Support Us

ތަސްވީރެއްގެ ވާހަކަ

އޭ! ލޯބިވާ ޤައުމާއެވެ. އުފާ ނުވޭހެއްޔެވެ. މި މަންޒަރު ފެނިފައި ހިތާއި ރޫޙަށް ހަމަޖެހުން ނުލިބޭ ހެއްޔެވެ؟ ނަފުސާއި ޒަމީރަށް ދިރުމެއް ނުލިބޭ ހެއްޔެވެ؟ މިނިވަންކަމާއި ސިޔާދަތަށް އާ ހިތްވަރަކާއި ޖޯޝެއް ގެނެސްނުދޭ ހެއްޔެވެ؟

އޭ! ލޯބިވާ ދިވެހީންނެވެ. ޝަހީދުންގެ ޒިކުރާ އާކުރާ ދޫތަކާއެވެ. އެ ޢަޒުމާއި ހިތްވަރު އުފުލާ ހިތްތަކާއެވެ. އެ ޝަހީދުންގެ ލޭފޮދުން ދުނިޔެ ދެކޭ ލޯތަކާއެވެ. މި މަންޒަރުން ޤައުމީ ލޯބި ކަޝްފު ނުވޭހެއްޔެވެ؟

އޭ! ލޯބިވާ ޝަހީދުންނެވެ. މި ފަސްގަނޑަށް ޓަކައި ފިދާވި ފުރާނަތަކާއެވެ. ސުވަރުގޭގައި ދިރިބިތި ރޫޙުތަކާއެވެ. ތިޔަ ވީ މަތިވެރި ޤުރުބާނީގެ ވިންދު އަދިވެސް މި ޤައުމުގައި އެބަޖަހައެވެ. އެ އަޑު އެބަ އިވެއެވެ. ތިޔައީ މަރުވެފައިވާ ބައެއް ނޫންކަން ޔަގީނެވެ. މި ތަސްވީރު ބުނަނީ އެހެން ނޫންހެއްޔެވެ؟

އޭ! ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. ވިހި އަހަރުގެ ނޫކަށި ފުރައިގެ ޒުވާނާއެވެ. ސިފައިންގެ ކުޅަދާނަ ފަހުލަވާނާއެވެ. އަސްކަރީ ރޫޙާއި ޖޯޝުގެ ނަމޫނާ ޝަޚުޞިއްޔަތާއެވެ. ދުޝްމަނުންގެ ކިބައިން މުޅި ޤައުމު ސަލާމަތްކޮށްދިނުމަށް ފުރާނައިން ފިދާވި ހިތްވަރުގަދަ ދިވެހި ދަރިޔާއެވެ. ތިޔަ ހިތްވަރާއި ފަންވަރު ތިބާ ހޯދީ ކިހިނެތް ހެއްޔެވެ؟ އަސްކަރީ އަޚުލާޤުގެ ކުރިބޯށި ތިބާ ހާސިލުކުރީ ކޮން ތާކުން ހެއްޔެވެ؟ ޤައުމީ ލޯބީގައި ތިޔަ ފަދަ ނަމޫނާ ޝަޚުޞިއްޔަތަކަށް ތިބާވީ ކޮން ފަދަ އަގުމާތް ތަރުބިއްޔަތަކުން ހެއްޔެވެ؟

އޭ! ލޯބިވާ ކޮއްކޮމެންނޭވެއެވެ. ތިޔަ ކުދީން ތިޔަ ބަޔާންކޮށްދިނީ ހުރިހާ ދިވެހީންގެ ޝުޢޫރެވެ. ތިޔަ ކުދީން ތިޔަ ކިޔައިދިނީ ހުރިހާ އުމުރެއްގެ، ހުރިހާ ގިންތިއެއްގެ ދިވެހީން ވާހަކައެވެ. ތިޔަ ކުދީންނަށް މި ޤައުމު ޝުކުރުވެރި ނުވޭ ހެއްޔެވެ؟

އޭ! މި ތަސްވީރު ކުރަހާލި ޒުވާނާއެވެ. މި ވާހަކަ ތިބާގެ ކައިރީގައި ބުނީ ކާކުހެއްޔެވެ؟ މި ހިނދުކޮޅު އަތުލައިގަތީ ކޮން ވިސްނުމަކުން ހެއްޔެވެ؟ މިހާާ މާނަފުން ތަސްވީރަކަށް ތިޔަ ސިކުނޑީގެ ފަރުދާ ހިއްލާލީ ޤައުމީ ލޯތްބާއި ޤައުމީ ރޫޙުން ތޯއެވެ؟

މިއީ، 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފަންނުވެހީގައި ބޭއްވި ސިފައިންގެ މައުރަޒުގެ ތަސްވީރެކެވެ. ފެންނަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ފޮޓޯއަކަށް ކުޑަކުދީންތަކެއް ކުރުނީސްކޮށްގެން ތިއްބައެވެ. ނޮވެންބަރު ތިނެއްގެ ހާދިސާ ދައްކައިދިން މި މައުރަޒަށް 11 ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *