ޓްވިޓާގެ ނަމުން މަޝްހޫރުވި ސޯޝަލް މީޑިއާ ޕްލެޓްފޯމް އީލޯން މަސްކު ގަތުމަށްފަހު އެކްސްގެ ނަމަށް ބަދަލުކޮށް، އޭނާ އަލުން އެ ކުންފުނި އޭނާގެ އަމިއްލަ ކުންފުންޏަކަށް ވިއްކައިލައިފިއެވެ.
އެކްސް ވިއްކީ މަސްކުގެ އޭ.އައި (މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް) ކުންފުނި ކަމަށްވާ އެކްސް.އޭ.އައި އަށެވެ.
"އެކްސް.އޭ.އައިއަށް މަސްކު އެކްސް ވިއްކީ 'އޯލް-ސްޓޮކް' ޑީލެއްގެ ދަށުން،" ދައްކަން ކްރޮނިކަލުން ރިޕޯޓުކުރިއެވެ. މާނައަކީ ފައިސާގެ ބަދަލުގައި އެކްސް.އޭ.އައިއިން އެކްސް ގަތީ މުޅިން ވެސް އެކްސް.އޭ.އައިގެ ސްޓޮކްތަކެއް ނުވަތަ ހިއްސާތަކެއް ދީފައެވެ.
މިއީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އަދި މިހާރު އެމެރިކާގެ ސަރުކާރު ހިންގުމުގެ ދާއިރާ ބަލަހައްޓާ ވަޒީރު ކަމަށްވާ މަސްކުގެ އަމިއްލަ ދެ ކުންފުނި ކަމަށްވާތީ މި ވިޔަފާރީގެ މުއާމަލާތުގެ އަގު އޭނާއަށް ހާމަކުރާކަށް ނުޖެހުނެވެ. ނަމަވެސް ރިޕޯޓު ކުރެވިފައިވާ ގޮތުގައި މި މުއާމަލާތުގެ ދަށުން އެކްސް އަގުކުރެވިފައިވަނީ 33 ބިލިއަން ޑޮލަރު (508 ބިލިއަން ރުފިޔާ)ގެ އަގުހުރި ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެކްސް.އޭ.އައިގެ އަގަކީ 80 ބިލިއަން ޑޮލަރު (1،232 ބިލިއަން ރުފިޔާ)އެވެ.
މިލްކިއްޔާތަށް ފުރަތަމަ ފަހަރަށް 400 ބިލިއަން ޑޮލަރު (6،160 ބިލިއަން ރުފިޔާ) ލިބުނު މީހާ ކަމަށްވާ މަސްކު ބުނީ މި ޑީލް ހެދުމުގެ ބޭނުމަކީ އެކްސްގެ 600 މިލިއަން މެންބަރުންގެ މައުލޫމާތު ބޭނުންކޮށްގެން އެކްސް.އޭ.އައިގެ އޭ.އައި ގާބިލިއްޔަތު އިތުރުކުރުމެވެ.
"އަމާޒަކީ އެކްސްގެ މެންބަރުންނަށް މިހާރަށްވުރެ ވިސްނުންތެރި އަދި މާނަފުން ތަޖުރިބާތަކަކަށް މަގުފަހިކޮށްދިނުން،" މަސްކު ބުންޏެވެ.
އެކްސް.އޭ.އައިގެ އޭ.އައި މޮޑެލްތަކާއި ޓެކްނޮލޮޖީ ތަރައްގީ ކުރަން އެކްސް.އޭ.އައިއިން މިހާރު ވެސް އެކްސްގެ މައުލޫމާތުތައް ބޭނުންކުރެއެވެ. އެ ގޮތުން އެކްސް.އޭ.އައިގެ ޗެޓްބޮޓް ކަމަށްވާ ގްރޮކް މިހާރު ވެސް ވަނީ އެކްސްގައި ހިމަނައިފައެވެ.
އެހެންކަމުން މި ޑީލަކީ މަސްކު އޭނާގެ ސޯޝަލް މީޑިއާ ވިޔަފާރި އާއި އޭ.އައި ވިޔަފާރި އެއްކޮށްލުމަށް އެޅި ފިޔަވަޅެކެވެ.



advertisment