ ކަންތައްތަކެވެ. ދެރަކަމަކީ މިފަދަ ކަންތައް ގިނަ ފަހަރުވަނީ ކުދިންނަށް އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ މީހުންގެ ފަރާތުންނެވެ.
ކުޑަކުދިން އެންމެ ބޮޑަށް އިތުބާރުކުރާ މީހުންގެ ފަރާތުން އެ ކުދިންނަށް ލިބޭ ގެއްލުންތަކަކީ، އެ ކުދިންގެ މައުޞޫމިއްޔަތު ނެތިކޮށްލާ، އެކުދިންގެ ދިރިއުޅުމަށް ދާއިމީ އަސަރުތަކެއް ކުރާ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން ދިގު މުއްދަތައް ދެމިގެންދާ އަސަރުތަކެއް އެކުދިންނަށް ކުރުވާ އެކުދިންގެ މުސްތަގުބަލަށް އެކަމުގެ ހިޔަނި އެކި ގޮތްގޮތުން އެޅެއެވެ. މިފަދަ ކަންތައް މުޅިން އެކީގައި އެއްވެސް މުޖުތަމައުއަކުން ނައްތައެއް ނުލެވޭނެއެވެ. މި ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވުމުގެ އިތުރުން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟
ތިރީގައިވާ ހަނދާނަކީ 36 އަހަރު ކުރިން އަންހެނަކަށް ދިމާވި ކަމެކެވެ.
"އަހަރެން އުމުރުން އަށް އަހަރުގައި އަހަރެން ޓިއުޝަން ނަގަންދާ ކުލާހުގެ މުދައްރިސް އަހަރެންނަށް ޖިންސީގޮތުން ގޯނާކުރަން ފެށި. އަހަރެންނަކަށް މި ވާހަކަ މަންމަ ކައިރީގައި ބުނާކަށް ނުކެރުނު. އަހަރެން އުޅުނިން ޓިއުޝަނަށް ނުދާން، އެކަމަކު މަންމަ ކޮންމެހެން ބާރުއަޅާތީ ދަނީ. އިސާހިތަކު އަހަރެންނަށް ފާޑުފާޑު ބަލި ކަންތަކާ ކުރިމަތިލާން ޖެހެން ފެށި. މި ކަންތައް ފެނުމުން އަހަރެންގެ ބޮޑުދައިތައަށް ކޮންމެވެސް ގޯހެއް އުޅޭކަން އެނގުނީ. އެއް ދުވަހަކު އަހަރެން ކުލާހަށް ގެންދިޔުމުގެ ޒިންމާއާ އޭނާ ހަވާލުވި. ކުލާސް ހިނގާ ތަނާ ކައިރިވާ ވަރަކަށް އަހަރެންނަށް ވާންފެށި ގޮތްތަކުން އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވި. އޭނާ ހުއްޓިފައި އަހަރެން ކައިރިން ހަޤީޤަތަށް ކިޔައިދޭން އެދުނު. އަހަރެން އެ ވާހަކަތައް ކިޔައިދިނީމަ އޭނާ އަހަރެން ގޮވައިގެން ދިޔައީ އެނބުރި ގެއަށް. ގޮސް މަންމަ ކައިރީގައި ދެން އަހަރެން އެ ކުލާހަށް ފޮނުވައިގެން ނުވާނޭ ބުނި. މި ހަނދާން އަހަރެންނަށް އުފާވެރިކަން ގެނެސްދޭ. އެއީ އަހަރެންގެ ދިރިއުޅުމުގައި އަހަރެންނަށް ވާ ގޮތް ނުބުނެވުނަސް އަހަރެންނަށް އަންނަ ބަދަލުތައް ފެނިގެން ކަމެއް ވެގެން އުޅޭކަން ދެނެގަންނާނޭ މީހުން ވާކަން ވިސްނުނީމަ." ސ.އ، 1981 (އަންހެން)
މި ހަނދާނުން އެފަދަ ނޭއްގާނީ އަމަލެއް މައުސޫމު ކުއްޖަކާ ދޭތެރޭ ހިންގުމުން އެ ކުއްޖާއަށް ވީ އުނދަގުލާއި އޭނާއަށް ކިޔައިނުދެވިގެން އުޅުނު ބިރުވެރިކަން އެހެން މީހަކު ދެނެގަތުމުން ލިބުނު ލުއި ދޭހަވެގެން ދެއެވެ. ކިތަންމެ އަނިޔާވެރި ހާލަތްތެއް ތަހައްމަލު ކޮށްފައިވާ މީހަކަށް ވެސް މުޖުތަމަޢުގައި ދެން ތިބޭ މީހުންގެ ފަރާތުން ހަމްދަރުދީއާއި އަޅާލުމާއި ކުލުނު ލިބިއްޖެނަމަ މީހުންނާ މެދު ގެއްލުނު އިތުބާރު އަލުން އިޔާދަވުމަށް މަގުފަހިވެ، އެ ލިބުނު އަނިޔާއިން އަރައިގަތުމަށާއި ދުނިޔެއާމެދު އުންމީދު ކަނޑާނުލާން ބާރުއަޅައެވެ.
މި ދެ ހަނދާނުން އަޅުގަނޑުމެންނަށް ދޭހަވަނީ މުޖުތަމަޢުގެ ކޮންމެ މެންބަރަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ޒިންމާދާރުވާންޖެހޭ މީހެއްކަމެވެ. ފުރަތަމަ ހަނދާނުގައި ދައްކައިދެނީ މުޖުތަމަޢުގެ މެންބަރުން އެކަކު އަނެކަކަށް އަޅާލައި، ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދޭ މަންޒަރެވެ. ނަމަވެސް ދެވަނަ ހަނދާނުން ފެންނަނީ ކުޑަ ކުއްޖަކަށް އެންމެ ގާތް މީހުންގެ ތެރެއިން މީހަކު އެ ކުއްޖާގެ އިތުބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ޖިންސީ ގޯނާކުރާ މަންޒަރެވެ. އެހެންނަމަވެސް، މި ހާލަތުގައިވެސް އެހެން މީހަކު އެ ކުއްޖާއަށް އަޅައިލައި، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން، އެ ކުއްޖާއަށް ލިބެމުންދިޔަ އަނިޔާ ހުއްޓުވި އެ ކުއްޖާގެ މައުސޫމިއްޔަތުގައި ހެދި ބޮޑުވުމަށް އަލުން ފުރުސަތު ލިބުނެވެ.
ކުޑަކުދިންނަށް ލިބޭ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އެ ކުދިންގެ ހިތުގައި މުޖުތަމަޢާ މެދު އިތުބާރު އުފެދި، އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ވެގެންދެއެވެ. މިފަދަ މާޙައުލެއްގައި ބޮޑުވާ ކުދިން، ބޮޑުވުމަށްފަހު އެ މުޖުތަމަޢުގައި އެ އުސޫލުތައް ދަމަހައްޓައި، އެހެން މީހުންނަށް އެހީތެރިވެ އަޅާލުމަށް މަސައްކަތްކުރާނެއެވެ. ކުރީގައި ދެންނެވި ފަދައިން މިއީ މުޖުތަމަޢުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަމެކެވެ.
