Support Us

ރޮބޮޓްތައް ބައިވެރިވި ޗައިނާގެ ހާފް މެރަތަން ކާމިޔާބުކުރީ އިންސާނުން

ޗައިނާގައި އަލަށް ހާފް މެރަތަންގައި ރޮބޮޓްތަކެއް ބައިވެރިވިޔަސް، ރޭސް ކާމިޔާބުކުރީ އިންސާނުންނެވެ.

ވެރިރަށް ބީޖިންގައި ހޮނިހިރު ދުވަހު ބޭއްވި ޔިޒްހުއަންގްގެ 13 މޭލުގެ މެރަތަންގައި އެތައް ހާސް އިންސާނުންނާ 21 ރޮބޮޓް ވާދަކުރިއެވެ.

ފުރަތަމަ ފިޔަވަޅާ އެކުވެސް އެއް ރޮބޮޓް ވަނީ ވެއްޓިފައެވެ. ދެން އެތައް މިނެޓެއް ވަންދެން އަލުން ތެދުވެފައި ދުވަން ފެށިއެވެ.

އެހެން ރޮބޮޓެއް ޕާޓިޝަނެއްގައި ޖެހިފައި ވެއްޓުނެވެ. އަދި އޭއްޗަށް އެހީވަމުން އައި މީހާ ވެސް އެއާއެކު ވެއްޓުނެވެ.

ބައެއް ރޮބޮޓުތައް މެރެތަން ނިންމައިލިއެވެ. ނަމަވެސް އިންސާނުންނަށްވުރެ މާ ފަހުންނެވެ.

ބީޖިން އިނޮވޭޝަން ސެންޓާ އޮފް ހިއުމަން ރޮބޮޓިކްސްއިން އުފެއްދި "ޓިއަންގޮންގް އަލްޓްރާ" ނަމަކަށް ކިޔާ ރޮބޮޓް ރޭސް ނިންމައިލީ ދެ ގަޑިއިރާއި 40 މިނެޓުންނެވެ. މެރަތަން ނިންމައިލި ފިރިހެންމީހާ ވަނީ އެ ރޮބޮޓަށްވުރެ އެއް ގަޑިއިރު ކުރިން ރޭސް ނިންމައިލައިފައެވެ.

"އާއްމު ގޮތެއްގައި ބަލާ ނަމަ ރޮބޮޓްތަކެއް ރޭސް ޖަހާ މަންޒަރު ފެނުމަކީ ޝައުގުވެރިކަމެއް. ނަމަވެސް ފައިދާ ހުރި މަސައްކަތެއް ކުރެވޭ ކަހަލަ ގާބިލުކަމެއް ނުވަތަ އަސާސީ ވިސްނުންތެރިކަމެއް މި ރޮބޮޓްތަކުން ނުފެނޭ،" އޯރެގަން ސްޓޭޓް ޔުނިވާސިޓީގެ ރޮބޮޓް ޓެކްނޮލޮޖީއާ ބެހޭ ޕްރޮފެސަރު އެލަން ފާން ބުންޏެވެ.

"ރޮބޮޓްތައް ދުވީ ރަނގަޅަށް. އަހަރެންނަށް އިހުސާސްކުރެވުނީ ރޮބޮޓާއި އޭ.އައި ޓެކްނޮލޮޖީއަށް އިންގިލާބެއް އައިހެން،" މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އިންޖިނިއަރިން ހަދާ ޗައިނާ މީހެއް ކަމަށްވާ ހީ ސިޝޫ ބުންޏެވެ.

ރޭހުގައި ބައިވެރިވި ނަމަވެސް ރޮބޮޓްތައް އަމަލު ކުރަމުން އައީ އަމިއްލަ ހާލައިގެން އުޅޭ އެތުލީޓުންގެ ގޮތުގައެއް ނޫނެވެ. ކޮންމެ ރޮބޮޓަކަށް އެހީވާން އިންޖިނިއަރުންގެ ޓީމެއް އުޅުނެވެ. ބައެއް ރޮބޮޓްތައް ކޮޅަށް ހުންނަން ވެސް އެހީތެރިކަން ބޭނުންވިއެވެ.

ޑްރޮއިޑް.ވީ.ޕީ އަދި ނޮއެޓިކްސް ރޮބޮޓިކްސް ފަދަ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ހުރިހާ ސައިޒެއްގެ އަދި ހުރިހާ ބައްޓަމެއްގެ ރޮބޮޓުތައް ބައިވެރިކޮށްފައެވެ. ބައެއް ރޮބޮޓްތައް ތިބީ ބޮކްސިން އަންގި އަތަށް ލައްވައި، ބޮލުގައި ހެޑްބޭންޑް އޮޅައި އަދި ބޫޓަށް ވެސް އަރައިގެންނެވެ.

އޮފިޝަލުން މި މެރަތަން ސިފަކުރީ މީހުން ބައިވެރިވާ އާދައިގެ ރޭހެއްގެ ބަދަލުގައި މޮޓަރު ކުޅިވަރެއްގެ ގޮތުގައެވެ.

ޓިއަންގޮންގް ލެބޯޓްރީގެ ސީ.ޓީ.އޯ ޓެންގް ޖިއަން ބުނީ ރޮބޮޓްތަކުގެ މިސްރާބު މީގެ ފަހުން ބަދަލުކުރާނީ ދުނިޔަވީ މަސައްކަތްތަކާ ދިމާއަށް ކަމަށެވެ.

"އެކިއެކި ސިނާއަތްތަކުގައި ބޭނުންކުރަން ފަށާނީ. އެއިރުން ފެކްޓްރީތަކާއި ވިޔަފާރިތަކާއި އަދި އެންމެ ފަހުން ގޭގޭގައި ވެސް މަސައްކަތް ކުރުވޭނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *