ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި "ހިފެހެއްޓުމެއް ނެތް މިންވަރަށް" ނަފުސާނީ ބަލިތައް ފެތުރެމުންދަނީ "ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފުޅާވަމުންދާތީ" ކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.
"ފުރާވަރުގެ ކޮންމެ ހަތް ޒުވާނަކުން އެއް ޒުވާނަކަށް މިހާރު ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކުރިމަތިވެފައިވޭ،" ކިޑްސްރައިޓްސް ނުވަތަ "ކުޑަކުދިންގެ ހައްގުތައް" ޖަމިއްޔާއިން ކުރި ދިރާސާއަކަށް ފަހު އެ ޖަމިއްޔާއިން ބުންޏެވެ.
ކިޑްސްރައިޓްސްއިން ބުނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ކޮންމެ 100،000 އިން އެއް ޒުވާނަކު އަމިއްލައަށް މަރުވާ ކަމަށެވެ.
"މި ދިރާސާއިން ދޭހަވަނީ ސޯޝަލް މީޑިއާއާމެދު އަހަރެމެންނަށް ދެން ޣާފިލުވެގެން ތިބެވެން ނެތްކަން،" ކިޑްސްރައިޓްސްގެ ޗެއާމަން މާކް ޑުލައަޓް ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ސޯޝަލް މީޑިއާ މާ ގިނައިން ބޭނުންކުރުމާއި އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމާ ސީދާ ގުޅުމެއް ވާކަން ދިރާސާއިން ހާމަވި ކަމަށެވެ.
"ނަމަވެސް އޮސްޓްރޭލިއާއިން ތަންފީޒުކޮށްގެން އުޅޭ، އުމުރުން 16 އަހަރު ނުވާ ހުރިހާ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމަކީ ކަމުގެ ހައްލެއް ނޫން. މި ފަދަ ގޮތަކަށް ފާސްކުރާ ގާނޫނުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ވެސް ނިގުޅައިގަނެވޭ،" ކިޑްސްރައިޓްސްއިން ބުންޏެވެ.
މީގެ ބަދަލުގައި އެ ޖަމިއްޔާއިން ގޮވައިލީ ސޯޝަލް މީޑިއާއިން ކުރާ އަސަރުތައް ދިރާސާ ކުރުމުގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި އަދިވެސް ކުރިއަށް ގެންދިއުމަށެވެ. އަދި ޑިޖިޓަލް ތައުލީމު ހަރުދަނާކުރުމުގެ އިތުރުން ނަފުސާނީ ދާއިރާއިން ސިއްހީ އެހީތެރިން މިހާރަށްވުރެ ރަނގަޅަށް ތަމްރީނު ކުރުމަށެވެ.
"މިހާރު ވެސް ސޯޝަލް މީޑިއާގައި 2.2 ބިލިއަން ޒުވާނުން އެބައުޅޭ. އެހެންކަމުން ހޭލުންތެރިކުރުމުގެ މަޝްރޫއުތަކަކުން ހަމައެކަނި ނުފުދޭ. ޒުވާނުންނަށް ސޯޝަލް މީޑިއާއިން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު ވެސް އަޅަން ޖެހޭ،" ކިޑްސްރައިޓްސްއިން ބުންޏެވެ.



advertisment