Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 28

އަށާވީސް ވަނަ ސިފަ: ރަހުމުކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ރަހުމުކުރުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بَيْنمَا رَجُلٌ يَمْشِي بِطَرِيقٍ اشْتَدَّ عَلَيْهِ الْعَطَشُ، فَوَجَدَ بِئْراً فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَاَل الرَّجُلُ: لَقَدْ بلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلَ الَّذِي كَانَ قَدْ بَلَغَ مِنِّي، فَنَزَلَ الْبِئْرَ فَمَلأَ خُفَّهُ مَاءً ثُمَّ أَمْسَكَهُ بِفِيهِ، حَتَّى رَقِيَ فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ»، قَالُوا: يَا رَسُولَ اللَّهِ إِنَّ لَنَا فِي الْبَهَائِمِ أَجْراً؟ فَقَالَ: «فِي كُلِّ كَبِدٍ رَطْبةٍ أَجْرٌ»[1]، އަދި އެ صحابي (އެބަހީ މާތް الله ރުއްސުންލެއްވި أبو هريرة) ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަ ކަށަވަރުން ކީރިތި ރަސޫލާ ﷺ ހަދީސު ކުރެއްވިއެވެ. (އެއް ފަހަރަކު) މީހަކު މަގެއްގައި ހިނގާފައި ދަނިކޮށް ވަރަށް ބޮޑަށް ފެންބޮވައިގަތެވެ. ފަހެ އޭނާ އަށް ވަޅެއް ފެނުނެވެ. އޭނާ އެވަޅަށް ފައިބައިގެން ފެން ބުއެވެ. ދެން ވަޅުން އެރިއިރު ކުއްލިއަކަށް ފެނުނީ ކުއްތާއެއް ފެންބޮވައިގަނެގެން ގޮސް އޭތީގެ ދޫ ބޭރަށް ނެރެނެރެ އޮއްވައެވެ. އަދި ފެންބޮވައިގަނެގެން ގޮސް މަގުމަތީގައި ހުރި ކިސަޑުގަނޑެއްގައި ދޫކާއްތަމުން ގެންދާތަނެވެ. ފަހެ އެ މީހާ ހިތާހިތާ ބުންޏެވެ. ހަމަކަށަވަރުން މި ކުއްތާއަށް މި ވަނީ ފެންބޮވައިގެން ގޮސް ތިމަންނައަށް ވެސް ދިމާވި ހާލު މެދުވެރިވެފައެވެ. ދެން އޭނާ އަނެއްކާ ވެސް ވަޅަށް ފޭބިއެވެ. އަދި އޭނާ ލައިގެން ހުރި حف ގެ (އެބަހީ ޖަނަވާރުގެ ހަމުން ހަދައިފައި ހުރި އިސްޓާކީނުގެ) ފުރާ ފެން އަޅައިގެން އޭގައި ދަތުން ހިފައިގެން ވަޅުން މައްޗަށް އެރިއެވެ. އަދި އެ ކުއްތާއަށް ފެން ބޯންދިނެވެ. ފަހެ އެ ކަމުގެ މައްޗަށް اللهُ سُبْحَانَهُ وَتَعَالى އެ މީހާއަށް ރުއްސަވައިވޮޑިގަތެވެ. (އެބަހީ އޭނާގެ އެ عمل ގަބޫލުކުރެއްވިއެވެ.) އަދި އެ މީހާގެ އެންމެހާ ފާފަތައް ފުއްސަވައިވޮޑިގަތެވެ. އެ ހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. ޖަނަވާރުތަކަށް ހެޔޮކޮށް ހިތުމުން (ވެސް) ثواب ލިބެނީތޯއެވެ؟ ފަހެ ހަދީސުކުރެއްވިއެވެ. ދިރުން ހުރި ކޮންމެ އެއްޗަކަށް ހެޔޮކޮށް ހިތުމުގައި ދަރުމަ ލިބޭ ހުއްޓެވެ.

ރަހުމުކުރުމަކީ ކޮބައިހެއްޔެވެ؟

އެއީ އޯގާތެރިކަމާއި ލުއިފަސޭހަކަމާއި معاف ކުރުމާ އެކު ކުރެވޭ معاملات އެވެ.

ސިޔާސީ ލީޑަރެއްގެ ސިފައަކަށް ވާންޖެހޭނީ ހިތުން ހަމުދަރުދީ ފާޅުކުރުމާއި ރަހުމު ކުރުމާއި مصيبة ގެ އަހުލުވެރީންނަށް އެހީތެރިވުމާއި ފައިދާދެނުވި ކަންތައްތައް ކުރުމާއި ހާޖަތް ތެރިންނަށް އެހީ ފޯރުވުމާއި فقيرންނާއި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޔަތީމުންނަށް އިހުސާންތެރިވުމެވެ. އެ ފަދަ މީހުންނަށް އުފާފާގަތިކަން ލިބޭނޭހެން މަސައްކަތްކުރުމެވެ. އެހެނީ ރަހުމު ކުރުމަކީ ﷲގެ ސިފަފުޅެކެވެ. އެ ސިފަ ލިބިގަތުމީ ބައްޖަވެރިކަމެކެވެ.

މާތްالله ވަޙީ ކުރެއްވިއެވެ. وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ([2]. މާނައީ: އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ تقوىވެރިވެ زكاةދީ އުޅޭމީހުންނަށާއި ތިމަން ރަސްކަލާނގެ آيةތަކަށް إيمان ވާ މީހުންނަށް ތިމަން ރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ.

ކީރިތި ރަސޫލާގެ ހަށިކޮޅުގައިވާ رحم ކުރުމުގެ މަތިވެރި ނަމޫނާ

رحم ކުރުމާއި އޯގާވެރިވުމުގެ ސިފަ އަކީ ކީރިތި ރަސޫލާ ﷺ ގެ أخلاقފުޅުގައިވާ ވަރަށް މަތިވެރި ސިފަފުޅެކެވެ. އެ ކަލޭގެފާނުގެ އެ ސިފަފުޅުގެ މާތްކަން ކީރިތި قرآن ގައި ބަޔާންކުރެވިފައިވަނީ ވެސް އެހައިމެ އަސަރާއެކުގައެވެ.

މާތް اللهގެ وحي ބަސްފުޅުގައިވެއެވެ. لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ([3]. މާނައީ: ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسولއަކު ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް އެ ކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެ ކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمنންނަށް ނުހަނު އޯގާވެރި رحمހުރި ބޭކަލެކެވެ.

އެހެން އާޔަތެއްގައި މާތް الله وحي ކުރެއްވިއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ([4]. މާނައީ: އަދި عالمތަކަށް رحمةއެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

ސިޔާސީ ލީޑަރުން އަމިއްލަ ނަފުސަށް ރަހުމުކުރުން

ސިޔާސީ ލީޑަރުން އެ ބައިމީހުންގެ އަމިއްލަ نفسގެ މައްޗަށްވެސް رحم ކުރަންޖެހެއެވެ. އެ ގޮތުން އޭނާގެ ހަށިގަނޑަށް ގެއްލުން ދެނިވި އެންމެހާ ކަންތައްތަކުން ދުރުހެލިވެ ހުންނަން ޖެހެއެވެ. الله حرام ކުރައްވާފައިވާ ހުރިހާ ތަކެއްޗަކީ إنسانންނަށް ގެއްލުން ހުރި ތަކެއްޗެވެ. އެހެންކަމުން ތިމާގެ ހަށިގަނޑު އެ ފަދަ ފާފަތަކުން ރައްކާތެރިކުރުމަކީ ތިމާގެ نفس އަށް رحم ކުރުމެވެ.

ސިޔާސީ ލީޑަރުން ޖަނަވާރަށް ރަހުމުކުރުން

عنِ ابنِ عُمرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «قَالَ عُذِّبَتْ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ، فَدَخَلَتْ فِيهَا النَّارَ، لَا هِيَ أَطْعَمَتْهَا وَلَا سَقَتْهَا إِذْ حَبَسَتْهَا، وَلَا هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ»[5]، މާނައީ: މާތް الله އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّه بن عُمر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. އަންހެނަކަށް ބުޅަލަކާ ހުރެ އަޒާބުދެވުނެވެ. އެއީ އެ ކަނބުލޭގެ އެ ސޮރު ބަނދެފައި އޮއްވާ މަރުވީއެވެ. އެހެންކަމުން އެ ކަމުގެ މައްޗަށް އެ ކަނބުލޭގެ ނަރަކައަށް ވެއްދެވިއެވެ. އެއީ އެ ކަނބުލޭގެ އެ ސޮރަށް ކާއެއްޗެއް ނުދިނެވެ. އަދި ބޯއެއްޗެއް ނުދިނެވެ. އަދި އެ ސޮރު އަމިއްލައަށް ބިމުގެ ފަނިފަކުސުން ކައިގަތުމަށް ދުލެއް ވެސް ނުކުރިއެވެ.

ސިޔާސީ ލީޑަރުން އިންސާނުންނަށް ރަހުމުކުރުން

މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި جرير بن عبد اللَّه ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މީސްތަކުންނަށް رحم ނުކުރާ މީހާއަށް މާތް الله، رحم ނުކުރައްވާ ހުއްޓެވެ.

[1] رواه البخاري، كتاب الأدب، باب رحمة الناس والبهائم، (6009)، ومسلم، كتاب السلام، باب فضل ساقي البهائم المحترمة وإطعامها، (2244).

[2] سورة الأعراف: 156.

[3] سورة التوبة: 128.

[4] سورة الأنبياء: 107.

[5] رواه البخاري، كتاب المساقاة، باب فضل سقي الماء، (2356)، ومسلم، كتاب السلام، باب تحريم قتل الهرة، (2242).

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *