Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފުރާވަރު ކުދިންނަށް ސޯޝަލް މީޑިއާގެ ނުރައްކާ

މި ދިޔަ މާރިޗު މަހު 13 ގައި ރިލީޒްކުރި "އެޑޮލެސެންސް"އަކީ ނެޓްފްލިކްސްއިން އެންމެ ގިނަ މީހުން ބެލި އެއް ޝޯއެވެ.

ގާތްގަނޑަކަށް އެއް ގަޑިއިރުގެ ހަތަރު އެޕިސޯޑު ހިމެނޭ މި މިނި ޓީވީ ސީރީޒްގެ އާދަޔާ ހިލާފު އެއް ކަމަކީ ކޮންމެ އެޕިސޯޑެއް ވެސް، ތިއޭޓަރުގައި ހަރަކާތްތެރިވާ އެކްޓަރުން ލައްވައި ކުޅުވައިގެން އެއް "ޓޭކް" ނުވަތަ މެދުކަނޑައި ނުލައި ޝޮޓަކުން ގެނެސްދީފައިވާކަމެވެ.

އަނިޔާވެރި ފިލްމްތައް ބެލުމާއި މި ފަދަ ވީޑިއޯ ގޭމްތައް ކުޅުމުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރޭތޯ މިއީ އެތައް އަހަރުތަކެއް ކުރިން ކުރެވިފައިވާ ސުވާލުތަކެވެ. ނަމަވެސް އެ ފަދަ މީޑިއާ އުފެއްދުންތަކާއި އަހަރެމެންގެ ތެރޭގައި މިހާރު ވަކި ހިއްޕައިލައިފައިވާ ސޯޝަލް މީޑިއާ މުޅިން ތަފާތެވެ.

އެއިރުގެ ފިލްމްތަކާއި ވީޑިއޯ ގޭމްތަކަކީ ހަގީގަތެއް ނޫންކަން އެންމެންނަށް އެނގެއެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި އުޅޭ ކޮންމެ ކޮންމެ މީހަކު ވެސް ފަތުރަމުންދާ މައުލޫމާތަކީ ހަގީގަތްކަމަށް ހަދަން އެ މީހުން މަސައްކަތްކުރެއެވެ. އަދި މި ގޮތަށް ދޭ މެސެޖްތަކަކީ ހަގީގަތްކަމަށް، ސޯޝަލް މީޑިއާއަށް ވަދެވޭ ކުޑަކުދިންނަށް ގަބޫލު ކުރެވުމުން، މި ކަމުން ނުކުންނަ ނަތީޖާގެ ނުރައްކާތެރިކަމަކީ، "އެޑޮލެސެންސް"ގައި އަލިއަޅުވައިލައިފައިވާ މައްސަލައެވެ. އެހެނީ، މީހުން މެރުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ކުޑަކުދިންނަށް ގަބޫލުކުރަން ފެށެވުމުން ސޯޝަލް މީޑިއާއަކީ އަދުގެ މުޖުތަމައުގެ ވަބާކަން މި ޝޯއިން ވަނީ ހާމަކޮށްފައެވެ.

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްވެގެން އައުން ވެފައިވަނީ އެތައް މައިންބަފައިންގެ ހިތްހަމަޖެހުމަކަށެވެ. އަދި އޮސްޓްރޭލިއާގެ މި ނިންމުމާ އެއް ގޮތަށް އެހެން ގައުމުތަކުން ވެސް ފިޔަވަޅު އަޅަން އަންނަނީ ވިސްނަމުންނެވެ. ނަމަވެސް ސުވާލަކީ މި ކަން ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ދަރިން ސޯޝަލް މީޑިއާއިން ބަލަނީ ކޮންކޮން އެއްޗެއްސެއްތޯ ބެލެހެއްޓިދާނެ ހެއްޔެވެ؟

"އެޑޮލެސެންސް"ގައި ދައްކުވައިދޭ ދެމަފިރިންގެ އުމުރުން 13 އަހަރުގެ ފިރިހެން ދަރިފުޅު ޖޭމީ މިލާއަށް ކޮމްޕިއުޓަރެއް ދެނީ ކޮޓަރީގައި ބަސްއަހައިގެން މަޑުން އިންނާނެކަމުގެ އުއްމީދުގައެވެ. ހަލަބޮލި މި ޒަމާނުގެ ހައްދުފަހަނަޅައިފައިވާ ކެޕިޓަލިސްޓް އިގުތިސާދީ ނިޒާމުގައި މައިންބަފައިން ބިޒީ ވާތީ ދަރިން ކޮންމެވެސް ކަމެއްގައި މަސްއޫލު ކުރުވުމުގެ ނިޔަތުގައެވެ. ނަމަވެސް މި ޝޯގައި ޖޭމީއަށް އިންޓަނެޓުން ލިބެނީ އޭނާ ނުރައްކާތެރި، އޭނާ ދެކެ 'ލައިކް' ނުވާ އޭނާއާ އެއް އުމުރުގެ ފުރާވަރު އުމުރުގެ ކުޑަ އަންހެން ކުދިން ވެސް މަރައިލުމަށް ޖެހިލުމެއް ނުވާ ހިސާބަށް ސުލޫކާއި އަހުލާގު ވެއްޓިފައިވާ ކުށްވެރިއަކަށް ބަދަލުކޮށްލާ މައުލޫމާތެވެ.

