Support Us

އަލިފާނުގައި ސުންނާފަތިވި ލޮސް އެންޖަލިސްގެ ސަރަހައްދެއްގައި މީހަކު ހިނގައިފައި ދަނީ

ލޮސް އެންޖަލިސްގެ ތޫފާނުގައި މާދަމާ ކިސަޑު ފެތުރޭނެކަމުގެ އިންޒާރު

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށް މިހާރު އައިސްފައިވާ ތޫފާނުގައި ކުރަމުންދާ ވިއްސާރަ އާއި ފައިބަމުން ދާ ސްނޯގެ ސަބަބުން މާދަމާ ލޮސް އެންޖަލިސް ސިޓީގައި ކިސަޑު ފެތުރޭނެކަމުގެ އިންޒާރު ދީފިއެވެ.

ސަހަރުގެ އޮފިޝަލުން މިއަދު ބުނީ މަރުވެފައިވާ އިތުރު އެކަކު މިހާރު ފެނިފައިވާތީ މަރުވި މީހުންގެ އަދަދު 29 އަށް އަރައިފައިވާ ކަމަށެވެ. އަދި ގެއްލިގެން ހޯދާ 22 މީހުންގެ ހަބަރެއް ނުވާ ކަމަށެވެ.

"އަލިފާން ހިފި ސަރަހައްދުތަކުގައި މިހާރު ކިސަޑު ފެތުރޭނެ ކަމަށް ބެލެވޭ. އެހެންކަމުން މަސްރަހު އެންމެ ނުރައްކާތެރި ހިސާބަށް ގޮސްދާނެ ކަމަށް ބަލަންޖެހޭނީ،" އޮފިޝަލަކު ބުންޏެވެ.

މޫސުން ލަފާ ކުރާ ނެޝަނަލް ވެދާ ސާވިސްގެ މީޓިއޮރޮލޮޖިސްޓް ކެރޮލް ސްމިތު ބުނީ ވާރޭ ވެހުން މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބަން އިއްޔެ ވަނީ ހަލިމަގެއް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ސްނޯ ފޭބުމުގެ ސަބަބުން އެހެން ހަލިމަގެއް ވެސް ބަންދުކުރިއެވެ. ކޭ.އޭ.ބީ.ސީ ޓީވީ ސްޓޭޝަނުން ދެއްކި މަންޒަރުތަކުގައި ފެންނަނީ ކިސަޑުގައި ގެނބިފައިވާ ކާރު ފަދަ އުޅަނދު ނެގޭތޯ މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

ސެންޓާ މޮނިކާ ފަރުބަދަމަތީގައި ކިސަޑު ފައިބައި، "ފްލޭޝް ފްލަޑް" ނުވަތަ ކޯރެއްހެން ދެމިގެންދާ ފެންބޮޑުވުމުގެ ސަބަބުން ގިނަ މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި މަހު ހަތެއްގައި ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ. އެތައް މަހެއް ފަހުން މިހާރު ވާރޭ ވެހެން ފަށައިފައިވާތީ ލޮސް އެންޖަލިސްގެ ރަށްވެހިން އުފާ ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުންޏެވެ. އެއީ ލޮސް އެންޖަލިސްގެ އަވަށްތަކުން އަލިފާން ނިވެން ފަށައިފައިވާތީއެވެ.

އެ ގޮތުން އެންމެ ބޮޑަށް އަލިފާން ހިފި ޕެލިސޭޑްސް އަވަށުގެ އަލިފާންގަނޑުގެ 95 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. އެއީ 23،400 އޭކަރު އަނދައިފައިވަނިކޮށެވެ. ދެވަނައަށް އެންމެ ބޮޑަށް އަލިފާން ހިފި އީޓަން އަވަށުގެ އަލިފާންގަނޑުގެ 99 ޕަސެންޓް ވަނީ ކޮންޓްރޯލްވެފައެވެ. އެއީ 14،000 އޭކަރުގެ ބިން އެނދުމަށް ފަހުއެވެ. ހިއުސް ފަޔާގެ ނަން ދީފައިވާ އަލިފާންގަނޑުގެ 98 ޕަސެންޓް ވަނީ ކޮންޓްރޯލްވެފައެވެ. އެއީ 10،400 އޭކަރު އެނދުމަށް ފަހުއެވެ.

ލޮސް އެންޖަލިސްއަށް ލިބެމުންދާ ގެއްލުން ފޫބައްދަން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް ޖޯ ބައިޑެން އަންދާޒާކުރައްވައިފައިވަނީ 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އެވެ. ހުކުރު ދުވަހު ލޮސް އެންޖަލިސް ބައްލަވައިލައްވައިފައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އަލިފާނުގެ ކާރިސާއިން އަރައިގަންނަން ބޭނުންވާ ހުރިހާ އެހީއެއް ދެއްވާނެ ކަމަށެވެ.

ލޮސް އެންޖަލިސް އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މާދަމާ ނޫން އަނެއް ދުވަހު އޮންނާނެއެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް މިހާރު ވިކެމުންދަނީއެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *