Support Us

ޙަޤީޤީ ޓެރަރިސްޓުންނަކީ މިއީ

ހުޅަނގުގެ ކިޔަވާ ކުއްޖަކު ބުންޏެވެ. އަހަރެމެން މިއޮތްހާ ދުވަހު މިތިބީ ހާދަ ވަރުގަދަ ނިންޖަކުން ނިންދަވައިފައެވެ. އަހަރެމެން ހޭލައްވާވީ ފަލަސްތީނެވެ. އެތަނުގެ ކެތްތެރި، އީމާންތެރި މުސްލިމު ރައްޔިތުންނެވެ.

އަހަރެމެން ހީކޮށްގެން ތިބީއެއް ނޫނެވެ. އަހަރެމެން ތިބީ ލޮލުންބޮލުން ގަބޫލުކޮށް ސިކުނޑީގައި ބިންވަޅު ނަގައިގެންނެވެ. ހުޅަނގުން ދައްކާ ކޮންމެ ބަޔަކީ އަހަރެމެންނަށް ޓެރަރިސްޓުންނެވެ. ޢަރަބިންނާއި މުސްލިމުން ދެކެ އަހަރެމެން ގަތްފައިވަނީ އަމަށަކު ބިރެއް ނޫނެވެ. އޭގެ ނަތީޖާއަކީ ކޮންމެ މުސްލިމަކީ ޓެރަރިސްޓެކޭ ހީވާ ހިސާބަށް އަހަރެމެންގެ ޣާފިލުކަން ދަތުރުކުރުމެވެ. އަހަރެމެން ތިބީ އެ ބިރުވެރިކަމުގެ ތެރެއަށް ގަންބައި ޣަރަޤުކޮށްފައެވެ. އަހަރެމެންނަށް ފެންނަނީ ހުޅަނގުގެ ޤައުމުތަކުން ހަދާފައިވާ ޓެރަރިސްޓު ޖަމާޢަތްތަކުގެ ލިސްޓެވެ. އެ ލިސްޓުގައި ގިނައީ އިސްލާމީ ޖަމާއަތްތަކެވެ. ޙަޤީޤަތުގައި އޭގެ ގިނަ ޖަމާޢަތްތަކަކީ އަމިއްލަ ޤައުމު، ބޭރުގެ އިސްތިޢުމާރީ އަނިޔާވެރި ވަކިތަކުން ސަލާމަތްކުރުމަށް ޓަކައި ތެދުވެފައިވާ ޖަމާއަތްތަކެކެވެ.

ފަލަސްތީނުގެ އަމިއްލަ ބިމަށް އަރައިގެންފައިވާ އަނިޔާވެރީން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އެތައް ބަޔަކު އެމީހުންގެ ބިމުން ނެރެ ފަހާލައިފައެވެ. އެބައިމީހުންގެ މިނިވަންކަމުގެ ޙައްޤުގައި ތެދުވި ކޮންމެ ލީޑަރެއް ވަނީ ޝަހީދުކޮށްލާފައެވެ. އަނިޔާވެރި ޒަޔަނިސްޓުންގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ ޝަހީދުވެ ދިޔަ މީހުންގެ އަދަދެއް ހިސާބެއް ނޭނގެއެވެ. މި އަނިޔާވެރިކަން އެތައްޖީލެއް ތަޖުރިބާކުރިއިރު ވެސް، ދުނިޔެއަކަށް މި މަންޒަރެއް ނުފެނެއެވެ. ހުޅަނގުން ވަނީ ދުނިޔޭގެ ލޯ ކަނުކޮށް، ކަންފަތް ބީރުކޮށްފައެވެ.

އަހަރެމެންގެ ކުރިމަތީގައި ހުރި ބޯފަރުދާ ދަމާ ވައްޓާލީ ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ކިޔާ ޖަމާޢަތަކުންނެވެ. އެންމެ ފުރަތަމަ މަންޒަރު ސާފެއް ނޫނެވެ. ނަމަވެސް ފަލަސްތީނުގެ ބިމާ ހަމަވަމުންދިޔަ އިމާރާތްތަކާއި ލެއާ ތަތްތެޅެމުން ދިޔަ ޣައްޒާގެ ބިމުން މަންޒަރު ސާފުވާން ފެށިއެވެ. ކުށެއްނެތް މައުސޫމު ތުއްތުތުއްތު ކުދީންގެ ފުނިޖެހެމުން ދިޔަ ގަބުރުތައް އަހަރެމެންގެ ދެ ލޯ ފޮހެދޭން ފެށިއެވެ. ޙަޤީޤީ ޓެރަރިސްޓުން ދައްކައިދޭން ފެށިއެވެ.

މިއަދު މުޅި ދުނިޔެއަށް ޙަޤީޤީ ޓެރަރިސްޓުން ބޭޒާރުވެއްޖެއެވެ. ޓެރަރިސްޓުންނާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކިބަޅި ފަރާތް ކަޝްފުވެއްޖެއެވެ. އަހަރެންނަށް މިހާރު ބުނަން ކެރިދާނެއެވެ. ޒަޔަނިސްޓް އިޒްރޭލުގެ ވެރީންނަށް އެތިބީ ރަތްލާޖެހި ޓެރަރިސްޓުންނެވެ. އެއީ ކުށެއްނެތް އެތައް ހާސް ބައެއްގެ ލޭ އޮހޮރުވާލައި ނަސްލެއް ނައްތާލަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ޖައްބާރު އަނިޔާވެރި ބައެކެވެ. އަދި އެބައި މީހުންނަށް ސިއްރާއި ފާޅުގައި އެހީތެރިވާ މަދަދުގާރުން ނަކީ ވެސް ޓެރަރިސްޓުންނެވެ. ޙަޤީޤީ ޓެރަރިސްޓުންނަކީ އެއީ އެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *