Support Us

ލޮސް އެންޖަލިސްގެ އަނދައިހުލިވެފައިވާ ސަރަހައްދެއް

އަންނަ ހަފުތާ ލޮސް އެންޖަލިސްއަށް އާދަޔާ ހިލާފަށް ނުރައްކާ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީއަށް އަންނަ ހަފުތާއަކީ އާދަޔާ ހިލާފަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށް މޫސުން ލަފާކުރާ ނެޝަނަލް ވެދާ ސާވިސް އިދާރާއިން އިންޒާރުދީފިއެވެ.

މިހާތަނަށް 29 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާ އަލިފާންގަނޑު އަދިވެސް ފެތުރެމުންދާއިރު އެ އިދާރާއިން ބުނީ މާދަމާ ހިއުމިޑިޓީ ނުވަތަ ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ހުންނާނީ 15 ޕަސެންޓްގައި ކަމަށާއި ގަޑިއަކު 25 މޭލަށްވުރެ ބާރަށް ވައިޖެހޭނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ގަޑިއަކު 100 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

"ދެކުނު ކެލިފޯނިއާ މަތީގައި ލޯ ޕްރެޝަރު ސިސްޓަމެއް އުފެދޭނެ ކަމަށް މޫސުން ލަފާކުރެވޭ. މި ކަމުގެ ސަބަބުން ހޮނިހިރު އަދި އާދީއްތަ ދުވަހު ވާރޭ ވެހޭނެ ކަމަށް ބެލެވޭ. ނަތީޖާއެއްގެ ގޮތުން ފެންބޮޑުވުމާއި ކިސަޑު ފޭބުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ލޮސް އެންޖަލިސްއަށް ވަޑައިގަތުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެއްވެސް ޝަރުތެއް ނެތި ލޮސް އެންޖަލިސްއަށް ބޭނުންވާ ހުރިހާ އެހީއެއް ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ވިދާޅުވުން ރޭ އަނބުރާ ގެންދެވުމަށް ފަހު ވިދާޅުވީ އެހީ ދެއްވާނީ އުތުރު ކެލިފޯނިއާގައި މަސް ހިމާޔަތް ކުރަން ބޭނުންކުރާ ފެން ލޮސް އެންޖަލިސްގެ އަލިފާން ނިއްވުމަށް ބޭނުން ކުރަން ކެލިފޯނިއާގެ ސްޓޭޓް ސަރުކާރުން ނިންމުމުން ކަމަށެވެ.

"ލޮސް އެންޖަލިސްއަށް ފެން ލިބޭނެ ގޮތް ހެދުމުން ނޫނީ ކެލިފޯނިއާއަށް އެއްވެސް އެހީއެއް ދޭން އަޅުގަނޑަކަށް ނުފެނޭ،" ފޮކްސް ނިއުސްއަށް ޓްރަމްޕް ވިދާޅުވިއެވެ.

ލޮސް އެންޖަލިސްއަށް ލިބިފައިވާ ގެއްލުން 385 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް އެ ސަހަރުން ލަފާކޮށް އިއްޔެ ރިޕޯޓެއް ނެރުނެވެ. މީގެ ތެރެއިން 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ)އަކީ ސަހަރުގެ އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުން ކަމަށް އަންދާޒާކޮށްފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބަން އިއްޔެ ވަނީ ހަލިމަގެއް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ސްނޯ ފޭބުމުގެ ސަބަބުން އެހެން ހަލިމަގެއް ވެސް ބަންދުކުރިއެވެ. ކޭ.އޭ.ބީ.ސީ ޓީވީ ސްޓޭޝަނުން ދެއްކި މަންޒަރުތަކުގައި ފެންނަނީ ކިސަޑުގައި ގެނބިފައިވާ ކާރު ފަދަ އުޅަނދު ނެގޭތޯ މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

ސެންޓާ މޮނިކާ ފަރުބަދަމަތީގައި ކިސަޑު ފައިބައި، "ފްލޭޝް ފްލަޑް" ނުވަތަ ކޯރެއްހެން ދެމިގެންދާ ފެންބޮޑުވުމުގެ ސަބަބުން ގިނަ މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި މަހު ހަތެއްގައި ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ. އެތައް މަހެއް ފަހުން މިހާރު ވާރޭ ވެހެން ފަށައިފައިވާތީ ލޮސް އެންޖަލިސްގެ ރަށްވެހިން އުފާ ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުންޏެވެ. އެއީ ލޮސް އެންޖަލިސްގެ އަވަށްތަކުން އަލިފާން ނިވެން ފަށައިފައިވާތީއެވެ.

ލޮސް އެންޖަލިސް އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މާދަމާ އޮންނާނެއެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *