ދަރީންގެ ރައްކާތެރިކަމަށް އެދި ބުނެއުޅުނު ނަދުރު
ޒަމާން ބަދަލުވެ، މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި މާޔޫސްކަން އުފައްދަމުންދިޔަ އެތައް ކަމެއް މިއަދު ވަނީ ނެތިގެން ގޮސްފައެވެ. މިއަދުގެ ދިވެހި މުޖުތަމަޢުގައި އަލަށް ދަރިމައިވާ އަންހެނަކަށް އޭނާގެ ދަރިފުޅު ވިހެއުމަށްފަހު މަރުވެދާނެކަމުގެ ބިރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިދިޔަ ގަރުނުގެ މެދަކާ ހަމައަށްވެސް، ދިވެހިރާއްޖެއަކީ އުފަންވާ ކުދިން، ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މަރުވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އޭރު ގާތްގަނޑަކަށް 24 އިންސައްތަ ކުދިން އަހަރު ނުވަނީސް މަރުވެއެވެ. އުފަންވާ ކޮންމެ 1000 ކުއްޖަކުން 236 ކުދިން މަރުވެއެވެ. މި ތަފާސްހިސާބުތަކުން ދޭހަވަނީ، އޭރު މި ޤައުމުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ބޮޑުކަމެވެ.
އޭރު ކުދިން މަރުވާ މިންވަރު އިތުރުވެފައިވަނީ އެތައް ސަބަބުތަކަކާ ހެދިއެވެ. އޭގެ ތެރޭގައި ރައްކާތެރިވެވޭނެ ބަލިތަކުން ސަލާމަތްވުމުގެ ވަސީލަތްތައް ނެތުމާއި، ތުއްތު ކުއްޖާއަށް ބޭނުންވާ ފައިދާ ހުރި ކާނާ ހޯދުމުގެ ދަތިކަމާއި، ސާފު ބޯފެން ލިބުމުގެ މައްސަލަތަކާއި، ރަށްރަށުގައި ނަރުދަމާ ނިޒާމުތައް ރަނގަޅަށް ޤާއިމުވެފައި ނެތުމުން ދިމާވާ މައްސަލަތަކާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނެ ތަމްރީނު ލިބިފައިވާ މީހުން ނެތުމުގެ މައްސަލަތައް ފާހަގަކުރެވެއެވެ.
މި ކަންކަމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ލިބި، ދިވެހި މުޖުތަމަޢުގެ ޙާލަތު ބަދަލުވާން ފެށީ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. މި ދުވަސްވަރު ދިވެހިރާއްޖޭގައި އަސާސީ ޞިއްޙީ ޚިދުމަތްތައް ތަޢާރަފުވެ، ރަށްރަށުގައި ހެލްތު ސެންޓަރުތައް ޤާއިމުވެ، ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ކުރިއަށް ގޮސް، މައިންނާއި ގާތުން ކިރުދޭ މައިންނަށް ދެވޭނެ ފަރުވާ ތަޢާރަފުވިއެވެ. މި ޙައްލުތަކުގެ ސަބަބުން މިއަދު ދިވެހިރާއްޖޭގެ ޙާލަތު ވަނީ ވަރަށް ބޮޑުތަނުން ކުރިއަރައިފައެވެ. މިހާރު އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން، މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 10 ކުދިންނަށްވުރެ މަދުންނެވެ. މިއީ އާދަޔާ ޚިލާފު ބޮޑު ކުރިއެރުމެކެވެ.
ޒަމާންތައް ކޮންމެ ގޮތަކަށް ބަދަލުވިޔަސް އިންސާނީ މުޖުތަމަޢުތަކުގައި ބައެއް ކަންކަމަކީ ބަދަލުވުމެއް ނެތި ދެމިގެންދާނެ ކަންކަމެވެ. ޚާއްޞަކޮށް ގުދުރަތީ ނިޒާމުގެ ތެރެއިން އެކަންކަމުން އިންސާނުންނަށް މިންޖުވުން ނެތް ކަންކަން މީގެ ތެރޭގައި ހިމެނެއެވެ. މިކަންކަމުގެ ތެރެއިން މައިންބަފައިންނާއި ދަރިންނާ ދެމެދުގައިވާ އިލާހީ ގުޅުމާއި އެ ގުޅުމުގެ ސަބަބުން މައިންބަފައިންނަށް ކުރިމަތިވާ އިމްތިޙާނުތައް ހިމެނެއެވެ. ކޮންމެ މަޔަކާއި ބަފަޔަކުގެ ވެސް އެންމެ ބޮޑު އުންމީދަކަށް ވާނީ ރަނގަޅު ދަރިންތަކެއް ދުނިޔެއަށް ގެނެސް އެ ދަރިންތައް ތަރުބިއްޔަތުކޮށް މުޖުތަމަޢުއަށް ނެރުމެވެ. މިކަން ޙާޞިލުކުރުމަށްޓަކައި އޭރުވެސް މިހާރުވެސް މައިންބަފައިން ތިބޭނީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ވެސް ތައްޔާރަށްކަން ޔަޤީނެވެ.
މިސާލަކަށް، މި ޒަމާނުގައި ވިހާ ދަރިން މަރުވާ އަދަދު އެހާ މަދު އިރުގައިވެސް، ތަނަވަސްކަން ހުރި މީހުން އެމީހުންގެ ދަރިން ވިހެއުމަށްޓަކައި ތިން މަސް ކުރިޔާލައި ބޭރު ޤައުމުތަކަށް ގޮސް މަޑުކުރަނީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ އެ މީހުންނަށް އެ ޤައުމުތަކުގެ ހޮސްޕިޓަލުތަކުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރާއްޖެއާ އަޅާކިޔާއިރު މާ ފުރިހަމަވުމުން، ވިހެއުމުގެ ތެރޭގައި ދިމާވެދާނެ މައްސަލައެއް ޙައްލުކުރަން ފަސޭހަވާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. މިފަދަ ދަތުރުތަކަށް އެމީހުންގެ އަތުން ލައްކައިން ޚަރަދުވެގެން އެބަދެއެވެ. އެމީހުންގެ ޓިކެޓާއި ތިބުމާއި ކެއިންބުއިމާއި ބޭސްފަރުވާގެ ހަރަދުގައި ޢާއިލާގެ އެހެން މީހުން ވެސް އެހީތެރިވާތީއެވެ.
މިފަދަ ކަންކަމުން ދޭހަކޮށްދެނީ އިންސާނުން ވިސްނުމުގައި ވަކި ކަމެއް ކޮށްގެން އެމީހުންގެ ހިތްތަކަށް ތަޞައްވުރު ކުރެވޭ ބިރުވެރިކަމަކުން ރައްކާތެރިވެވިދާނެކަން ޔަޤީންވެއްޖެނަމަ، އެމީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ކަމެއް ކުރަންވެސް އެމީހުން ތިބޭނީ ތައްޔާރަށް ކަމެވެ.
މިއީ މިއަދުގެ ޙާލަތު ވެއްޖެއްޔާ، އޭރު މި ޤައުމުގައި ޞިއްޙީ ފަރުވާ ދިނުމުގެ ނިޒާމު ބިމުން މައްޗަށް ހިއްލާނުލާ އިރު، މައިންބަފައިންނަށް ލިބޭ ދަރިން ދުނިޔޭގައި ބޭތިއްބޭތޯ އެމީހުންގެ ޢަމަލުތައް ބެހެއްޓީ ކިހިނެތް ހެއްޔެވެ؟ ތިރީގައިވާ ހަނދާނުން އޭރު މީހުން ކަންތައް ކޮށް އުޅުނު އެއްގޮތަށް ކުޑަވަރެއްގެ އަލިކަމެއް އެޅޭނެއެވެ. މިއީ މީގެ 58 އަހަރު ކުރިން ފިރިހެނަކަށް ދިމާވެފައިވާ ކަމެކެވެ.
"އޭރު އަހަރެންގެ އުމުރުން ވާނީ ނުވައެއް ނުވަތަ 10 އަހަރު. އަހަރެންގެ މަންމަ އަހަރެން ގެންދިޔައީ މިސްކިތެއްގައި ހުރި ޒިޔާރަތެއްގެ ކައިރިއަށް. އެ ތަނުގައި އަހަރެންގެ ބަރުދަނަށް ދޮންކެޔޮ ކިރުމަށްފަހު، އެ ޒިޔާރަތަށް ކެޔޮތައް ހަދިޔާ ކުރި. މަންމަ ބުނީ އެކަން ކުރީ ނަދުރެއް ފުއްދުމަށް ކަމަށް." (މ.ސ. ފިރިހެން، 1957)
އެންމެ ފުރަތަމަ އުފެދޭނެ ސުވާލަކީ "ނަދުރު ބުނުމަކީ ކޮބައިހެއްޔެވެ؟" ދިވެހި ރަދީފުގައި ނަދުރުބުނުމުގެ މާނައިގައި ވަނީ، އާފާތަކުން ސަލާމަތްވުމަށް ނުވަތަ ނިޢުމަތެއް ލިބިގަތުމަށްޓަކައި، އެ އާފާތެއް ފިލައްޖެނަމަ، ނުވަތަ އެ ނިޢުމަތެއް ލިބިއްޖެނަމަ، ހެޔޮކަމެއް ކުރުމަށް ނިޔަތްގަނެ ކަނޑައެޅުން ކަމުގައެވެ. ތާރީޚަށް ބަލާއިރު، އެކި ދުވަސްވަރުގައި އެކި ޤައުމުތަކާއި މުޖުތަމަޢުތަކުގައި ނަދުރުބުނުން އެކި ސިފަސިފައިގައި ފެނިފައިވެއެވެ. މިފަދަ ނަދުރުތައް ބުނެ އުޅެނީ އިންސާނުންނަށް އުނދަގޫތަކާއި މުޞީބާތްތަކާ ކުރިމަތިލާންޖެހޭ ވަގުތުތަކުގައެވެ. ނުވަތަ ޚާއްޞަ އެދުމެއް ޙާޞިލުކުރުމަށްޓަކައެވެ.
ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި އާންމު ގޮތެއްގައި ނަދުރު ބުނެ އުޅުނު ސަބަބުތައް ބައިވަރެވެ. ނަމަވެސް އެންމެ ގިނައިން މީހުން ނަދުރު ބުނެ އުޅުނު ކަންކަމުގައި އަޑުއިވިފައި ވަނީ ދަރިން ޅައިރުގައި ދުނިޔެ ދޫކުރާތީއެވެ. އެއީ ކޮންމެ މަޔަކާއި ބަފަޔަކަށް ކުރަން ޖެހޭ ވަރަށް ހިތްދަތި އިޙްސާސެކެވެ. ސަބަބަކީ ދަރިންނަކީ މައިންބަފައިންނަށް މާތްﷲ ދެއްވާ ނިޢުމަތެކެވެ. އެ ނިޢުމަތުގެ ފުރިހަމަ އުފާ ނުހޯދި އިލާހީ ގޮތުން ކަނޑައަޅުއްވާފައިވާ ޒިންމާ އަދާ ކުރުމުން މަޙްރޫމުވުމަކީ އެއްވެސް މީހެއް ބޭނުންވާނެ ގޮތެއް ނޫނެވެ. ތިމާއަށް ދެއްވާ ދަރި އެ މުޖުތަމަޢުއަކުން ލިބެން ހުންނަ ޚިދުމަތަކުން ނުވަތަ ބޭސްފަރުވާއަކުން ދުނިޔޭގައި ހުންނާނެކަމުގެ ޔަޤީންކަން ނެތްނަމަ، އެ އިރެއްގައި އެބަޔަކު ޤަބޫލުކުރާ އެކަމުގައި ބާރެއް އޮތް ފަރާތަކުން ވާތްގަށް އެދޭނެއެވެ.
މިފަދަ ޒިޔާރަތްތަކާއި ތަންތަނުގައި އާދަޔާޚިލާފު ބާރުތަކެއް ވާކަމަށް ކުރީގައި ދިވެހިން ޤަބޫލުކުރެއެވެ. އެހެންކަމުން މަތީގައިވާ ހަނދާނުގައި ބަޔާންކޮށްފައިވާ ފަދައިން މާލެއާއި ރަށްރަށުގައި ހުންނަ ޒިޔާރަތްތަކަށް މީހުން ނަދުރު ބުނެއުޅެއެވެ. މިފަދަ ޒިޔާރަތްތަކުގެ އިތުރުން ދިގު ރަށްރަށުގައި ހުންނަ ބައެއް ގަސްގަހާގެއްސަށް ނުވަތަ ގާފަދަ ތަންތަނަށް ވެސް މީހުން ނަދުރުބުނެފައިވާ ކަމަށް އަޑުއިވެއެވެ. ބައެއް ޒިޔާރަތްތަކަކީ އެހެން ޒިޔާރަތްތަކަށްވުރެ "މާތް ތަންތަން" ކަމުގައި އޭރުގެ މީހުން ދެކޭތީވެ، މީހުން ބުނާ ނަދުރު ފުއްދުމަށްޓަކައި ބޮޑެތި ކަނޑުތައް ހުރަސްކޮށް އެހެން ރަށްރަށަށް ވެސް ގޮސްފައިވެއެވެ.
މިފަދަ ތަންތަނަށް ބުނާ ނަދުރު ފުއްދުމުގައި, މަތީ ފޮޓޯގައި ފެންނަ ފަދައިން، ކުއްޖާގެ ބަރުދަނަށް ޒިޔާރަތަށް ދޮންކެޔޮ ގެންގޮސް ކިރުމާއި، ޒިޔާރަތުގައި އެލުވައިފައި ހުންނަ ފޮތި ބަދަލުކުރުމާއި، ޒިޔާރަތަށް ދޮންވެލި ލައިދިނުމާއި ދިދަ ފަހައިދިނުން ހިމެނެއެވެ. ޒިޔާރަތްތަކަށާއި ތަންތަނަށް ނަދުރު ބުނުމުގެ އިތުރުން، ނަދުރު ބުނުމުގައި އެފަދަ ތަންތަން ނުހިމަނާވެސް ނަދުރު ބުނެއުޅެއެވެ. މިފަދަ ނަދުރުތަކުގައި ވަކި އުމުރެއް ވަންދެން ކުދިންގެ ގައިގައި ބޯފޮޅި ދުވަހު ބޯފޮޅި އެޅުމާއި، އަދި ކާތަކެތި ހަދައިގެން ބެހުމާއި، ލާރިބެހުން ހިމެނެއެވެ.
މި މުޖުތަމަޢުގައި ނުވަދިހައިގެ އަހަރުތައް ފެށުމާ ހަމައަށްވެސް އާންމުކޮށް ނަދުރު ބުނަމުން އައެވެ. ނަމަވެސް ޒަމާންތައް ބަދަލުވެ، ނަދުރު ބުނުމާ މީހުން ވަނީ ދުރުވެފައެވެ. ނަދުރުބުނުން ހުއްޓުނު އެންމެ ބޮޑު ސަބަބުކަމުގައި މީހުންނަށް ޤަބޫލުކުރެވިފައިވާ ސަބަބަކީ ނަދުރު ބުނުމަކީ ހުއްދަ ކަމެއް ކަމުގައި ވިޔަސް، ދީނީގޮތުން އެހާ ތާއީދު ލިބިފައި ނެތް ކަމެއްކަން މީހުންނަށް އެނގެން ފެށުމެވެ. ޚާއްޞަކޮށް ކުރީ ޒަމާނުގައި މީހުން ޒިޔާރަތްތަކަށް ނިސްބަތްކޮށް ބުނެއުޅުނު ނަދުރުތަކަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަންކަން ކަމުގައި މީހުންނަށް އެނގެން ފެށި ހިސާބުން، މީހުން ވަނީ އެފަދަ ކަންކަމާ ދުރުވެފައި ކަމަށް މީހުން ބުނެއުޅެއެވެ.
ނަމަވެސް ގިނަ ފަހަރަށް މުޖުތަމަޢުއެއްގައި ހަރުލާފައި ހުންނަ އާދަކާދަތައް ނެތިގެން ދަނީ މީހުންގެ ވިސްނުން ބަދަލުވެގެންނެއް ނޫނެވެ. ގިނަ ފަހަރަށް މިފަދަ ބޮޑެތި ބަދަލުތައް އަންނަނީ އެފަދަ އާދަކާދަތައް ދެމިއޮތުމުގެ ފަހަތުގައިވާ ސަބަބުތައް ނެތި ދިޔުމުންނެވެ. މިގޮތަށް އާދަކޮށް ކުރެވެމުން އައި ކަންކަމުގެ ބޭނުން ނެތުމުން އެކަމެއް ވުޖޫދުން ގެއްލިގެންދެއެވެ. އެހެންކަމުން ނަދުރު ބުނުން މި މުޖުތަމަޢުއިން ނެތިގެން ދިޔައީ ހަމައެކަނި ދީނީ މިންގަނޑުތަކުން އެކަމަކީ ނުރަނގަޅުކަމެއްކަން އެނގިގެން އެކަންޏެއް ނޫނެވެ. އޭރުގައި އެންމެ ގިނައިން ނަދުރު ބުނެ އުޅުނު ކަންކަން އެހެން ގޮތްތަކެއް މެދުވެރިވެގެން ޙައްލުވީ ކަމުގައި ބެލެވެއެވެ. މިސާލަކަށް މުޖުތަމަޢުގައި އުފަންވާ ދަރިން މަރުވާ އަދަދު މަދުވުން، އޭގެ ވަރަށް ބޮޑު ސަބަބެއް ކަމުގައި ބެލެވެއެވެ.
ނަމަވެސް މިފަދަ އާދަކާދަތައް އެންމެ ފުރަތަމަވެސް އުފެދެން ޖެހުނީ އިންސާނުން އެމީހުންނަށް ބާރުނުފޯރުވޭނެ ކަންކަމުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ބާރެއް ހޯދުމުގެ ބޭނުމުގައެވެ. މިޒަމާން ކުރިއަރައިފައިވާ މިންވަރުން ދެން ދުވަހަކުވެސް ޞިއްޙީ ޙާލަތްތައް މިހާރަށްވުރެ ދަށްނުވާނެކަން ކަށަވަރެވެ. ނަމަވެސް އެހެން ގޮތްގޮތުން މުޖުތަމަޢުގެ ނިޒާމުތަކުން މައިންބަފައިންނަށް އެމީހުންގެ ދަރީންނަށް ބޭނުންވާ ދުޅަހެޔޮކަން ފުއްދައިނުދެވޭނެކަން ޔަޤީންވާން ފަށާ ހިސާބުން ކުރީގެ މިފަދަ އާދަތަކަށް ރުޖޫޢަވުމަކީ ނާދިރުކަމެއް ނޫނެވެ.
އެ ޒަމާނުގައި މީހުން ޤަބޫލުކުރީ ޒިޔާރަތްތަކުގައި ބާރުތަކެއް ވާ ކަމަށެވެ. މިޒަމާނުގައި ޤަބޫލުކުރާނީ ކޯއްޗެއްގައި ބާރުތަކެއް ވާނެކަމަށް ބާވައެވެ؟ މިއީ ވިސްނާލަންޖެހޭ ކަމެކެވެ. އެހެނީ އިންސާނީ ފިޠުރަތުގައި އޮންނަ ގޮތުގައި، މީހުން އަބަދުވެސް އެމީހުންނަށްވުރެ މަތީ ބާރަކަށް ބަރޯސާވާން ބޭނުންވެއެވެ. ޚާއްޞަކޮށް އެމީހުންނަށް ކޮންޓްރޯލްނުކުރެވޭ ކަންކަމުގައި މިކަހަލަ ބާރުތަކަށް ދޯޅުވާ މިންވަރު އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.
