Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 30

ތިރީސް ވަނަ ސިފަ: އަވަސްވެނުގަތުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އަވަސްވެނުގަތުމުގެ ސިފައެވެ. އެއާއި ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

އެއް ފަހަރަކު بنومصطلق ގެ މީހުންގެ ގާތަށް زكاة އާއި صدقاة جمعކުރުމަށް الوليد بن عقبة ނަމަކަށް ކިޔުނު ބޭކަލަކު ކީރިތި ރަސޫލާ ﷺ ފޮނުވިއެވެ. އަދި އެ قبيلةގެ މީހުންނަށް އެ ބޭކަލަކު އަންނަތަން ފެނުމުން استقبال ކުރުމަށް ޓަކައި އެ ބޭކަލަކާ ދިމާލަށް ދާންފެށިއެވެ. އެ ހިނދު އެ ބޭކަލަކަށް ހީފުޅުވެވުނީ އެ މީހުން އަންނަނީ އެ ބޭކަލަކު قتل ކުރުމަށް ޓަކައި ކަމަށެވެ. އެހެންވެ އެނބުރި مدينة އަށް ވަޑައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވިއެވެ.

"އެ قبيلة ގެ މީހުން މުރުތައްދު ވެގެންފިއެވެ. އެހެންވެ ތިމަންނަ މިހިރީ އެނބުރި އައިސްފައެވެ." އެ ހިނދު އެ ކަލޭގެފާނު އެ خبرގެ މައްޗަށް އަވަސްވެވަޑައިގެން ފިޔަވަޅެއް ނޭޅުއްވެވިއެވެ. ނަމަވެސް خالد بن الوليد އިސްކުރައްވައި ލަޝްކަރެއް ތައްޔާރު ކުރެއްވުމަށް އެ ބައިމީހުންގެ ގާތަށް ފޮނުއްވެވިއެވެ. އަދި އަވަސްވެ ނުގަތުމަށް އެންގެވިއެވެ. އަދި އެ ކަމުގެ حقيقة ނުބަލާ ހަގުރާމައެއް ނުފެއްޓެވުމަށް އެންގެވިއެވެ. ދެން އެ ލަޝްކަރު އެ قبيلة ގެ ރަށްބޭރުގައި މަޑުކުރުމަށް ފަހު އެއިން މީސްކޮޅެއް އެ ބައިމީހުންގެ خبر ބެލުމަށް ރަށަށް ފޮނުއްވެވިއެވެ. އަދި އެ މީހުން ބެލިބެލުމުން އެނގުނީ އެ قبيلة ގެ މީހުން ތިބީ اسلام دين މަތީގައި ކަމެވެ. އެހެންކަމުން ހަގުރާމައެއް ނުކޮށް لشكر އެނބުރި مدينة އައިސް ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އެ ވާހަކަ ދެންނެވިއެވެ. އެކަމުގެ މައްޗަށް ކީރިތި قران ގެ އަންނަނިވި އާޔަތް ބާވައިލެއްވުނެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ [1]. މާނައީ: އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسقއަކު خبرއަކައިގެން އަތުވެއްޖެ ނަމަ އޭގެ ދޮގުތެދުބަލައި حقيقة ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

ބަދުރު ހަނގުރާމައިގައި سُهَيْل بن عمرو ނަމަކަށް ކިޔުނު މީހަކު މުސްލިމުންގެ އަތްދަށު ވިއެވެ. އަދި ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ގެނެވުނެވެ. އެ މީހާއަކީ ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. އަދި އޭނާގެ ވާހަކައިގެ ކުޅަދާނަކަމުން كافرންނަށް ހިތްވަރު ލިބޭ ގޮތަށް تقريرކޮށް مسلمންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމީހުން ތައްޔާރު ކުރެއެވެ. މީނާގެ މި عملގެ ސަބަބުން مسلمންނަށް ވަރަށް ދެރަގޮތް މެދުވެރިވެފައި ވެއެވެ. އެހެންކަމުން އޭނާ އަތުޖެހުމުން އެކަން ފާހަގަކޮށް އޭނާގެ ކިބައިން ވާހަކަ ދެއްކުމުގެ އެ ހުނަރު ނިގުޅައިގަތުމަށް ޓަކައި عمر ގެފާނު ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. އެމީހާގެ ދަތްޕިލައިން ދަތްތައް އުފުރާލައިގެން އޭނާއަށް އެގޮތަށް مسلمންނާ ދެކޮޅަށް تقرير ނުކުރެވޭ ގޮތަށް ހެދުން ކިހިނެތްތޯއެވެ؟ ނަމަވެސް ކީރިތި ރަސޫލާ ﷺ އެކަމަށް ހުއްދައެއް ނުދެއްވިއެވެ. ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ފުށުން مسلمންނަށް ރަނގަޅު ގޮތެއް މެދުވެރިވުން ވެސް އެކަށީގެންވެއެވެ.

ދެން އެމީހާ އެނބުރި مكةއަށް ގޮސް އުޅުނެވެ. އަދި مكة فتحވިދުވަހު إسلامވިއެވެ. إسلامކަން ވަރުގަދަ ބޭކަލަކަށް ވިއެވެ. އަދި ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމުން مكةގެ ބައެއް މީހުން مرتدވުމަށް އުޅެގަތް ހިނދު އެމީހުންގެ މެދަށް ނިކުމެ تقرير ކޮށް އެމީހުން ހަމަޔަކަށް އެޅުވިއެވެ.

އަވަސްވެ ނުގަތުމަކީ ކޮބައި ހެއްޔެވެ؟

އެއީ ހެޔޮގޮތުގައި ސާބިތުވެ ހުރުމާ އެކު ވިސްނައިފިކުރުކޮށް ކަންތައް ނިންމުމެވެ.

މާތް ﷲ ރުއްސުންލެއްވި عليގެފާނު ވިދާޅުވިއެވެ. ކަންކަމުގައި އަވަސްވެނުގަންނާށެވެ. އެ ކަމުގައި އޮތް އެންމެ ފުރިހަމަ ގޮތަށް ކުރާށެވެ. އެހެނީ ކަމެއް ނިންމި މުއްދަތަކާ މެދު މީސްތަކުން ސުވާލުނުކުރާނެއެވެ. ނަމަވެސް މީސްތަކުން ސަމާލުކަން ދެނީ އެކަމެއްގެ ފުރިހަމަކަމާ މެދުގައެވެ.

ހަރުބަހެއްގައި ވެއެވެ. جوابދިނުމުގައި އަވަސް ވެގަތުމަކީ ނުބައިވުމުގެ ސަބަބެވެ.

އަވަސްވެ ނުގަތުމުގެ ފައިދާ

عَنِ ابْنِ عَبَّاسٍ رَضيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ لأَشَجِّ عبْدِ الْقَيْس: «إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللَّهُ: الْحِلْمُ وَالْأَنَاةُ»[2]، މާނައީ: މާތްاللَّه އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّهِ بن عَبَّاسގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. أشَجِّ عبْدِ الْقَيْس އަށް ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. ހަމަ ކަށަވަރުން ތިބާގެ ހަށިގަނޑުގައި ދެ ޚަޞީލަތްވެއެވެ. އެ ދެ ޚަޞީލަތަށް اللهُ سُبْحَانَهُ وَتَعَالى ލޯބިވެތިވެ ވޮޑިގެންވެއެވެ. އެއީ حلمވެރިކަމާއި އަދި ކަންތައް ނިންމުމުގައި އަވަސްވެނުގަތުމެވެ.

ހެޔޮކަންތަކަށް އަވަސްވެގަތުން

مسلمއަކު ހެޔޮ ކަމެއް ކުރުމަށް ނިޔަތްގަނެފި ނަމަ އެ ކަމެއް ވީހާވެސް އަވަހަކަށް ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭނެއެވެ. ހެޔޮ ކަންތައްތައް ކުރުމަށް އަވަސްވެގަތުމަކީ ހެޔޮ ކަމެކެވެ.

އެހެންކަމުން ކޮންމެ ހެޔޮ ކަމަކަށް އަވަސްވެގަތުމަކީ ހެޔޮ ކަމެކެވެ. އެއާ ޚިލާފަށް ދުނިޔަވީ ކަންތައްތަކުގައި مسلمންގެ މައްޗަށް އެދެވިގެންވަނީ އަވަސްވެނުގަތުމެވެ. ވިސްނާ ފިކުރުކޮށް ދިރާސާކޮށް މަޝްވަރާކޮށް تحقيقކޮށް ހޯދާބެލުމަށްފަހު ކަންތައްތައް ނިންމުމެވެ. ނޫންނަމަ ކުރާ ކަންތައް ތައް ދެކޮޅުނުޖެހޭނެއެވެ.

އަވަސްވެ ނުގަތުމުގެ ސިފަ ލިބެވޭނެ ވަސީލަތްތައް

1- އެ ސިފަ ލިބުމަށް އެދި الله سبحانه وتعالىއަށް دعاء ދެންނެވުމެވެ. ކީރިތި ރަސޫލާ ﷺ ގެ އަމަލުފުޅުން ސާބިތުވެއެވެ. އެ ކަލޭގެފާނު ރަނގަޅު أخلاق ލިބުން އެދި ގިނަގިނައިން الله سبحانه وتعالىއަށް دعاء ދަންނަވަތެވެ.

2- އަވަސްވެގަތުމުގެ ސަބަބުން ދިމާވާ ބައެއް ހިތާމަވެރި ހާދިސާތައް ހަނދާނަށް ގެނައުމެވެ. އަރަބީންގެ މީހުން އަވަސްވެގަތުމަށް ކިޔައި އުޅޭ ދެވަނަ ނަމަކީ "ހިތާމަތަކުގެ މަންމަ" އެވެ.

3- الله سبحانه وتعالىގެ ސިފަފުޅު الحليم އާއި الرَّفيق އާ މެދު ފިކުރުކުރުން.

4- ކީރިތި ރަސޫލާ ﷺ ގެ حلم ވެރިކަމާ މެދު ފިކުރުކުރުން.

5- ސަލަފުގެ ބޭކަލުންގެ أخلاق ހަނދާންކުރުން.

6- އަވަސްވެގަތުމުގެ ކުރީގައި ހެޔޮލަފާދާރުންނާ مشورة ކުރުން، މިއެވެ.

(ނިމުނީ)

 

[1] سورة الحجرات: 06.

[2] رواه مسلم، كتاب الإيمان، باب الأمر بالإيمان بالله ورسوله، وشرائع الدين، والدعاء إليه، (25).

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *