މި ދިޔަ އަހަރު ޖޫން މަހު އެންމެ ހަފުތާއަކަށް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން އައި.އެސް.އެސްއަށް ގޮސް އެ ތާނގައި ތާށިވެ އެންމެ ފަހުން އަންގާރަ ދުވަހު އެނބުރި ދުނިޔެއަށް އާދެވުނުއިރު އަންހެން އެސްޓްރޮނޯޓެއް ކަމަށްވާ ސުނީތާ ވިލިއަމްސްގެ ހާލު ދެރަކަމަށް ޑޮކްޓަރުން ބުނެފިއެވެ.
ސުނީތާ އާއި ބަޗް ވިލްމޯރް އައި.އެސް.އެސްގައި ނުވަ މަސް ވަންދެން މަޑުކުރަން ޖެހުނީ އެ ދެ މީހުން އެ ޖައްވީ ސްޓޭޝަނަށް ގެންދިޔަ ބޮއިންގް ކުންފުނީގެ ސްޓާލައިނާ އުޅަނދުގައި ޓެކްނިކަލް މައްސަލަތަކެއް ޖެހިގެންނެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބޮއިންގަށް އެންގީ ސުނީތާ އާއި ބަޗް އައި.އެސް.އެސްގައި ބައިތިއްބައިފައި ސްޓައިލާ އެނބުރި ދުނިޔެއަށް ގެނައުމަށެވެ.
ސުނީތާ އާއި ބަޗް އަނބުރާ ދުނިޔެއަށް ގެނައީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެރިކާގެ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައިފައިވާ ވުޒާރާގެ ވަޒީރު އީލޯން މަސްކުގެ ސްޕޭސް-އެކްސް ކުންފުނީގެ އުޅަނދު ކްރޫ-9 ގައެވެ.
ސުނީތާ އާއި ބަޗް ބާލަން ޖެހުނީ ސްޓްރެޗަރުގައެވެ. އަދި ގްރެވިޓީ ނުވަތަ ދަމާބާރު ނެތް ޖައްވުގައި އެހާ ގިނަ ދުވަހު އުޅެފައިވާތީ ކޮޅަށް ހުރެ އަލުން ހިނގަން ފެށުމަށް ގަޑިއެއްހާއިރު ނެގިއެވެ.

މީގެ އިތުރުން ސުނީތާގެ އިސްތަށިގަނޑު ވަނީ ވަރަށް ބޮޑަށް ނުރަވެފައެވެ. އަދި ވައަތު އަތުކުރީގައި އައި.ވީއެއް ގުޅައިފައި ހުރި މަންޒަރު ވަނީ ކެމެރާތަކަށް އަރައިފައެވެ. އަތުކުރި ވަރަށް ހިމަކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ. މިއީ މަސްލް އެޓްރޮފީ ނުވަތަ ޒާތަކަށް ހަށިގަނޑުގެ މަސްތައް ވިރުމެވެ.
މީގެ އިތުރުން ބޯން ޑެންސިޓީ ނުވަތަ ކަށިތަކުގެ ބުރަދަން މަދުވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. އަދި އުމުރުން 59 އަހަރުގެ އެންހެނަކަށް ވާތީ މެނޮޕޯސް އުމުރު ފަހަނަޅާ ގޮސްފައިވާތީ ކަށި ފީވުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާތީ ސުނީތާގެ ކަށިތައް ބިނދުމުގެ ފުރުސަތު އޮތުމުން ހިނގަން ޖެހުނީ ވަރަށް ބަލައިގެންނެވެ.

"ޖައްވުގައި ދުނިޔޭގެ ބިމުގައި ހުންނަ ވަރުގެ ދަމާބާރު ނެތުމުން ކާބޯތަކެތި ހަޖަމު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. މިހެންވެ ސުނީތާ އާއި ބަޗަށް މި ވަގުތު ކެއުން އެންމެ އައުލާކަން ބޮޑީ މަހާއި ކިރު ހުންނަ ތަކެތީގެ ބާވަތްތައް،" ޑޮކްޓަރަކު ބުންޏެވެ.
ކަން މިހެން ހުއްޓަސް، ޑޮކްޓަރުން ބުނީ ސުނީތާ އާއި ބަޗްގެ ސިއްހަތު އެއް އަހަރު ދުވަހުގެ ތެރޭގައި ހަމައަކަށް އެޅޭނެ ކަމަށެވެ.

އައި.އެސް.އެސްގައި ސުނީތާއަށާއި ބަޗަށް ކަސްރަތު ކުރާނެ މާބޮޑު ފުރުސަތުތަކެއް ނެތެވެ. ނަމަވެސް ހިނގަން ޓްރެޑްމިލް އާއްމު ގޮތެއްގައި ބޭނުންކުރިއެވެ.
ނަފުސާނީ އިލްމްވެރިން ބުނީ ދެ މީހުންގެ ސިއްހަތު އެންމެ ބޮޑަށް ދަށަށް ދިޔައީ ދުނިޔެއަށް ސަލާމަތުން އެނބުރި އާދެވުމުގެ އުއްމީދު ކެނޑުމުން ކަމަށެވެ.

"މީގެ އިތުރުން ދުނިޔެއަށް އެނބުރި އާދެވޭނެކަމުގެ އުއްމީދު އެބައޮތްކަން ދައްކަން މަސައްކަތް ކުރުމުން އަމިއްލަ ނަފުސަށް އެ އޮޅުވައިލެވޭ އޮޅުވައިލެވުމަކީ ވެސް ސިއްހީ ހާލަތު ދަށަށް ދާނެ ކަމެއް،" ނަފުސާނީ އިލްމްވެރިޔަކު ސުނީތާ އާއި ބަޗްއާ ބެހޭ ގޮތުން ބުންޏެވެ.
ސުނީތާ އާއި ބަޗަށް އެ ދެ މީހުންގެ އާއިލާއާ ބައްދަލު ކުރުމަށް ފުރުސަތު ދިނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންތައްތައް 24 ގަޑި އިރު ބެލުމަށް ފަހުއެވެ.

ސުނީތާ އާއި އުމުރުން 62 އަހަރުގެ ބަޗް އައި.އެސް.އެސްއިން ފުރައިގެން 17 ގަޑިއިރަށް ދެމިގެންދިޔަ ދަތުރުގައި ދުނިޔެއަށް އެނބުރި އައި ކެޕްސޫލް ކަމަށްވާ ކްރޫ-9 އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އައްސޭރިފަށަށް އެޓްލާންޓިކް ކަނޑަށް ތިރި ކުރި އިރު އެ ހިސާބަށް ކޯމަސް އައުމުން އެ ކަން ވީ އެ މަންޒަރުތައް ނާސާގެ ލައިވްސްޓްރީމުން ބެލި އެތައް ބަޔަކަށް ޝައުގުވެރި ކަމަކަށެވެ.
ދެ އެސްޓްރޮނޯޓުން ގެނައުމަށް ނާސާއިން ސްޕޭސް-އެކްސްއާ ހަވާލު ކުރުމުން މަސްކް ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފައެވެ.
މި މައްސަލަ ޓްރަމްޕް ނަންގަވައިފައިވަނީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. އެ ގޮތުން އޭނާ ތުހުމަތު ކުރެއްވީ ސުނީތާ އާއި ބަޗް ޖައްވުގައި ތާށިވާން ކުރީގެ ރައީސް ޖޯ ބައިޑެން ދޫކޮށްލެއްވީ ކަމަށެވެ.



advertisment