ސިންގާއެއް ޖަންގަލީގައި ހިނގަމުން ދަނިކޮށް ނިދައިފައި އޮތް މުސަޅެއް ފެނިއްޖެއެވެ.
މުސަޅު ކައިލަން ހަމަ އުޅެނިކޮށް އެ ހިސާބުން ހިނގާފައި ދިޔަ ފުއްލާއަކަށް ސިންގާގެ ނަޒަރު އެނބުރުނެވެ.
"މުސަޅު މިއީ ސައިޒުގެ ގޮތުން މާ ކުޑަ ހައިވާނެކެވެ. އެހެންކަމުން އަހަރެންގެ ބަނޑު ހަގީގަތުގައި މުޅީން ފުރި ހިތްހަމަޖެހިލެވޭ ވަރަށް ކައިލެވޭނީ އެ މާ ބޮޑު ޖަނަވާރެއް ކަމަށްވާ ފުއްލާ ޝިކާރަ ކުރުމުންނެވެ،" ސިންގާގެ ހިތަށްއެރިއެވެ.
ހަމަ ވަގުތުން ސިންގާ މުސަޅު އެއްލައިލިއެވެ. އަދި ފުއްލާގެ ފަހަތުން ދުއްވައިގަތެވެ.
ނަމަވެސް ފުއްލާ މާ ހަލުއިއެވެ. އެ ސޮރު ފަހަތުން އެތައް އިރަކު ދުވި އިރު ވެސް ސިންގާއަށް ފުއްލާ އަތެއް ނުވިއެވެ.
އެންމެ ފަހުން ސިންގާ ވަރުބަލިވެގެން މުސަޅު އޮތް ތަނަށް އެނބުރިއައެވެ. އުނބަށް ޖަހަން ޖެހުނީއެވެ.
ނަމަވެސް ބިރުގަންނަވައިލި އެ ނިކަމެތި މުސަޅު އެ ތާނގައި އަލުން އޮންނާނެ ހެއްޔެވެ؟
ހަމަ ވީ ވެސް އެހެނެވެ؛ މުޅި ހިސާބު ހޯދި އިރު ވެސް މުސަޅުގެ ހިލަމެއް ނުވިއެވެ.
އެހެންކަމުން ސިންގާއަށް އެނބުރި ދާން ޖެހުނީ މުޅި ދުވަހު ނުކައި ހުރެފައި ލިބުނު ހަމައެކަނި ކާނާ ވެސް ނުލިބި، ހުސްއަތާ، ހުސްބަނޑާއެވެ.
ދިރިއުޅޭ ހޮހަޅައަށް އެނބުރި އައިސް ސިންގާ އަމިއްލަ ނަފުސަށް ބުނެލިއެވެ:
"އަހަރެންނަށް މި ލިބުނީ ރަނގަޅު ލަނޑެކެވެ. ރަނގަޅު ފިލާވަޅެކެވެ. މިންވަރަށް އީމާން ނުވެވުނީމައެވެ. ލިބުނު ރިޒްގަށް ޝުކުރު ނުކުރެވުނީމައެވެ. ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީމައެވެ. ހިތް މާ މައްޗަށް ދިޔައިމައެވެ. ނެތް ފަންވަރުން އުޅެން އުޅެވުނީމައެވެ. އަހަރެންނަށް ލިބުނު ގުދުރަތުގެ ހަދިޔާ ހިފައިގެން އެނބުރި އާދެވުނު ނަމައެވެ. އެއިރުން މި ރޭ ބަނޑުހައިކަން މަތީ ނިދާކަށް ނުޖެހުނީހެއް ނޫންހެވެ."
ނޯޓް: މިއީ އީސާ އަލައިހިއްސަލާމްގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