ޖޭމީއަކީ އަދި ކުޑަކުއްޖެއް ނަމަވެސް އެ ފަކީރަށް "ހައިވާނެއް"ގެ ވިސްނުން އަންނަން ފެށުމުން ދެން މައިންބަފައިންނަށް ރޭކާލީ ދަރިފުޅާމެދު އިހުމާލުވެވިއްޖެކަމެވެ. ނަމަވެސް ސުވާލަކީ ސޯޝަލް މީޑިއާއިން ދޭ ވަކިވަކި މެސެޖްތަކަށް ހުރަސްއެޅިދާނެ ހެއްޔެވެ؟ ރަނގަޅު މެސެޖްތައް ފޯރުކޮށްދީ، ނުބައި މެސެޖްތަކުން ދަރިން ސަލާމަތްކުރެވިދާނެ ހެއްޔެވެ؟

އޮސްޓްރޭލިއާއިން ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެއްކޮށް މަނާކުރަން ޖެހުނީ މިހެންވެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަންހެނުންނާ ދެކޮޅަށް ތައައްސުބު ފަތުރާ އެންޑްރޫ ޓޭޓް ފަދަ މީހުންގެ ސަބަބުން ކުޑަކުދިންގެ ސިކުނޑި ވިހަވެ، އަންހެނުން މެރުމަކީ ވެސް އެންމެ ރަނގަޅު ކަމެއްކަމަށް އެ ކުދިންނަށް ވިސްނެން ފެށި ހިސާބަށް ދިއުމުންނެވެ.

ޓޭޓް ފަތުރަމުންދާ ނަޒަރިއްޔާތުގައި އަންހެނުންނަކީ ފިރިހެނުންގެ "މުދަލެ"ކެވެ. އަންހެނުންނަކީ ހަމައެކަނި ގޭގައި ތިބެން ޖެހޭ، ޖިސްމާނީ ގޮތުން ނިކަމެތި، ވިސްނުން ކޮށި، އަދި ފިރިހެނުންގެ ޖިންސީ އެދުން ފުއްދައިދޭން ތިބެން ޖެހޭ ބައެކެވެ. އެ ގޮތުން އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ހުރިހާ ބާރެއް ފޯރުވެން ޖެހޭކަމަށް އޭނާ ދައުވާކުރެއެވެ. އަންހެނުންނަށް މިނިވަންކަމާއެކު ނޫޅެވޭނެކަމަށް ދެކި، އަދި އެއީ އެއްވެސް ގާބިލުކަމެއް ނެތް ބައެއް ކަމަށް ޓޭޓް ބުނެއެވެ.

ދެ ޖިންސުގެ ހަމަހަމަކަން ނަގަހައްޓާ ނަމަ އެއީ ފިރިހެނުންނަށާއި މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވަކާލާތު ކުރެއެވެ. އޭނާގެ ނަޒަރުގައި ފިރިހެނުން، އެ މީހުންގެ ފިރިހެންވަންތަކަން ހައްދުފަހަނަޅައި ވަރަށް ކުރިއަށް ނެރެން ޖެހެއެވެ. އެއީ ޖިސްމާނީ ގޮތުން ވަރުގަދަކަން ދެއްކުމާއި އަނިޔާވެރިކޮށް އަމަލުތައް ބެހެއްޓުމާއި ޖަޒުބާތުތަކުގައި މަތިޖަހައިގެން އުޅުމެވެ. މީގެ އިތުރުން އަންހެނުންގެ މައްޗަށް ބާރު ފޯރުވަން މުއްސަނދިވުމަށް ވެސް ޓޭޓް ފިރިހެނުންނަށް ގޮވައިލައެވެ.

ޓޭޓްގެ މި ފަދަ ނަޒަރިއްޔާތުތަކުގެ ސަބަބުން އަދުގެ ކުޑަކުދިންނާއި ޒުވާނުން މިހާރު ދަނީ "އިންސެލް" ސަގާފަތުގެ ތެރެއަށް ޣަރަގު ވަމުންނެވެ. މިއީ، "އެޑޮލެސެންސް"ގައި ޖޭމީ ވެސް ޝިކާރައަކަށްވާ ހިޔާލާތެވެ. އިންސެލް ސަގާފަތުގައި ފިރިހެނުންނަށް ވިސްނެނީ އަންހެނުން އެ މީހުންނަށް ޖިންސީ އެދުން ފުއްދައިދޭން މަޖުބޫރު ކަމަށެވެ. އެ މީހުން ދެކެ އެ އަންހެނުން 'ލައިކް' ނުވިއަސްމެއެވެ. އަދި އެ ކަން އަންހެނުން ނުކޮށްދޭތީ ބައެއް ފިރިހެނުން "ބިކުރުވެރިން"ގެ ގޮތުގައި ތިބެން މަޖުބޫރުވެފައިވާ ކަމަށް ދުށުމަކީ އިންސެލް ކަލްޗާއެވެ.

މި ހުރިހާ ކަމަކާ ހެދި ސޯޝަލް މީޑިއާ މިހާރު ވެފައިވަނީ އަންހެނުންނާ ދެކޮޅު ތައައްސުބު ގެންގުޅޭ ވިއުގައަކަށެވެ. އެ ގޮތުން، ހުރިހާ ގެއްލުމެއް މިހާރު މުޖުތަމައުގައި ލިބެމުންދަނީ ފިރިހެނުންނަށްކަމަށް ދައުވާކުރަން ފެށުމުން، ވެބްސައިޓުތަކާއި ބްލޮގްތަކާއި ފޯރަމްތަކާއި އަދި އެހެނިހެން މީޑިއާ މަންސަތައް މިހާރު ބަދަލުވެފައި ވަނީ މި "މެނޯސްފިއާ"އަކަށެވެ. މާނައީ، އަންހެނުންނާ ދެކޮޅު ތައައްސުބު ގެންގުޅޭ، އަންހެނުން ބާރުވެރި ކުރުމާއި އެ މީހުންގެ ތަރައްގީއާ ދެކޮޅު ހަދައި، އަދި އާއްމު ގޮތެއްގައި ހުރިހާ ކަމެއްގައި ވެސް ހައްދުފަހަނަޅައި ދާ ނަޒަރިއްޔާތުތައް އެއީ އަދުގެ ރިއަލިޓީ ނުވަތަ މި ކައުނުގައި ކަންތައް ވާ ގޮތް ކަމަށް ދެކޭ ފިރިހެނުން އުފެދެއެވެ. އަދި ހަމަ ކުޑަކުދިންގެ ޅަ ސިކުޑިއަށް ވެސް ވިސްނެން ފެށެނީ މި ބީދައިންނެވެ. މިއީ "އެޑޮލެސެންސް"ގެ ވަރުގަދަ، އަދި މުނާސަބު މެސެޖެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި "ހިފެހެއްޓުމެއް ނެތް މިންވަރަށް" ނަފުސާނީ ބަލިތައް ފެތުރެމުންދަނީ "ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފުޅާވަމުންދާތީ" ކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ދާދި ފަހުން ބުންޏެވެ.

"ފުރާވަރުގެ ކޮންމެ ހަތް ޒުވާނަކުން އެއް ޒުވާނަކަށް މިހާރު ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކުރިމަތިވެފައިވޭ،" ކިޑްސްރައިޓްސް ނުވަތަ "ކުޑަކުދިންގެ ހައްގުތައް" ޖަމިއްޔާއިން ކުރި ދިރާސާއަކަށް ފަހު އެ ޖަމިއްޔާއިން ބުންޏެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ކޮންމެ 100،000 އިން އެއް ޒުވާނަކު އަމިއްލައަށް މަރުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ސޯޝަލް މީޑިއާ މާ ގިނައިން ބޭނުންކުރުމާއި އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމާ ސީދާ ގުޅުމެއް ވާކަން ދިރާސާއިން ހާމަވި ކަމަށެވެ.

"މި ދިރާސާއިން ދޭހަވަނީ ސޯޝަލް މީޑިއާއާމެދު އަހަރެމެންނަށް ދެން ޣާފިލުވެގެން ތިބެވެން ނެތްކަން. މިހާރު ވެސް ސޯޝަލް މީޑިއާގައި 2.2 ބިލިއަން ޒުވާނުން އެބައުޅޭ. އެހެންކަމުން ހޭލުންތެރިކުރުމުގެ މަޝްރޫއުތަކަކުން ހަމައެކަނި ނުފުދޭ. ޒުވާނުންނަށް ސޯޝަލް މީޑިއާއިން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު ވެސް އަޅަން ޖެހޭ،" ކިޑްސްރައިޓްސްގެ ޗެއާމަން މާކް ޑުލައަޓް ބުންޏެވެ.