ޙައްޖުގެ މަތިވެރި އަޅުކަމަކީ އިސްލާމްދީނުގެ މަތިވެރި ރުކުން ތަކުން ވަރަށް ޚާއްޞަ ރުކުނެކެވެ. އެކަން ޚާއްޞަ ވެގެންވާ ގޮތަކީ، އެއީ، ވަކި މައްސަރަކު ވަކި ތާކަށް ގޮސްގެން އަދާކުރެވޭ އަޅުކަމަކަށް ވާތީއެވެ. ވަރަށް ބުރަ އުފުލައި ގިނަ ވަގުތުވެސް ވޭތުކޮށް، ގިނަ މުދާވެސް ހޭދަކޮށްގެން އަދާ ކުރެވޭ އަޅުކަމަކަށް ވާތީއެވެ. އަދި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި އަނބިދަރީންނާއި ގޯތިގެދޮރާއި މުދާތައްވެސް ދޫކޮށްލާފައި ގޮސް އެތައް ދުވަހެއް ވޭތުކޮށްގެން އަދާ ކުރެވޭ އަޅުކަމަކަށް ވާތީއެވެ.
އެހެނެއްކަމަކު، އެ ފުރުޞަތު އެ އަހަރަކު ނުލިބި ތިބޭ އެންމެންވެސް ޢަރަފާތު ދުވަހުގެ މަތިވެރި ސުންނަތް ރޯދަ ހިފުމަށްޓަކައި ޙައްޖުމަހުގެ ދުވަސްތައް ކަށަވަރުކަމާއެކު ދެނެގާތުމަކީ ބޭނުންވާ ކަމަކަށްވާތީ، ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ ކޮބައިތޯ އަހައި އޮޅުންފިލުވައި އުޅެއެވެ. އެގޮތުން އަޅުގަނޑާވެސް ބައެއް މީހުން އެ ސުވާލުކޮށް ހަދާތީ ފަލަކީ ގޮތުންނާއި އިސްލާމީ އުޞޫލުގެ މަތީން ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ ކޮބައިތޯ ބަލައި އެކަން ހާމަކޮށްލަން ގަސްތު ކުރީއެވެ.
އެކަމަށްޓަކައި ފުރަތަމަ ބަލަންޖެހެނީ ފަލަކުގައި ހަނދު ހުރިތަނެވެ. އެގޮތުން ބަލައިލިއިރު ޒުލްގައިދު މަހުގައި ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރުގައި މި މޭ މަހުގެ 27 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 08:00 ގައި ހަނދު ހުންނާނީ ރޯނު ނަކަތުގައެވެ. އަދި އެނަކަތް ހިމެނޭ ޖައުޒާ ބުރުޖުގެ ހަ ދަރަޖައިގައެވެ. އެއީ އެދުވަހުގެ އެ ވަގުތުގައި އިރުވެސް ހުންނަ ފަލަކީ ޕޮޒިޝަނެވެ. އެއީ، ޙައްޖުމަސް ފެށުމުގައި އިރާއި ހަނދު އެއްއުއިވާ ފަލަކީ ތަންވެސް މެއެވެ.
އެދުވަހު އިރާއި ހަނދު އެއްއުއިވާ ވަގުތަކީ، އިރާއި ހަނދު ދުނިޔެއާ ހުންނަ ކައިރި ދުރުމިނުގެ ނިސްބަތުން ދުނިޔެއަށް އެދޭތި ފެންނާން ހުންނާނެ ސައިޒު މިންކުރާ ހަމަތަކުގެ މަތީން ބަލާއިރު އިރަށް ވުރެން 8 ދަގީގު ހަނދުގެ ސައިޒު ބޮޑު ދުވަހަކަށްވާތީ
އެދުވަހު މާލޭގަޑިން ހެނދުނު 08:00 ގައި އެއްއުއިވާ ވަގުތުވެސް ހަނދުގެ އިރުމަތީފަރާތް ހުންނާނީ އިރުގެ އިރުމަތީ ފަރާތަށްވުރެ އިރުމައްޗަށް ޖެހިފައިކަން ފަލަކީ ހިސާބުން އެނގޭން އޮވެއެވެ. އެހެންކަމަށްވާތީ، އެވަގުތުން ފެށިގެން ހަނދު ޙައްޖުމަހުގެ ވަގުތުތަައް ގުނާން ފަށާކަމަށް ފަލަކީ އަޞްލުތަަކުން ބަލާން ޖެެހެއެވެ.
އޭގެ އިތުރުން އެދުވަހު ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް އިރު އޮއްސޭ ވަގުތަކީ އެތާނގެ ގަޑިން ހަވީރު 6 ގަޑި 57 މިނެޓު 31 ސިކުންތު ކަމަށްވެފައި، މައްކާއަށް އެދުވަހު ހަނދު އޮއްސޭ ވަގުތަކީ ހަވީރު 7 ގަޑި 35 މިނެޓް 49 ސިކުންތުގައި ކަންވެސް ފަލަކީގޮތުން އެނގޭން އޮންނާތީ، މައްކާއަށް އެދުވަހު ހަނދު އޮއްސޭނީ އިރަށް ވުރެ 38 މިނެޓު ފަހުންކަން އެއްވެސް ޝައްކެއް ނެތި ޔަޤީނަށް އެނގޭން އޮވެއެވެ.
އެހެންވީމާ، މި މޭ މަހުގެ 27 ވަނަ ދުވަހުގެރޭ މައްކާއަށް ހަނދު ފެންމަތިވެ، ހަނދު ފެންނާނެތީ، މި މޭ މަހުގެ 28 ވަނަ ދުވަހަކީ މައްކާއަށް މި ހިޖްރީ އަހަރުގެ ޙައްޖުމަހުގެ 1 ވަނަ ދުވަހަށް ވާނެކަމާމެދަކު އެއްވެސް ޝައްކެއް ޚިލާފެއް ނެތެވެ.
ރާއްޖޭގައި ހަނދުލައްވާ އުޞޫލަށް ބަލާއިރު އިސްލާމީ ގައުމަކަށް އެރެއެއްގައި ހަނދު ފެންމަތިވާނޭކަން ފަލަކީ ހިސާބަށް ކަށަވަރުވެ އެނގޭ ގައުމަކަށް ހަނދު ފެންމަތިވެގެން ނުވަތަ ހަނދު ފެނިގެން ހަނދު ލެއްވިކަން ސާބިތު ވެއްޖެނަމަ، ރާއްޖޭން އެ ގޮތަށް ތަބާވާގޮތަށް ހަނދު ލެއްވުމުގެ އުޞޫލު އޮތުމުން، ރާއްޖެއަށްވެސް ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ މި މޭ މަހުގެ 28 ވަނަ ދުވަސް ކަމަށްވާ ބުދަ ދުވަސް ކަމާ މެދަކު ޚިލާފުކަމެއް ނެތެވެ.
