އިރާކޮޅުގެ ވަގުތެކެވެ. އަހަރެންގެ ހުރިހާ ވަޓްސްއެޕް ގްރޫޕުތަކެއް އެއްފަހަރާ "އެކްޓިވޭޓު" ވެއްޖެއެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވީ ކަން ޔަގީންވިއެވެ. ވީ ގޮތް ދެނެގަތުމަށްޓަކައި ބަލައިލައިފީމެވެ. ވަރަށް ބޮޑު ހަބަރެކެވެ. މަޝްހޫރު ދެމަފިރިއެއް ވަރިވީއެވެ: މަހުޖަނު ސަން ސިޔާމާއި ކަމަދޫ ޒާރާއެވެ.
ދިވެހި ރާއްޖޭގައި ހިނގާ މިފަދަ ހުރިހާ ރަނބަހެލުވުމެއްގެ ތަފްސީލެއް މި ގްރޫޕުތަކުން ބަރާބަރަށް ލިބެއެވެ. ސޯޝަލްމީޑިއާގައި ނޫޅުމަކީ ބޭކާރުކަމެކޭ މިފަދަ ގަޑިގަޑީގައި ހިތަށް އަރައެވެ. ސޯޝަލް މީޑިއާއާ ދުރުގައި އަހަރެން އުޅެނީ މިކަހަލަ ކަންކަމާ ދުރުވާށެވެ. މީސްމީހުންގެ ޒާތީ ދިރިއުޅުމުގައި ހިނގާ ކަންކަން ހޯދައި ބެލުމަކީ އަހަރެން އެހާ ގަޔާވާކަމެއް ނޫނެވެ. ނަމަވެސް އަހަރެންނަށް މި ގްރޫޕްތަކުން ނުކުމެވޭކަށް ނެތެވެ. މި ގްރޫޕުތަކަކީ އަހަރެންގެ އެންމެ ގާތް މީހުން އުޅޭ ގްރޫޕުތަކެވެ. ސަޕޯޓު ނެޓުވޯކެވެ. އެހެންވެ ގްރޫޕުތަކުގައި ދެކެވޭ ވާހަކަތައް ބަލައިލަން އެނދުގައި ޖައްސައިލީމެވެ.
މި ހޫނު ހަބަރާ ބެހޭގޮތުން ގްރޫޕުތަކުގައި ވަރަށް ފޯރިނަގައިފައި ވާހަކަ ދައްކަނީއެވެ. ވަރިވެއްޖެކަން "ސާބިތު" ކޮށްދިނުމަށް ގްރޫޕަކަށް ލީ ފޮޓޯއެއްގައި އެ ހަބަރު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ބޭފުޅަކު ލިޔުއްވައިފައި އޮތް އެއްޗެއް ފެނިފައި، އޭގެ ހިކުމަތަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. އެ ބޭފުޅާގެ ލިޔުންކޮޅުގައި ބުނެފައިވާ ކަންކަމަށް ތާއީދުކުރެވުނެވެ.
ވިދާޅުވެފައިވެއެވެ. "ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކުގައި ނޫޅެވުމަކީ މައްސަލައެއް ނޫނެވެ."
އެއީ ތެދެއްކަން ޔަގީނެވެ. އަހަރުމެންގެ ތެރެއިން އެއްވެސް މީހަކު ކައިވެނި ކުރާނީ ދުވަހަކުވެސް ވަރިވާން ވިސްނައިގެނެއް ނޫންކަން ޔަގީނެވެ. ނަމަވެސް ކިތަންމެ އުންމީދަކައިގެން ކައިވެނި ކުރުމަށް ފަހުވެސް، ވަރިވާ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދުވަހަކުވެސް ވަތްކެއް ނުވާނަމޭ ބުނެ ކައިވެނިކޮށްގެން ކޯޓުން ނުކުމެ، އޭގެ ދެތިން ދުވަސް ފަހުން ވަރީގެ ފޯމުލައިފައިވާ މީހުންނާ ދިމާވެފައި އެބަހުއްޓެވެ.
ވަރިއަކީ މިހާ އާންމު އެއްޗަކަށް ވެފައިވާއިރު، އަހަރުމެންގެ މުޖުތަމައުގައި ވަރީގެ ވާހަކަ ދެއްކުމަކީ އަދިވެސް ހުތުރު ކަމެއް ކަމަށް ބަލައެވެ. ދެމީހަކު ވަރިއާ ހިސާބަށް ހިނގައްޖެ ނަމަ އެ ދެ މީހުންނާ ދޭތެރޭ "ސަހަރޯ" އޭ ހީވާ ނަޒަރަކުން ބެލުމާއި، އެ ދެމީހުންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން އެކި މީހުންނާ ވާހަކަ ދައްކައިގެން ދިރާސާ ކުރުމާއި، ސޯޝަލް މީޑިއާއަށް ވަދެގެން ވީ ގޮތުގެ ކަންބަލަން އުޅުމަކީ ދިވެހީންގެ އާންމު ވައްޓަފާޅީގެ ބަޔެކެވެ. މިކަން މިހެން ވެގެން އުޅޭއިރު ގޯސް ހެދިކަމަށް ފިރިމީހާގެ އާއިލާއިން ބުނާނީ އަންހެން މީހާ ކަމަށެވެ. ފިރިމީހާގެ ހަރުދަނާކަމެއް ނެތް ކަމުގެ ތުޙުމަތު އަޅުވާނީ އަންހެން މީހާގެ އާއިލާއިންނެވެ.
މީސްމީހުންގެ ޒާތީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބު ހޯދުމުގެ ބޭނުން ފުދުނު ކަމަށް ވާނީ އެ މީހެއްގެ ހަޔާތަށް އެކަމުގެ ސަބަބުން ފައިދާއެއް ވަންޏާ ކަމަށް އަހަރެންނަށް ވިސްނެއެވެ. ވަރިއާ ހަމައަށް ދާންޖެހިދާނޭ ކިތަންމެ ސަބަބެއް އޮވެދާނޭ ކަމަށް ވެސް އަހަރެންނަށް ގަބޫލުކުރެވެއެވެ. ފަހަރެއްގައި ވަރިވާން ޖެހުނު ސަބަބަކީ ދިރިއުޅުމަކީ ގޮތް ނޭނގޭ، އަންދާޒާ ނުކުރެވޭ ބައިވަރު ކަންކަން ހިނގާ ތަނަކަށް ވާތީ ކަމަށް ވެސް ވެދާނޭ ނޫން ހެއްޔެވެ؟ ނުވަތަ ވަރިއާ ހަމައަށް ދިޔައީ ދެމީހުން ކުރެން އެކަކަށް ވެސް ހީވެސް ނުވާ ފަދަ ގޮތްގޮތަށް ކަންތައް ބަދަލުވީމާ ކަމަށް ވެސް ވެދާނޭ ނޫން ހެއްޔެވެ؟ އުފެދޭ ސުވާލަކީ ވަރިކުރަން ދިމާވާ އެންމެ އާންމު ސަބަބަކީ ކޮބައިބާއެވެ؟
މިހެން ހިތަށް އެރުމުން، "ވަރިވާން ޖެހެނީ އަޅެފަހެ ކީއްވެ ހެއްޔޭ؟" ކިޔައިފައި އަހަރެން އުޅޭ ވަޓްސްއެޕު ގުރޫޕެއްގައި ސުވާލެއް ކޮށްފީމެވެ. އެ ގުރޫޕުގައި އުޅޭ އަހަރެންގެ ތިމާގެ ވަރަށް ފުރިހަމަ ޖަވާބެއް ދިނެވެ.
"ބަލަގަ! ވަރިވާން ޖެހެނީ ކައިވެނި ކުރާތީ ނޫންތަ؟" އޭނާ ބުންޏެވެ. މިއަށްވުރެ ބޮޑު ޙަޤީޤަތެއް ނުވާނޭކަން ކަށަވަރެވެ.
މި ވިސްނުން ވިސްނިގެން ތޯއްޗެކެވެ. ވަރިވާން ޖެހިދާނޭތީވެ، ކައިވެންޏަކާ ހަމައަށް ނުދާން އުޅޭ މީހުން މިހާރު މަދެއްނޫނެވެ. އަހަރެންގެ ރަހުމަތްތެރި އާދަނާއި (އަސްލުނަމެއް ނޫން) ހައްވަ (އަސްލުނަމެއް ނޫން) ރައްޓެހިވެގެން އުޅޭތާ 10 އަހަރު ވެއްޖެއެވެ. ދެމީހުން ކުރެ އެކަކުވެސް ކައިވެންޏަކާ ހަމައަށް ދާކަށް ބޭނުމެއް ނުވެއެވެ. އެ ދެމީހުން ކައިރީގައި އުޅޭ ކައިވެނި ކޮށްގެން އުޅޭ މީހުންގެ ހަޔާތުގެ މަސްލަހަތު ގޯސްވެގެން އަބަދު ވަރިއާ ހަމައަށް ދާތީވެ، އެ ދެމީހުން ތެރަޕީ ނަގަން ޖެހިފައިވާ ކަމަށް "ކައިވެނި ކުރާނީ ކޮން އިރަކު ހެއްޔޭ؟" އަހާ ކޮންމެ މީހެއް ކައިރީގައި އެ މީހުން ބުނެއެވެ.
އެކަމަކު، އާދަނާއި ހައްވައަށް ކައިވެނިނުކޮށް މިހެން އުޅެވުނަސް ގިނަ މީހުންނަށް މި ގޮތަށް މިނިވަންކަންމަތީގައި އުޅުމުގެ ފުރުސަތު ހަންޏެވެ. ކައިވެނި ނުކޮށް މިހެން އެކުގައި އުޅުމަކީ ދީނީ ގޮތުން ވެސް ގޯހެކެވެ. މި މުޖުތަމަޢު ވެސް ތަރުހީބުދޭ ކަމެއް ނޫނެވެ. ދެމީހަކު އެކުގައި މަގުމަތިން ދެ ފަހަރަކު ފެނިލާ އިރަށް "ސައި ދޭނީ ކޮންއިރަކުންހޭ؟" އަހާ އުސޫލު އަދިވެސް ދިވެހީންގެ ތެރޭން ފިލައިގެނެއް ނުދެއެވެ. އެހެންކަމުން މަންމަ ބުނެގެން، ބައްޕަ މަޖުބޫރު ކޮށްގެން ކައިވެނި ކުރާ މީހުންގެ އިތުރުން، "ސައިދޭން" މީހުން ބުނާތީވެ ކައިވެނި ކުރާ މީހުން ވެސް މަދެއް ނޫނެވެ.
ކައިވެނި ކުރުމަކީ މި މުޖުތަމައުގައި އެހާ މަގުބޫލުކަމަކަށް ވާއިރު، ވަރިއާ ދޭތެރޭގައި މަޝްވަރާކުރުން އެއްކިބައިގައި ބާއްވައިފައި ވަރިއާ ދޭތެރޭ ވިސްނާލަން ވެސް ގިނަ މީހުން ޖެހިލުންވެއެވެ. އެފަދަ ވާހަކައެއް ދެއްކިގެން ވެސް، ބަދުނަސީބުގެ ހިޔަނި އެމީހުން ކުރަން ރާވައިފައި އޮތް ކައިވެންޏަށް އެޅިދާނެތީ ކަންނޭގެއެވެ.
ކޮންމެ މީހަކުވެސް ގަބޫލުކުރަން ބޭނުން ވަނީ އެ މީހަކު ކޮށްގެން އުޅޭ ނުވަތަ ކުރަން އުޅޭ ކައިވެންޏަކީ ދުވަހަކުވެސް ރޫޅޭނޭ ޖާގައެއް ނެތް ގުޅުމެއް ކަމުގައެވެ. މިގޮތަށް އުންމީދު ގެންގުޅުމުގައި ގޯހެއް ނެތެވެ. ނަމަވެސް، ހަގީގަތަކީ ކޮންމެ ކައިވެންޏެއްގައި ވެސް ވަރިއާ ހިސާބުން ނިމުމުގެ %50 ޗާންސްއެއް އޮންނަކަމެވެ. މިހެން ވީއިރު ވަރިއާ ދޭތެރޭގައި އަހަރުމެން ދެކޭ ނަޒަރު ބަދަލުކުރަން ޖެހިއްޖެ ނޫން ހެއްޔެވެ؟
ކިތަންމެ ފަސޭހައިން މިހެން ބުންޏަސް، އަހަރުމެން ވަރިއާ ދޭތެރޭ ދެކޭ ނަޒަރު ބަދަލުވުމަކީ ވަރަށް ނާދިރުކަމެކެވެ. އެއީ ވަރިއާ ދޭތެރޭގައި އަހަރުމެން ދެކޭ "ނޭދެވޭ" ކަމެއްގެ ވިސްނުމުގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް ވާތީއެވެ. ވަރިއަކީ ދީނުގައި ހުއްދަ ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ "ނޭދެވޭ ކަންތަކޭ"، އަހަރެންގެ މުދައްރިސް އިސްލާމް ކުލާހުގައި ކިޔައިދެއްވި ހަނދާނެއް ވެއެވެ. އެހެންކަމުން އެ ކަމަކީ "ނޭދެވޭ" ކަމެއް ކަމުގައި ދެކެވޭލެއް ބޮޑުކަމުން އަހަރުމެންނަށް އެއީ ހުއްދަ ކުރައްވާފައިވާ ކަމެއް ކަން ގިނަ ފަހަރަށް ހަނދާން ނެތެނީ ކަންނޭގެއެވެ.
ވަރިއަކީ މިހާ "ނޭދެވޭ" ކަމެއް ކަމުގައި އަހަރުމެން ދެކޭތީ، ކަންތައް ގޯހުންގޯހަށް ދާން ފެށުމުން، ކަންތައް ކުރަންވީ ގޮތެއް ނޭނގެއެވެ. ވަރިކުރާ ހިސާބަށް ދިޔުމުން، ދެން ނަގަން ޖެހޭ ފިޔަވަޅުތަކެއް ނޭނގެއެވެ. ކަމެއްގައި ލަފަޔަކަށް އެދޭނެ މީހެއް ހޯދޭނީވެސް އެކަމުގައި ލަފަޔަކަށް އެދެން ކެރިގެންތާއެވެ. މިކަމުގެ "ނޭދެވޭ" މިންވަރުގެ ސަބަބުން ހިތަށާއި ނަފުސަށް ކުރާ "ނޭދެވޭ" އަސަރުގެ ބޮޑުކަމުން، މިކަމުގައި ހަދާނޭ ގޮތެއް ނޭނގިފައި ކިތައް މީހުން ވޭން ހުރި ކައިވެނިތަކުގައި ދެމިތިބޭނޭ ބާއެވެ؟
އެހެންވެ ވަރީގެ "ނޭދެވޭ" ބައި ކުޑަ ހިނދުކޮޅަކަށް ދުރުގައި ބާއްވައިފައި، ވަރިއަކީ "ހުއްދަ" ކަމަކަށް ވީތީވެ މިކަމާ މެދު ތަންކޮޅެއް ތަނަވަސް ނަޒަރަކުން ބަލައިލަމާ ހެއްޔެވެ؟
ކައިވެނީގެ ސިލްސިލާގައި ހިނގާ ކަންކަމުގެ ސަބަބުން ބައެއް ފަހަރު ވަރިފަށާ ހަމައަށް ކަންތައް ހިނގައިދާނޭ ވިސްނައިފިއްޔާ ދެން ވާނީ ކިހިނެތް ބާއެވެ؟ ގިނަ ބަޔަކު މި މޭރުމުން ވަރިއާ މެދު ދެކެން ފަށައިފިނަމަ، އެންމެ ފުރަތަމައިނުން ވެސް މީހުންނަށް މަސްލަހަތު ނެތް ކައިވެނިތަކުގެ ތެރޭގައި ދެމިތިބުމަށް އޮންނަ ނޭދެވޭ ފިއްތުން ދާނޭ ކަން ޔަގީނެވެ.
މުޖުތަމައު ބިނާވެފައި ވަނީ ހުރިހާ ކަމެއް "އެންމެ ފުރިހަމައަށް" ކުރުމުގެ ސިޔާސަތުގެ މައްޗަށެވެ. ކޮންމެ މީހެއްވެސް އެހެން މީހުންނަށް އެމީހުންގެ ހަޔާތުގައި ކަންކަން ހުންނަނީ އެންމެ ޗާލުކޮށް ކަމުގައި ދައްކަން ބޭނުންވެއެވެ. އެއީ މި މުޖުތަމައުގެ މޫނުމަތިން ފެންނަ އެންމެ މަތީ ފަންތިއާ އެއް ފެންވަރުގައި ތިމާގެ ކަންކަން ބެހެއްޓުމުގެ ނިޔަތުގައެވެ. އެހެން ކަމުން ކައިވެންޏެއްގައި ދެ މީހުންނަށް ވެސް ތަހައްމަލު ނުކުރެވޭ ކަންކަން ވަމުން ދާއިރު، ދެމީހުން އެ ކައިވެނި މަތީގައި ދެމިތިބެނީ ދުނިޔެ އެމީހުންނާ މެދު ދެކޭނޭ ގޮތަކާ މެދު ވިސްނައިފައެވެ. ކައިވެންޏެއްގެ ނާކާމިޔާބަކީ އަމިއްލަ މީހާގެ ނަފުސުގެ ނާކާމިޔާބެއްގެ ގޮތުގައި ފަރުދުންނަށް ބަލައިގަނެވޭލެއް ބޮޑު ކަމުންނެވެ.
ނަމަވެސް ވަރިއަކީ ހުއްދަ ކަމެއް ކަމާއި، އާންމު ކަމެއް ކަމާއި، އެކަމަކީ އެއްވެސް ހާލަތެއްގައި މީހާގެ ނުކުޅުދެންތެރިކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމުގައި ވިސްނުމުން، ވަރިވާ ހިސާބަށް ކަންތައް ހިނގައްޖެނަމަ ނަގަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް ސިކުނޑި ތަންދޭން ފަށާނޭކަން ޔަގީނެވެ.
އެރޭ ހުރިހާ ގްރޫޕުތަކުގައި ރޫޅިގެން އުޅޭ ކައިވެނީގެ ވަނަވަރު ހޯދަން މަސައްކަތް ކުރަމުން ދިޔައިރު، އަހަރެންގެ ބޮލު ތެރޭގައި އެނބުރެމުން ދިޔައީ މިފަދަ އެތައް ވިސްނުމެކެވެ. ވަރިއާ މެދު މުޖުތަމައުގެ ފޭރާމުގެ ރޮއްޖާ ލާމެހި ގެތިފައިވާ ވިސްނުންތައް މޮހައިލުމަކީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ވަރިއާ ހަމައަށް ދިޔުމުން ކަންތައް ކުރާނޭ ގޮތްތަކެއް ހޯދައި އެކުލަވާލުމަކީ މި މުޖުތަމައުއަށް މުހިންމު ކަމެއް ކަމުގައި އަހަރެން ދެކެމެވެ.
އަނެއްކާވެސް އެއްކަލަ ބޭފުޅާ ލިޔުއްވައިފައިވާ މެސެޖަށް ބަލައިލެވުނެވެ. އެ މެސެޖުން ވަރިއާ ހަމައަށް ކަންކަން ދިޔުމުން ނެގިދާނޭ ވަރަށް ހަމަޖެހޭ، ސާދާ ފިޔަވަޅުތަކެއް ބަޔާންކޮށްފައި ހުއްޓެވެ.
1. ކައިވެނި ރޫޅާލުމުގެ ކުރިން އެކަކު އަނެކަކާ އެކުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުން.
2. ސުލްހަވެރިކަމާ އެކުގައި، ސުލްހަވެރި މާހައުލެއްގައި ކަންކަން ނިންމާލުން.
3. ބޭއިންސާފުން ކަންކަން ނުކުރުން.
4. އެކަކަށް ވެސް ނިކަމެތިވާ ގޮތަށް ކަންކަން ނުކުރުން.
5. ވަރިވާއިރު ވީހާވެސް ލޯތްބާއި އޯގާތެރިކަމާ އެކު ނިންމާލުން.
މި ބޭފުޅާގެ ހިކުމަތްތެރި ބަސްކޮޅުގެ އަލީގައި، އަދި އަހަރެންނަށް ކުޅަދާނަކަން ލިބިފައިވާ މިންވަރަކުން "ވަރިވުމުގެ 101″ ކިޔާ އަސާސީ މެނުއަލެއް އެކުލަވައިލުމަށް އެރޭ އަހަރެން ވިސްނީމެއެވެ. ނަމަވެސް ކުރިޔަށް އޮތީ ހަފުތާ ބަންދެވެ. އަހަރެންނަށް ލިބޭ ހަމަ އެކަނި ޗުއްޓީ ދެ ދުވަހެވެ. އެހެންވެ ދެން މި ވަގުތަށް މި މުހިންމު މެނުއަލް ތައްޔާރުކުރުމުގެ މަސައްކަތް މަޑުޖައްސައިލީއެވެ.
